ހަބަރު

ކަރަންޓްގެ މައްސަލަ ހައްލު ކުރުމަށް ފެނަކައިގެ ޓީމެއް ނެއްލައިދޫ އަށް

ހދ. ނެއްލައިދޫ ކަރަންޓްގެ މައްސަލަ ހައްލަކުރުމަށް ފެނަކައިގެ ޓެކްނިކަލް ޓީމެއް މިއަދު ނެއްލައިދޫއަށް އަންނާނެ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

ނެއްލައިދޫ ކައުންސިލްގެ ނައިބު ރައީސް މުހައްމަދު އިލްހާމް ވިދާޅުވީ ނެއްލައިދޫ ކައުންސިލަށް މައުލޫމާތު ދީފައި ވަނީ ފެނަކައިގެ ޓީމެއް އެރަށަށް ދިއުމަށް ހަމަޖެހިފައި ކަމަށެވެ. އިލްހާމް ވިދާޅުވި ގޮތުގައި ފެނަކައިގެ ޓީމް މިހާރު ވަނީ މާލެ އިން ފުރާފަ އެވެ. އަދި މިއަދު މެންދުރުގެ ކުރިން އެ ރަށަށް އަންނާނެ ކަމަށްވެސް ނެއްލައިދޫ، ފެނަކަ ބްރާންޗުން ބުނެފައިވާ ކަމަށް ކައުންސިލަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ރައީސް އޮފީހުން ވަނި ޔަގީންކަން ދީފައި، މި މައްސަލަަ ހައްލު ކޮށްދޭނެ ކަމުގެ. މިހާރު ފެނަކައިގެ ޓީމް މި ރަށަށް އަންނަން ފުރާފައި ވަނީ. މިއަދު މެންދުރު އަންނާނެ ކަމަށް ނެއްލައިދޫގެ ފެނަކަ ބްރާންޗުންވެސް ބުނި" ކައުންސިލަރު ވިދާޅުވި އެވެ.

އިލްހާމް އިތުރަށް ވިދާޅުވީ ކަރަންޓުގެ މައްސަލައިގައި ރައީސް އޮފީހުން ޖަވާބެއް ލިބުމުން ރައްޔިތުން ކުރަމުންދިޔަ މުޒާހަރާ މިވަގުތަށް ހުއްޓާލާފައިވާ ކަމަށެވެ. އަދި، ފެނަކައިން ފޮނުވާ ޓީމުން ދިރާސާ ކުރުމަށްފަހު ކަރަންޓުގެ މައްސަލަ ހައްލުވާނެ ކަމުގެ ޔަގީންކަން ރައީސް އޮފީހުން ދީފައިވާ ކަމަށް ނެއްލައިދޫ ކައުންސިލްގެ ނައިބު ރައީސް ވިދާޅުވި އެވެ.

ނެއްލައިދޫއިން ކަރަންޓު ކެނޑޭ މައްސަލަ މީގެ ކުރިންވެސް ދިމާވެފައިވާ ކަމަށް އިލްހާމް ވިދާޅުވި އެވެ. އެ ރަށުގައި މީހުން އުޅޭ 200 އަށް ވުރެ ގިނަ ގެ ހުރި އިރު ކަރަންޓު ދިނުމަށް ބޭނުން ކުރަނީ 120 ކިލޯވޮޓްގެ ޖަނަރޭޓަރެއް ކަމަށާއި އެކަމުގެ ސަބަބުން އިންޖީނުގެ އާ ދުރު ހިސާބުތަކަށް ކަރަންޓު ދިނުމުގައި މައްސަލަ ދިމާވާ ކަމުގެ ޝަކުވާ ކައުންސިލަށް ލިބެމުން އަންނަ ކަމަށް ވެސް އިލްހާމް ފާހަގަ ކުރެއްވި އެވެ.

ނެއްލައިދޫއިން އިރުއިރުކޮޅުން ކަރަންޓު ކެނޑާތާ ދެ މަހެއްހާ ދުވަސް ވަނީ ވެފަ އެވެ. ސްކޫލުން ވެސް ކަރަންޓު ދާތީ ކިޔައިދިނުމަށް ވެސް ވަނީ ދަތިވެފަ އެވެ. ބައެއް ގަޑިތައް ކުލާސް ރޫމުން ބޭރުގައި ވެސް ނަގައިދޭން ޖެހެ އެވެ.