އިންޑިއާ އާއި ސްރީލަންކާގެ މެދުގައި އޮތް ނުތަނަވަސްކަން އެއްފަރާތްކޮށް ގުޅުން ބަދަހި ކުރުމަށްޓަކައި ދެ ގައުމުން މަޝްވަރާތަކެއް ބާއްވައިފި އެވެ.
ހޯމަ ދުވަހު އިންޑިއާގެ ޑިފެންސް ސެކްރެޓްރީ ސަންޖޭ މިތްރާ ވަނީ ލަންކާގެ ރައީސް މައިތިރިޕާލާ ސިރީސެނާ އާއި އެމަނިކުފާނުގެ ކޮލަމްބޯ އޮފީސްކޮޅުގައި ވަނީ ބައްދަލު ކުރަށްވާފަ އެވެ. މި ދެ ބޭފުޅުންގެ އިތުރުން ރައީސް ސިރީސެނާގެ ސެކްރެޓްރީ އުދަޔާ ސެނެވިރަތުނޭ އަދި އިންޑިއަން ހައި ކޮމިޝަނަރު ތަރަންޖިތު ސިންގު ވެސް މި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތެވެ.
ދެ ގައުމުގެ ވާހަކަތަކުގެ ތެރޭގައި ސަރަހައްދީ ސަލާމަތްތެރިކަން ވަރުގަދަކޮށް ދެ ގައުމުން އެއްބާރުލުން ދިނުމުގެ މުހިންމު ކަން ފާހަގަ ކުރި އިރު، ދެގައުމަށް މަސްތުވާތަކެތި ވައްދާ މަގުތަށް ބަންދުކޮށް ހިއުމަން ޓްރެފިކިންގް ހުއްޓުވުމަށް ކުރެވިދާނެ މަސައްކަތަކަށް ވެސް އަލި އަޅުވައިލެއްވި އެވެ.
ސަލާމަތީ ބާރުތަކަށް އިތުރު ތަމްރީނު ދިނުމުގެ ވާހަކައިގެ ތެރެއިން ރައީސް ސިރީސެނާ ވަނީ އިންޑިއާ ސަރުކާރުން ތަމްރީނު ކޮށްދޭ ލަންކާގެ ސިފަައިންގެ އަދަދު އިތުރު ކޮށްދޭން އެދި ވަޑައިގެންފަ އެވެ. އަދި ލަންކާގެ ތަމްރީނުދޭ މަރުކަޒުތައް އިތުރަށް ފުރިހަމަ ކުރަން ދިރާސާ ކޮށްދޭނެ ކަމަށް އިންޑިއާގެ މިނިސްޓަރު ވެސް ވިދާޅުވި އެވެ.
މި ބައްދަލުވުމަށްފަހު ދެ ގައުމުގެ ޑިފެންސް ސެކެޓްރީންގެ މެދުގައި އިތުރު މަޝްވަރާތައް ބާއްވާނެ ކަމަށް ލަންކާގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.