ހަބަރު

ކެންދޫ ދާއިރާގެ ވޯޓު ފޮއްޓެއް ބާތިލުކޮށްދޭން އެދިއްޖެ

Apr 9, 2019
4

ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ބ. ކެންދޫ ދާއިރާގައި ބެހެއްޓި ވޯޓު ފޮއްޓައް ވޯޓުލީ މީހުންގެ އަދަދުތައް ދިމާނުވާކަމަށް ބުނެ، އެ ވޯޓު ފޮށި ބާތިލުކޮށް އަލުން އެ ފޮއްޓަށް ވޯޓުލުން ކުރިއަށް ގެންގޮސްދިނުމަށް އެމްޑީޕީން އިލެކްޝަންސް ކޮމިޝަނުގައި އެދެފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އެމްޑިޕީން އިންތިހާބީ ޝަކުވާއެއްގެ ގޮތުގައި ހުށަހަޅާފައިވަނީ ބ. ކެންދޫގައި ބެހެއްޓި އެއް ނަންބަރު ވޯޓު ފޮށީގެ މައްސަލައެކެވެ. އަދި ޝަކުވާގައި ހިމެނެނީ އެ ފޮއްޓަށް ވޯޓުލީ މީހުންގެ އަދަދު ބެލުމަށް އެ މަރުކަޒުގައި ގެންގުޅުނު ލިސްޓުތަކުގައި ފުށުއެރުންތަކެއް ހުރުމުންކަމަށްވެ އެވެ.

ނަމަވެސް، އެ ޝަކުވާގައި ހުށަހަޅާފައިވާ މައްސަލަތަކުގެ ތަފްސީލް އަދި ސާފުވާގޮތް ވަނީ ނުވެފަ އެވެ.

ކެންދޫ ސްކޫލުގައި ބެހެއްޓި އެ ފޮށީގެ ވަގުތީ ނަތީޖާއަށް ބަލާއިރު، އެ ވޯޓު ފޮށިން ކެންދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އަލީ ހުސެއިނަށް ލިބިފައިވަނީ 286 ވޯޓެވެ. އަދި އަމިއްލަގޮތުން ވާދަކުރެއްވި އަހުމަދު ރިޒާއަށް 141 ވޯޓު ލިބިފައިވައިރު، އެމްޑީޕީގެ ކެންޑިޑޭޓު އަހުމަދު ލަތީފަށް 66 ވޯޓު ލިބިފައިވެ އެވެ.

ކެންދޫ ދާއިރާއެއްގެ ވޯޓު ފޮއްޓެއްގެ ޝަކުވާއެއް ލިބިފައިވާކަމަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ.

ނަމަވެސް، ކޮމިޝަނުގެ ކޮމްޕްލެއިންޓްސް ބިޔުރޯއިން އެ ޝަކުވާ މެމްބަރުންނާ ހަމައަށް ނުފޮނުވާކަމަށާއި، އެ ޝަކުވާ ލިބުމުން މެމްބަރުންގެ މެދުގައި އެކަމަށް ގޮތެއް ނިންމަވާނެކަމަށް އަކްރަމް ވިދާޅުވި އެވެ.