ދުނިޔެ

އިތުރު ރޯހިންޔާ މުސްލިމުންތަކެއް ގަތުލުކުރިކަމުގެ ތުހުމަތު

Apr 9, 2019

މިދިޔަ ހަފްތާގައި މިޔަންމާގެ ރާޚައިން ސްޓޭޓުގައި އެ ގައުމުގެ ސިފައިން ދިން ހަމަލާއެއްގައި ސަރުކާރުން ހާމަކުރި އަދަދަށް ވުރެ އިތުރަށް އާންމުން މަރުވެފައިވާކަމަށް އދ. އިން ބުނެފި އެވެ.

ހަނގުރާމަވެރި ޓެރަރިސްޓު ޖަމާއަތަކާއި ދެކޮޅަށްކަމަށް ބުނެ މިދިޔަ ހުކުރު ދުވަހު މިޔަންމާ ސިފައިން ދިން ވައިގެ ހަމަލާއެއްގައި ހަ މީހުން މަރުވެފައިވާކަމަށާއި، އިތުރު ނުވަ މީހަކު ޒަހަމްވެފައިވާކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ނަމަވެސް، އދ.ގެ އިންސާނީ ހައްގުތަކާއިބެހޭ ޖަމިއްޔާއިން ބުނީ އެ ހަމަލާގައި މަރުވި މީހުންގެ އަދަދު 30 އަށް އަރާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ރޯހިންޔާ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް މިޔަންމާގެ ހަރުކަށި ބުޑިސްޓް އާއްމުންނާއި އެގައުމުގެ ސިފައިން ދަނީ 2012 ވަނަ އަަހަރުން ފެށިގެން ބޮޑެތި ޖަރީމާތައް ހިންގަމުންނެވެ. އެގޮތުންް މީހުން މެރުމާއި އިތްފަތްފޭރުމާއި ގެދޮރު އެންދުން ފަދަ ޖަރީމާތައް ހިންގާ ކަމަށް އދ. އިން ކުރިން ވަނީ ބުނެފަ އެވެ.

އެޖަރީމާތަކުން ސަލާމަތްވާން 700،000 މީހުން ވަނީ އަވަށްޓެރި ބަންގްލަދޭޝްއަށް ހިޖުރަކޮށްފަ އެވެ.