ވިޔަފާރި

ވާއު ކިޑްސް ރަންގެ ފަންޑް ރައިޒް ކުރާ ޕްލެޓްފޯމް ހުޅުވާލައިފި

Apr 9, 2019

ބޭންކް އޮފް މޯލްޑިވްސް އާއި ޓީއެފްޖީ ގުޅިގެން ބާއްވާ "ބީއެމްއެލް ވާއު ކިޑްސް ރަން" ގައި ފަންޑު ރެއިޒް ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ކުޑަކުދިންގެ ދުވުމެއްގެ ގޮތުގައި ބާއްވާ މި ހާއްސަ އިވެންޓު އޮންނާނީ މި މަހު 27 ވަނަ ދުވަހު އެވެ. މި ދުވުމުގައި ހަތަރު އުމުރު ފުރައެއްގެ ކުދިންނަށް ބައިވެރިވެވޭނެ އެވެ. މިގޮތުން ހަތަރު އަހަރާއި ހަ އަހަރުގެ އުމުރުފުރާ އާއި ހަ އަހަރާއި އަށް އަހަރުގެ އުމުރުފުރާ އަދި އަށް އަހަރާއި 10 އަހަރުގެ އުމުރުގެ ފުރާގެ ކުދިންނާއި، 10 އަހަރާއި 13 އަހަރުގެ ކުދިންގެ އުމުރުފުރާގެ ކުދިންނަށް ބައިވެރިވެވޭނެ އެވެ.

ބީއެމްއެލް އިން ފަންޑު ރެއިޒް ކުރުމަށްޓަކައި "ބީއެމްއެލް ވައު ކިޑްސް ރަން" ފަންޑު ރެއިޒިން ހަރަކާތް ކުރިއަށް ގެންދާނީ ހާކްއާ ގުޅިގެންނެވެ. މިއަދު ހުޅުވާލި ހާއްސަ ޕްލެޓްފޯމުން މެދުވެރިކޮށް ހޯދާ ފައިސާ ހަދިޔާ ކުރުމަށް ހަމަޖެހިފައިވަނީ އެ ޖަމިއްޔާ އިން ކުރިއަށް ގެންދާ ކުޑަކުދިންނަށް ބުލީ ކުރުމާއި ދެކޮޅު ކެމްޕޭން އަށެވެ.

ބީއެމްއެލް ވާއު ކިޑްސް ރަންގެ ފަންޑު ރެއިޒިން ޕްލެޓްފޯމްއާ ބެހޭ ގޮތުން އެ ބޭންކުގެ މެނޭޖަރު ޕްބަލިކް ރިލޭޝަން މުހައްމަދު ސައީދު ވިދާޅުވީ އެ ބޭންކުން މިއަދު ތައާރަފު ކުރި ޕްލެޓްފޯމް މެދުވެރިކޮށް 2،000ރ. އާ ހަމައަށް ފަންޑު ރެއިޒް ކުރެވޭނެ ކަމަށެވެ.

"ކޮންމެ ކުއްޖަކު މި ޕްލެޓްފޯމުގައި ރަޖިސްޓްރީ ކޮށްލައިގެން ފަންޑު ރެއިޒް ކުރެވޭނެ. މީގައި ކަނޑައަޅާފައިވާ ލިމިޓަކީ 2،000ރ. މި ލިމިޓް ހަމަވުމުން ހާއްސަ ބެޖެއް ލިބޭނެ،" ސައީދު ވިދާޅުވި އެވެ.

އެޑްވޮކޭޓިން ދި ރައިޓްސް އޮފް ޗިލްޑްރަން (އާކް) ގެ ޖީއެމް މުރުތަތާ މޫސާ ވިދާޅުވީ މި ޕްލެޓްފޯމު މެދުވެރިކޮށް ލިބޭ ފައިސާ ހޭދަ ކުރުމަށް ހަމަޖެހިފައިވަނީ ބުލީ ކުރުމާ ދެކޮޅަށް ހިންގާ ކެމްޕޭން ތަކަށް ކަމަށެވެ.

"މި ޕާޓްނާޝިޕްގެ ސަބަބުން އަޅުގަނޑުމެން ދެކެނީ ވަރަށް ބޮޑު ފަސޭހައެއް އަޅުގަނޑުމެން ހިންގާ ޕްރޮގްރާމްތަކަށް ވާނެ ކަމަށް. މި ޕްރޮގްރާމުން ލިބޭ ފައިސާ ރާއްޖޭގެ އެކި ހިސާބުތަކުގައި ހިންގާ ހަރަކާތްތަކަށް ހޭދަ ކުރާނެ،" މުރުތަﷲ ވިދާޅުވި އެވެ.

ބީއެމްއެލް އިން މިދިޔަ އަހަރު ވެސް ވަނީ މި ޕްލެޓްފޯމް ތައާރަފުކޮށްފަ އެވެ. މި އަހަރުގެ ދުވުމުގައި ކޮންމެ އުމުރު ފުރާ އަކުން 300 ކުދިންނަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އެގޮތުން ހަތަރު އުމުރު ފުރާއިން 1200 ކުދިންނަށް ބައިވެރިވެވޭނެ އެވެ.