ހަބަރު

ހޯމަ ދުވަހު މަޖިލީހުގެ ޖަލްސާއެއް ބާއްވަނީ

ހިނގަމުން މިދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ޖަލްސާ މި މަހުގެ 15 ވާ ހޯމަ ދުވަހު ބާއްވަން މަޖިލީހުގެ އިދާރާއިން ނިންމައިފި އެވެ.

މަޖިލީހުގެ އިދާރާއިން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ ޕާލަމެންޓަރީ ގްރޫޕް ލީޑަރުންގެ މަޝްވަރާގެ މަތިން، ދެން މަޖިލީހުގެ ޖަލްސާއެއް ބާއްވާނެ ތާރީހަކީ 15 އެޕްރީލް 2019 ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ކަނޑައަޅުއްވާފައިވާ ކަމަށެވެ. އެ ޖަލްސާ ވެގެންދާނީ މި އަހަރުގެ ފުރަތަމަ ދައުރުގެ ފަހު ޖަލްސާ އަށެވެ.

މީގެ އިތުރުން އެދުވަހުގެ ޖަލްސާއަށްފަހު ރައްޔިތުންގެ މަޖިލީސް ދެން ދާނީ ޗުއްޓީއަށެވެ. މަޖިލިސް ޗުއްޓީއަށް ދިއުމާއެކު 18 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ކުރި މެމްބަރުންގެ ދައުރު ވެސް ހަމަވެގެންދާނެ އެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ދެ ވަނަ ދައުރުގެ ޖަލްސާތައް ފަށާނީ އާ މެމްބަރުންނާއެކު ޖޫން މަހު އެވެ. ހޮނިހިރު ދުވަހު ބޭއްވި މަޖިލިސް އިންތިހާބު ކާމިޔާބު ކުރެއްވި ބޭފުުޅުން ހުވާކުރެއްވުން އަންނަ މަހުގެ ފަހުކޮޅު ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މަޖިލީހުގެ ވަގުތީ ނަތީއްޖާތައް ދައްކާ ގޮތުން މިހާތަނަށް އެންމެ ގިނައިން ގޮޑި ލިބިފައިވަނީ ވެރިކަމުގައި އޮންނެވި އެމްޑީޕީ އަށެވެ. އެއީ 65 ގޮޑި އެވެ. ދެން އެންމެ ގިނައިން ގޮޑި ލިބިވަޑައިގަތީ، މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ނިސްބަތްވާ ޖުމްހޫރީ ޕާޓީ އަށެވެ. އެއީ 6 ގޮޑި އެވެ. އެއަށްފަހު ޕީޕީއެމް އެވެ. ފީޕީއެމް/ޕީއެންސީއަށް ލިބިފައިވަނީ 7 ގޮނޑި އެވެ. އަމިއްލަ ގޮތުން ވާދަކުރި ހަ ކެންޑިޑޭޓަކު ވަނީ އިންތިހާބު ކާމިޔާބު ކޮށްފަ އެވެ. އަދި އެމްޑީއޭއަށް 2 ގޮނޑި، އެމްއާރުއެމްއަށް 1 ގޮނޑި ކާމިޔާބު ކުރެވިފައިވެއެވެ.