(7 އެޕްރިލް 2019 އާ ގުޅޭ)
ޒިޔަޒެލްމެންނާއެކު ތިބުމަށް ހަމަޖެހިފައިވާ ބައިގައި ރައުލް ނިދާ ކޮޓަރީގެ ތެރެއަށް އޭނާގެ ހުރިހާ އެކުވެރިން ޖާމާކުރިއެވެ. އެއިން ކޮންމެ މީހެއްގެ މޫނަށް ވަކިވަކިން ރައުލް ބަލާލިއެވެ.
"ރައުލް!... ކަލޭގެ ބޮލުގައި ހިނގައި ޚިޔާލުތައް ނުބުނާހާ ހިނދަކު އަހަރެމެންނަކަށް ނޭނގޭނެ، ކުއްލިއަކަށް އަހަރެމެންނަށް އަންނަން އެންގީ ކޮންމެވެސް ކަމެއްވެގެންކަން އެނގޭ... ދެން ތިހެން ނުހުރެ ބުނަންވީނު" ރާވިން ވާހަކަދެއްކިއެވެ.
"ކަލޭމެން ކޮންމެ މީހަކަށް އަހަރެން ވަރަށް އިތުބާރުކުރަން، ތިތަނުން މީހަކު އަހަރެންނަށް ދެރައެއްދޭން ރާވާނޭ ދުވަހަކުވެސް ހިތަކަށްނާރާ، އެކަމަކު... އަހަރެން... އަހަރެންނަށް ވެސް ވަށައިގެން ހިނގާ ހުރިހާކަމެއް ނޭނގޭ، އެހެންވެ ފަރުދާވެ ޚިޔާނާތްތެރި ހުއްޓަސް އެއީ ކާކުކަމެއް ސީދާ ބުނުމަކީ އުނދަގޫކަމެއް" ރައުލް ބުންޏެވެ. އޭނާގެ މޫނުގައިވި މާޔޫސްކަމުގެ އަސަރު ފެނި އެންމެން އެކަކުއަނެކަކަށް ބަލާލީ ހައިރާންވެގެންނެވެ. އެފަދަ ބަލިކަށިކަމެއް ރައުލްގެ ފަރާތުން އެ މީހުން ދުށް މީ ފުރަތަމަ ފަހަރެވެ.
"ރައުލް... ވީގޮތް ބުނޭ، މިތަނުގައި ކަލޭގެ މައްޗަށް ޚިޔާނާތްތެރިވާނޭ މީހަކުނެތް، ކަލޭ ކަންބޮޑުވާވަރުގެ ކަމެއް އަހަރެމެންގެ ފުށުން ފެނުނުކަމަށްވާނަމަ އެކަން ވެސް ބުނީމަ އެނގޭނީ... ސީދާ ވީގޮތް އަހަރެމެން ގާތު ބުނޭ" ސޭމެސް ކުރިއަށް ނުކުމެ ރައުލްއާ ކުރިމަތިލައިގެން ހުރެ ބުންޏެވެ. އެހިނދު ރާވިން ވެސް ރައުލްއަށް ގޮވާލިއެވެ.
"އީޝަލް ނިދާފައިވަނިކޮށް އޭނާގެ ބުއްދިއާ މީހަކު ކުޅުނީ... އެކަން ކުރީ އަހަރެމެންގެ ތެރެއިން ޖިންނިއެއް، އީޝަލްއަށް އައިސްފައިވާ ބަދަލުން އަހަރެންނަށް އެ މީހުންގެ ވާހަކަތައް ޔަގީންކުރަން، ރޭގައި އެވީ ކަންތަކުން އީޝަލްއަށް ލިބުނު ސިހުމުގެ ބިރުވެރިކަން އޭނާގެ ނަފްސުން ފިލައިގެން ނުދާކަން އަހަރެންނަށް އެނގޭ، ލާމިއާ އިޝާރާތްކުރަނީ ކުރަނީ ކާކަށްކަމެއް އަހަރެންނަކަށް ނޭނގުނު، އަހަރެންނާއެކު އުޅޭ އަހަރެން އެންމެ އިތުބާރުކުރާ އެކުވެރިންގެ ތެރެއިން މީހަކަށްކަމެއް، ނޫނީ މިތަނުގައި ދިރިއުޅޭ އަހަރެމެންގެ ނަސްލުގެ ޖިންނިއަކަށްކަމެއް... އޭނާ ތަފްޞީލެއް ނުދިން، އީޝަލް އަހަރެންނާ ދުރުދުރުން އުޅޭއިރު ހީވަނީ އަހަރެންނާ ކުރިމަތިލާން އުނދަގޫވެގެން އުޅޭހެން... އޭނާ އެ ވާހަކައެއް އަހަރެންނާ ޚިއްޞާކުރަން ބޭނުންނުވާ ކަހަލަ... އަހަރެން އޭނާ ގެނައީ ފުރިހަމަ ރައްކާތެރިކަން ދޭނަންކަން ވަޢުދުވެފައި" ރައުލްއަށް އިސްޖަހާލެވުނެވެ. އެހިނދު ސޭމެސް އޭނާގެ ކޮނޑުގައި ހިފާލިއެވެ. އަދި އެތަނުގައި ދެން ތިބި މެންބަރުންނާ އޭނާ ކުރިމަތިލިއެވެ. އެވަގުތު ދާރިއުސް ވާހަކަދެއްކިއެވެ.
"އަހަރެމެން ހުރިހާ އެންމެން ތިބީ ރައުލްގެ ގާތުގައި، އަހަރެމެންނަށް ނުނިދިގެން ތިއްބައެއްނު ރައުލްއަށް އީޝަލް ހުރި ބައިން ކަމެއް ހިނގާކަން އެނގުނީ، އަހަރެމެން އެންމެން ނުކުތްއިރު ޒިޔަޒެލް ވެސް އޭނާގެ ކޮޓަރިން ނުކުތީ... އަހަރެން... އަހަރެން ދުވަހަކުވެސް ކަލޭމެން ދެ މީހުންނަށް ދެރަގޮތެއް ވުމަކަށް ނޭދޭނަން" ދާރިއުސް ބުންޏެވެ. ރާވިން އައިސް ރައުލްގެ ކުރުތާގެ މޭމަތީ ހިފައި އަތުގެ ތެރެއަށް ބޮނޑިކޮށްލައި އޭނާ ތަޅުވައިގަތެވެ.
"ކަލޭގެ ބުއްދިން ބައެއް އުނިވީހެން ހާދަ ހީވޭ، އަހަރެމެން ކަލޭގެ ބުރަކަށްޓަށް ހަންޖަރު ހަރާލުމުގެ ކުރިން އަމިއްލަ ނަފްސު އެ ހަންޖަރުން ކަތިލާނަން، ދެވަނަ ފަހަރަށް ކަލޭ ތިކަހަލަ ވިޔާނުދާ ވާހަކައެއް ނުދައްކައްޗޭ" ރާވިން ބުނެލީ ތަންކޮޅެއް ބާރަށް ހަރުކަށިކަމާއެކުއެވެ.
"ރާވިން..." ރައުލް މަޑުމަޑުން ގޮވާލިއެވެ.
"ކަލޭގެ ޙައްޤަކަށް އަރައިގަތުމަކީ އަހަރެމެންގެ ވެސް ޙައްޤަކަށް އަރައިގުން ފަދަ... އެ މީހަކު ހޯދައި އަހަރެންގެ ކަނޑީގައި ހުރި ތޫނުކަން އޭނާއަށް އަންގާލަން ބޭނުންވަނީ، އެއީ ކޮންމެ މީހަކަށް ވިޔަސް އެކުރީ ސަޒާ ލިބެންޖެހޭވަރުގެ ކުށެއް، އޭނާއަށް ހުއްދަ ލިބިގެންނުވާ އިމެއް ފަހަނައަޅައި އެ ދިޔައީ" ރާވިން ބުންޏެވެ.
"ރައުލް، އޭނާ ދެވަނަ ފަހަރަށް އެކަންކުރަން ފުރުޞަތުދީގެން ނުވާނެ، މިވީ ގޮތުން އަހަރެމެން ފިޔަވައި އެކަކަށް ވެސް އިތުބާރުކޮށްގެން ނުވާނެ، އަހަރެންނަށް ފެންނަނީ މިރޭ ފާރައަށް ތިބެން، އިރުއަރާއިރު އެ މީހުން ދަތުރަށް ނުކުންނާނެ، އެވަގުތު ޖެހެންދެން އަހަރެމެން ތިބެންޖެހޭނީ ސަމާލުވެ" ސޭމެސް ބުންޏެވެ. އެކަމަށް އެއްބަސްވަމުން ރައުލް ބޯޖަހާލިއެވެ.
* * * * *
ފުން ޚިޔާލުގެ ކަނޑުގައި އޮޔާދަނިކޮށް ހަޤީޤަތުގެ އައްސޭރިއަކަށް އީޝަލް ގެނުވީ ޒިޔަޒެލްއެވެ. އީޝަލްގެ ބޮލުގައި ފިރުމާލައި އޭނާގެ ވައަތްތިލަ ނަގައި ޒިޔަޒެލްގެ ދެއަތުގެ ތެރޭ ހިފަހައްޓާލަމުން ލުއި ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.
"އަދިވެސް ތި ވިސްނަނީ ރޭގައި ހިނގައިދިޔަ ކަންތައްތަކާމެދުތަ؟" ޒިޔަޒެލް އެއްސެވެ. އެއާއެކު އީޝަލް ދެފަރާތަށް ބޯހޫރުވާލީއެވެ.
"އީޝަލް... މަގޭ ދަރިފުޅާ... ތި މޫނުގައިވި ހިނިތުންވުން ގެއްލި ކުލަ ފަނޑުވެއްޖެ، ތި ހަމަހިމޭންކަން އަހަރެންނަށް އުނދަގޫކުރޭ، އީޝަލް، އަހަރެންނަށް ވެސް ކަންކަން ސިއްރުކުރަނީތަ؟، މީކާޢިލް ނުގެނެވުނުކަން ނަސީބެއް، އެހެންނޫންނަމަ މިހާރު އޭނާއަށް ކަލޭގެ ހާލުފެނި ކުރާނޭ ކަމެއް ވެސް ސިފަނުކުރެވޭ" ޒިޔަޒެލްގެ އަޑުގައިވީ އާދަޔާ ޚިލާފު މަޑުމައިތިރިކަމެކެވެ.
"މީ އަހަރެންނަށް ލިބުނު ފިލާވަޅެއް، ކުރިއަށް އޮތްތާ އަހަރެންގެ ނަފްސު ތައްޔާރުކުރުވާނޭ ތަޖުރިބާއެއް" އީޝަލް ބުންޏެވެ.
"ކަލޭގެ ވާހަކަދެއްކުން ވެސް ބަދަލުވެއްޖެ" ޒިޔަޒެލް ކުޑަކޮށް ހީނލިއެވެ. އަދި އިރުކޮޅަކު ހިމޭނުން ހުރެފައި އަނެއްކާ ވެސް އީޝަލްއަށް ގޮވާލިއެވެ.
"ރައުލްއާ މެދު ހިތްހަމަނުޖެހެނީތަ؟ އެއީ އީޝަލް ޚިޔާރުކުރި ބައިވެރިޔާ، އަދިވެސް ވަގުތު އެބައޮތް، މިކަން ހުއްޓާލަން ބޭނުންވާނަމަ ބުނޭ... އީޝަލް އެދޭ ގޮތަކަށް ކަންތައްވާނީ، އަހަރެން އެކަމުގެ ޔަގީންކަންދެން" ޒިޔަޒެލް ބުންޏެވެ.
"ނޫން... އޭނާ... އޭނާ ދެކެ އަހަރެންނަށް ލޯބިވެވުނީ، ޒިޔަޒެލް... ރައުލްނޫން ޖިންނިއަކު އަހަރެންނަށް ބަލައިނުގަނެވޭނެ" އީޝަލް ބުންޏެވެ.
"އެހެންވީރު އޭނާއާ ގަޔާނުވާހެން އަހަރެންނަށް ހީވަނީ ކީއްވެ؟" ޒިޔަޒެލް ބުންޏެވެ. މިފަހަރު އީޝަލްއަށް ހިތުގައި އޮތް އެއްޗެއް ދުލާ ހަމައަށް ގެންނާކަށް ނުކެރުނެވެ. ނަމަވެސް ލޮލުން ނިރާލި ކަރުނަތައް ނުހިފެއްޓޭގޮތްވިއެވެ. ނިކަން އަވަހަށް އީޝަލް އިސްޖަހާލިއެވެ. އެހިނދު އޭނާގެ ކޮނޑުގައި ހިފައި ޒިޔަޒެލް ގާތްކޮށްލައިފިއެވެ.
"ރައުލްއަކީ އީޝަލް ޚިޔާރުކުރި ބައިވެރިޔާ، ކިތަންމެ ގިނަ ބާރުތަކެއްލިބުނަސް އަހަރެމެންނަކީ އުނި ސިފަތައް ގިނަބައެއް، ހުރިހާ ގޮތަކުން އެންމެ ފުރިހަމައެއް ނުވެވޭނެ، އޭނާގެ ފުށުން އެފަދަ އުނިކަމެއް ފެނިއްޖެނަމަ އެކަމުގެ ވާހަކަ އޭނާއާ ދައްކާ، ހިތުގައިވާ އެއްޗެއް ހާމަކުރުން އެންމެ ޙައްޤުކަން ބޮޑީ އެ ހިތް މިލްކުކުރި ބައިވެރިޔާއާ، ދެމެދުގައި ހަރުދަނާ އިތުބާރު ހިފޭ ރަނގަޅުގުޅުމެއް ދެމެހެއްޓުމަށް ޓަކައި ދެމެދުގައި ވާހަކަދައްކައި ޚިޔާލު ބަދަލުކުރުން މުހިންމު، އަބަދުވެސް ތެދުވެރިކަން ޚިޔާރުކުރާތި، ރައުލްއާ މެދު އަހަރެން ރުހުނީ ސަބަބަކާ ނުލައެއްނޫން، ފަހަރެއްގައި ލޯތްބަކީ އޭނާއަށް ވެސް އާ އިޙްސާސްތަކަކަށް ވެދާނެ، އެހެންވެ ކަންތައްކުރަންވީ ގޮތް ނޭނގިފައި ހުރެދާނެ، އަނެއްކޮޅުން އޭނާއާއި އޭނާގެ އެކުވެރިން ނިންމި ނިންމުގެ ސަބަބުން އެވަނީ ޢާއިލާގެ ނުރުހުމާ ކުރިމަތިލާންޖެހިފައި، މިފަދަ ވަގުތެއްގައި ރައުލް ވިސްނަންޖެހޭ ކަންތައްތައް ގިނަވާނެ، އޭނާގެ ބެލުންތަކުގައިވަނީ ކީކޭކަން އަހަރެންނަށް އެނގޭ، އެފަދަ ކުލުންވެރިކަމެއް ކަލޭގެ ބައްޕަގެ ލޮލުން ވެސް އަހަރެން ދުށިން، އޭނާގެ ދުލުން މިޝަލްގެ ނަންކިޔާލާ ކޮންމެ ފަހަރަކު އެ އަސަރުތައް އޭނާގެ ދެ ލޮލުން ފާޅުވާނެ، އަމިއްލަ އިޚްތިޔާރުން ބޭރުގައި... ހެ ހެ ހެ ހެ.... ޒުވާންކަމުގެ ޖޯޝުގައި ހިތުގައި އުފެދޭ އަލަތު ލޯބީގެ ޖަޒުބާތުތަކަކީ އޭގައި ތަފާތު ފޮނިކަމެއްވާ މީރުކަމެއް، އީޝަލް، ހިތުގައިވާ އެއްޗެއް އަނެއްކާއާ ޚިއްޞާނުކުރާނަމަ އެކަމުން ނުކުންނާނޭ ނަތީޖާއެއް ޔަގީނެއްނުކުރެވޭނެ، ހީއެއްގެ މައްޗަށް ބަރޯސާވެ އެކަން ޤަބޫލުކުރެވިއްޖެނަމަ މުޅި ހަޤީޤަތް އޮޅުންފިލާއިރު މާބޮޑަށް ވެސް ލަސްވެދާނެ، އޭރުން އޮންނާނީ ވަގުތު ފާއިތުވެފައި" އީޝަލް ގާތްކޮށްލައިގެން ހުރެ އޭނާގެ ބޮލުގައި ފިރުމަމުން ޒިޔަޒެލް ވާހަކަދެއްކިއެވެ. އޭނާގެ ވާހަކަތަކުން އީޝަލްއަށް ފައިދާކުރިއެވެ.
* * * * *
ޒަގަން ގޮވައިގެން އައި ލާވީ ވަނީ ބޭރީތު ދިރިއުޅޭ ބަޔަށެވެ. އޭރު ހާމަފެންޑާގައި ހިލައިގެ ބޮޑު ގޮނޑިއެއްގައި ތަނބުތަކުގެ ތެރެއިން ތަޅުމަށް އެޅިފައިވާ ލޮނުގަނޑުގެ ރިވެލީގެ ހިޔަންޏަށް ނަޒަރު ހުއްޓާލައިގެން ބޭރީތު އިނެވެ. ހީވަނީ ފުން ވިސްނުމަކަށް އޭނާ ގެއްލިފައި އިނީ ހެނެވެ. ލާވީ ގޮވާލުމާއެކު ބޭރީތު އިސްއުފުލައި ކުރިމަތީ ތިބި ލާވީއާއި ޒަގަންއަށް ބަލާލިއެވެ. އެތަނުގައި ހުރި ގޮނޑިތަކަށް ބޭރީތި އިޝާރާތްކުރިއެވެ. އޭނާ ވާހަކަދެއްކީ އެ މީހުން ގޮނޑިތަކުގައި އިށީނދެ ހަމަޖެހުމުންނެވެ.
"ރޭގައި ގަނޑުވަރުގެ އުތުރު ފަރާތަށް ދިޔައީންތަ؟" ބޭރީތު ސުވާލުކުރީ ސީދާ ޒަގަންއަށް ނަޒަރު ހުއްޓާލައިގެން އިނދެއެވެ.
"ކިހިނެއްވީ؟ މިއުޒިކު ކުޅުނު ވަގުތު ހުރިން" ޒަގަން ބުންޏެވެ. އޭނާގެ މޫނުން ސިހުމުގެ އެއްވެސް އަސަރެއް ބޭރީތަކަށް ނުފެނުނެވެ.
"ރައުލްގެ އަނބިމީހާއާ..." ބޭރީތު ބުނަން އުޅުނު އެއްޗެއް ފުރިހަމަ ނުކެރެވެނީސް ޒަގަން ވާހަކަދެއްކިއެވެ.
"އެއީ އޭނާގެ އަނބިމީހާއެއްނޫން... އީޝަލް... އެއީ އޭނާގެ ނަން، ކޮންމެހެން އޭނާގެ އަނބިމީހާއޭ ނުބުންޏަސް ކާކުގެ ވާހަކަކަން ބައްޕަ ދައްކަން ތިއުޅެނީ އެނގޭނެ" ޒަގަންގެ ޠަބީޢަތް ބަދަލުވިކަން ބޭރީތާއި ލާވީއަށް ވެސް އެނގުނެވެ. މިނޫނީ ބޭރީތު ބުނަން އުޅޭ އެއްޗެއް ފުރިހަމަ ނުވަނީސް ބަހެއްބުނާކަށް ޒަގަންއަކަށް ނުކެރޭނެއެވެ. އަނެއްކޮޅުން ހިތުގައި ވަހުމް އުފެދުނެވެ. އީޝަލްއަކީ ރައުލްގެ އަނބިމީހާއޭ ބުނުމުން ޒަގަން ނުރުހުންވާން ޖެހުނު ސަބަބެއް ބޭރީތަށް ވިސްނުނު ކަހަލައެވެ.
"ޒަގަން... ރޭގައި ކީއްކުރީ؟ އީޝަލްއަށް ކަލޭގެ ފުށުން ގޯނާއެއް ކުރިންތަ؟" ބޭރީތު އެއްސެވެ.
"ބައްޕަ އަޅުގަނޑާ ތި ސުވާލުކުރަން ޖެހުނީ ކީއްވެ؟" އިރުކޮޅަކު ބޭރީތަށް ނިކަން ފުން ނަޒަރަކުން ބަލަން އިނދެފައި ޒަގަން ސުވާލުކުރިއެވެ. ބޭރީތު އަޖައިބުވެގެން އެ ތަނުގައި އިން ލާވީއަށް ބަލާލިއެވެ. ޒަގަން ހަޤީޤަތް ހާމަކުރަން ބޭނުންނުވަނީކަން އޭނާ ނުބުންޏަސް ސާފުކޮށް ބޭރީތަށް އެނގުނެވެ.
"ލާވީ... އޭނާއަށް ބުނެދީބަލަ" ބޭރީތު ބުންޏެވެ.
"ރޭ ދަންވަރު ހަކީމަށް ބޮޑުބޭބެ ކިޔާ ޖީލަން، ދަންވަރުގެ ވަގުތެއްގައި ގަނޑުވަރުގެ އުތުރުބައިގައި ޒަގަންއާ ބައްދަލުކުރަން ހުއްޓާ ފެނިފަވަނީ، އަދި ޖީލަން އެނބުރި އޭނާގެ ޢާއިލާ ގާތަށް ނާދޭ، އޭނާއަށް ވީގޮތެއް ނޭނގިފައިވަނީ، ބެލިބެލުމުން ބުރަވެވެނީ އޭނާގެ ފުރާނައެއްނެތްކަން" ލާވީ ތަފްޞީލުކުރިއެވެ.
"ޒަގަން!... ބުނޭ ރޭގައި ކުރިކަމެއް... ކަލޭ ތިއުޅެނީ އަހަރެންނާއި އެ މީހުންގެ ދެމެދު ދުޝްމަންކަން އުފައްދަންތަ؟ އެއީތަ ކަލޭގެ ބޭނުމަކީ" ބޭރީތު ވާހަކަދެއްކީ ނިކަން ވިސްނައިގެންނެވެ. ޒަގަން އެއްވެސް އެއްޗެކޭ ނުބުންޏެވެ.
"އަހަރެން ކަލެއަށް މިވަގުތުން ފެށިގެން މަނާކޮށްފިން ގަނޑުވަރުގެ އެބަޔަށް ދިއުމަށް، އެ މީހުން ފެންނަ ހިސާބަށް ވެސް ގޮސްގެންނުވާނެ، އެބުނާ ޖީލަންއެއް އެންމެފަހުން ބައްދަލުކުރީ ޒަގަންއާ... އެކަމުގައި ޒަގަންގެ އަތެއްވާކަން އަހަރެންނަށް ޔަގީން" ބޭރީތު ބުންޏެވެ. ނުރުހުންވެފައި އިން ޒަގަން ދަތްކުނޑިވިކާލިއެވެ.
"އީޝަލްއާ ބައްދަލުކުރާނަން" ޒަގަން ބުނެލިއެވެ. ބޭރީތު އިން ތަނުން ތެދުވިއެވެ.
"އެއީ ކަލޭގެ އަންހެނެއްނޫން" ބޭރީތު އަމުރުވެރި ރާގެއްގައި ބުންޏެވެ.
"އެހެންވީރު އަޅުގަނޑުގެ އަންހެނަކަށް ހަދާނަން" ޒަގަން ވެސް އިންތަނުން ތެދުވިއެވެ.
"ޒަގަން... ކަލޭ... ކަލޭ އެ އަންހެންކުއްޖާދެކެ ލޯބީތަ؟ ނޫނީ ތީ ރައުލްއާ އޮތް ޒާތީ ރުޅިވެރިކަމުގެ ބަދަލުގައި ކުރަން އުޅޭކަމެއްތަ؟" ބޭރީތުގެ އަޑު ގަދަވިއެވެ.
"ލޯބި..." ސިއްރެއް ފަދައިން ޒަގަންގެ ދެތުންފަތުން އެ ލަފްޒު ނުކުތެވެ. އޭނާގެ ނަފްސުގައިވި ހަރުކަށިކަން ކެނޑިގެންދިޔައެވެ. މަޑުމަޑުން އިސްޖަހާލެވުނީ އާދަޔާ ޚިލާފު ހިމޭންކަމެއް ނަފްސަށް އިޙްސާސް ކުރެވުނީމައެވެ. "ލޯބި" އެ ލަފްޒަކީ ޒަގަންއަށް މުޅިން ބީރައްޓެހި ލަފުޒެކެވެ. އިޝްޤަކީ ކޮބައިކަން ދެނެގަތުމުގެ ޝައުގުވެރިކަމެއް ވެސް އޭނާގެ ނުވެއެވެ. އެހެންވެ އީޝަލް ދުށްފަހުން ބުއްދިއާއި ހިތާއި ނަފްސަށް އަންނަމުންދިޔަ ބަދަލުތަކަށް ދޭނޭ ނަމެއް އޭނާއަކަށް ނޭނގެއެވެ. ޖިސްމުގައި އުފެދިފައިވާ ހޫނުކަން ފިނިވާގޮތެއްނުވިއެވެ. އަރުގައިވީ ކަރުހިއްކުމުގެ އަސަރު ހައްތަހާވީ އިތުރެވެ. ހަވާސް ވެސް އޭނާއަށް އޮޅުވާލަން މަސައްކަތްކުރާ ކަހަލައެވެ. ކަމަށް ބޭނުންވެ އެކަން ފުރިހަމަނުވެގެން ޒަގަންގެ ޟަމީރު ވެސް ބޭޤަރާރުވެފައިވާ ކަހަލައެވެ. އެ ހުރިހާ ކަމަކުން މިންޖުވެވޭތޯ އޭނާ މަސައްކަތް ކޮށްފިއެވެ. ހޫނު ބީހުމަކުން ހަށިގަނޑަކަށް އަރާމެއް ނުލިބުނެވެ. މީރު ބުއިމަކުން ކަރުހިއްކުން ފިލައިގެނެއް ނުދިޔައެވެ. އެއިން އެއްވެސް ކަމެއް ޒަގަންގެ ނަފްސު ބަލައިގަންނަން ދެކޮޅު ހަދާކަހަލައެވެ.
"ޒަގަން..." ބޭރީތު ދެތިން ފަހަރަށް ގޮވާލިއެވެ.
"އޭނާ ވާނީ އަޅުގަނޑުގެ އަނތްބަކަށް" ޒަގަން ބުންޏެވެ.
"ޒަ..ގަ..ން.." ބޭރީތަށް ހަޅޭލަވައިގަނެވުނެވެ.
"އީޝަލް ވަނީ ރައުލް ބަލައިގަނެފައި" ބޭރީތު ވިސްނައިދޭ ފަދައިން ބުނެލިއެވެ. ނަމަވެސް ޒަގަންގެ މޫނުގައިވީ އަސަރުތަކުން އޭނާ ދައްކާ ވާހަކައެއްގެ އަސަރު ޒަގަންއަށް ނުކުރާކަން ބޭރީތަށް އެނގުނެވެ.
"ކޮންމެ ގޮތަކުން ވެސް އޭނާ މިލްކު ކުރާނަން" ޒަގަން ބުންޏެވެ. ބޭރީތަށް ހީވީ އޭނާގެ މޫނުގައި މާޒީގެ އަތްތިލައަކުން ވިހެލިހެނެވެ. އާގަމަވެފައި ހުއްޓައި އޭނާގެ ކުރިމަތިން ޒަގަން ގޮސް ގެއްލިއްޖެއެވެ. ބޭރީތަށް އޭނާގެ ނިތްކުރީގައި އެއްއަތުން ހިފަހައްޓާލެވުނެވެ.
"ބޭރީތު" ކުއްލިއަކަށް ލާވީ ގޮވާލިއެވެ. ދެން އިވުނީ ބޭރީތު ހޭންފެށި އަޑެވެ.
"ލާވީ... އަހަރެން... އަހަރެން ވެސް ބުނީ އެހެންނު... ހަނދާން އެބަހުރިތަ؟... ލާވީ!... ޖިސްމު މިލްކު ވިޔަސް ހިތް މިލްކުނުވާނަމަ އެކަމުގެ އުފަލެއް ކޮބާ؟... މީ ޖިލައްޔާ އަހަރެންގެ މައްޗަށް ކުރި ބަދު ދުޢާއެއްތަ؟... ނޫނީ އެ މީހުންގެ ރީތިކަމަކީ ވަރުގަދަ ސިހުރަކީތަ؟... ލާވީ، މިއިން އެއްވެސް ކަމެއް ކުރިން ނޭނގުނީ ކީއްވެތަ؟... އެ މީހުންގެ ތެރެއިން އަންހެންކުއްޖަކު އައިސް އަހަރެން ހަމަޖެހުން ނަގާލާނޭކަން ނޭނގުނީ ކީއްވެތަ؟... މީ ބަދަލު ހިފުމެއްތަ... އަހަރެން އެ މީހުންގެ ގާތަށް އެ ދަރިފުޅު ހިނގައިދާނޭތީ ކުރެވެންހުރި ހުރިހާކަމެއް ކުރިން، އެކަމަކު ދެކެބަލަ... އޭނާ އެއައީ އެ މީހުންގެ ތެރެއިން އަންހެންކުއްޖަކު ގޮވައިގެން، އެ ދުވަހު ދުށް ރީތިކަމަށްވުރެ އެތައް ގޮތަކުން ފުރިހަމަ" ބޭރީތު ހެމުން ވާހަކަދެއްކިއެވެ. އެހެންވިޔަސް އޭނާގެ އަޑުގައި ފޮރުވިފައިވާ ރިހުން ލާވީ ދެނެގަތެވެ. އޭނާ އަނގައިން ނުބުނެ ހިމޭނުން ހުރީ އެހެންވެއެވެ.
* * * * *
އެންމެން ނިދަން ކޮޓަރިތަކަށް ވަންނަމުންދިޔައިރު އީޝަލް ހުރި ތަނުގެ ވަށައިގެން ރައުލްއާއި އޭނާގެ ބައިވެރިން ފާރައަށް ތިއްބެވެ. އިރުއިރުކޮޅާ އެހިސާބު ވަށައިގެން އެ މީހުން ފީނައި ބުރު ޖަހަމުންދިޔައެވެ. ރޭގަނޑުގެ ކެއުމުގައި އީޝަލް ބައިވެރިއެއް ނުވެއެވެ. އެކަމާ ވެސް ރައުލް ހުރީ ކަންބޮޑުވެފައެވެ. މީހެއްގެ ހިލަމެއްވެދާނޭތީ އަމިއްލައަށް ބަންދުވެގެން އީޝަލް އިންނަ ކަހަލައެވެ. ޒިޔަޒެލްގެ ގާތުން ހުއްދަ ހޯދައި އީޝަލްގެ ކޮޓަރިއަށް ރައުލް ވަނެވެ. ކޮޓަރީގެ ބޭރުގައި ދޮރުފަތުގައި ލެނގިލައިގެން ލާމިއާ ހުއްޓެވެ.
"ރައުލް..." އެނދުގައި އިނދެފައި ކުއްލިއަކަށް އީޝަލް ފޭބިއެވެ.
"ޒިޔަޒެލް ހުއްދަ ދިނީމަ" ނިކަން އަވަސް އަރުވާލާފައި ރައުލް ބުންޏެވެ. އީޝަލްގެ ހަރާކާތްތައް ހުރި ގޮތުން އެ ދެމެދަށް ވެރިވެފައިވާ ދުރުކަން އިޙްސާސް ކުރެވި ރައުލްގެ ހިތަށް ތަދުވިއެވެ.
"އަހަރެން ގާތްނުވާންވީތަ؟" ރައުލް މަޑުމަޑުން އަހާލިއެވެ. އީޝަލް ބަލަން ހުރީ ބުނާނޭ އެއްޗެއް ނޭނގިފައި ހުރި ފަދައަކުންނެވެ. އަމިއްލަ ހިތުގައިވާ ކޯޅުންތަކާއެކު ވެސް އީޝަލް ދެފަރާތަށް ބޯހޫރުވާލިއެވެ. އަދި ރައުލްއަށް ފުރުޞަތު ދެމުން ކަނާއަތް އޭނާއަށް އީޝަލް ދިއްކޮށްލިއެވެ. ބޭރުވި ފިނިނޭވާއާ އެކުއެކީ ލުއި ހީނލުމެއް ރައުލްގެ ތުންފަތަށް ވެރިވިއެވެ. ދެން ފެނުނީ އީޝަލްގެ ގައިގާ އޭނާ އައިސް ބައްދާލި ތަނެވެ.
"ރައުލް..." އީޝަލް މަޑުމަޑުން ގޮވާލިއެވެ.
"އަހަރެންނަށް މަޢާފުކުރޭ" ރައުލް ބުންޏެވެ. އޭނާގެ ދެއަތުގެ ތެރެއިން އީޝަލް ދޫކޮށްލަން ބޭނުންނުވެފައި ހުރި ކަހަލައެވެ. އީޝަލްގެ ކަރުދޮށުގައި ރައުލް ބޮސްދިނެވެ. ކޯތާފަތުގައި ފިރުމާލަމުން އެ ކޯތާފަތުގައި ވެސް ރައުލް ބޮސްދިނެވެ. ނަމަވެސް އީޝަލް މޫނު އަނބުރާލައި ރައުލްއަށް ދުރަށް ޖެހެން އުޅުމުން ވަގުތުން އޭނާގެ ގައިން ރައުލް ދޫކޮށްލިއެވެ. އަދި ބަލަން ހުރީ ޤަބޫލުނުކުރެވޭ ފަދަ މަންޒަރެއް ފެނިގެން އަޖައިބުވެފައި ހުރި ފަދައިންނެވެ.
"އެހެން... ރައުލް... އެހެން... އަންހެނެއްގެ ގައިގާ ބީހުނިންތަ؟" ކުރަން އެންމެ ރަނގަޅު ސުވާލެއްކަން ޔަގީންނުވެ ހުރެ އީޝަލް ސުވާލުކުރިއެވެ. އެ ސުވާލުގެ ސަބަބުން ނުކުމެދާނޭ ނަތީޖާއަކާ މެދު އިންތިހާއަށް ކަންބޮޑުވެފައި ހުރެއެވެ.
(ނުނިމޭ)