ހަބަރު

ޕީޕީއެމް ދޭނެ ކަމަށްވީ ވައުދު ރައީސް ނުފުއްދަވާ: މައުމޫން

ޕީޕީއެމް އޭގެ ހައްގުވެރިންނަށް ދެއްވާނެ ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕެއިންގައި ވެވަޑައިގެންނެވި ވައުދު ނުފުއްދަވާތީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ނުރުހުން ފާޅުކުރައްވައިފި އެވެ.

ރިޔާސީ ކެމްޕެއިން ދުވަސްވަރު އއ. ތޮއްޑޫއަށް ވަޑައިގެން އެ ރަށުގައި ވާހަކަފުޅު ދައްކަވަމުން އޭރު އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޕީޕީއެމް، އޭގެ އަސްލު ހައްގުވެރިންނާ ހަވާލުކޮށް ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާ ދެމެދު ހިޔާލު ތަފާތުވުންތައް ބޮޑުވެ، ޕީޕީއެމްއިން ރައީސް މައުމޫން ވަނީ ބޭރުކޮށްފަ އެވެ. ޕީޕީއެމް، ރައީސް ޔާމީނާ ހަވާލުކުރީ ސިވިލް ކޯޓުން ކުރި ހުކުމަކުންނެވެ. އެ ހުކުމް ރައީސް މައުމޫން އިސްތިއުނާފު ކުރި ނަމަވެސް ނިންމީ ރައީސް ޔާމީން އެއްކޮޅަށެވެ.

އޭގެފަހުން ރައީސް މައުމޫން ޕާޓީން ވަކިކޮށް އަރިސް ބޭފުޅުންނާއި ރައީސް މައުމޫނަށް ތާއިދު ކުރާ ބޭފުޅުން ވެސް ޕާޓީން ވަކިކުރި އެވެ. ރައީސް މައުމޫން ޕީޕީއެމްއިން ވަކިކުރިއިރު އެމަނިކުފާނަކީ އެ ޕާޓީގެ މެންބަރުން އިންތިހާބުކޮށްފައި ހުންނެވި ރައީސް އެވެ.

ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓް، ރައީސް އަބްދުﷲ ޔާމީނަށް ލިބުނު ނާކާމިޔާބީއާއެކު ކޮންގްރެސްއެއް އަވަސް އަވަހަށް ބޭއްވި އެވެ. އެ ކޮންގްރެސް ބާތިލް ކުރަން ވެސް ރައީސް މައުމޫން ކޯޓަށް ވަޑައިގެންނެވި އެވެ. އަދި ޕީޕީއެމްގެ ހިންގުން އަނބުރާ ރައީސް މައުމޫންއާ ހަވާލުކޮށްދިނުމަށް އެެދި އަމިއްލަ ދެ މެންބަރަކު ވެސް ކޯޓަށް ދިޔަ އެވެ. ނަމަވެސް އެ މައްސަލަތައް ސުޕްރީމް ކޯޓުން ނިންމީ ރައީސް މައުމޫންއާ ދެކޮޅަށެވެ. އެ ކޯޓުން ކަނޑައެޅީ ޕީޕީއެމްގެ ރައީސްއަކީ ރައީސް ޔާމީން ކަމަށެވެ.

އެމްއާރްއެމްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ރައީސް މައުމޫން ފެއްޓެވީ އޭގެ ފަހުންނެވެ. އެމްއާރްއެމް ޕާޓީއަށް ނުވިޔަސް ކެންޑިޑޭޓުން ވެސް ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ނެރުނެވެ. ނަމަވެސް ކާމިޔާބުވީ އެންމެ ކެންޑިޑޭޓަކަށެވެ.

އެ ކެންޑިޑޭޓުންނާއެކު މިރޭ ރައީސް މައުމޫން ބޭއްވެވި ބައްދަލު ކުރެއްވުމުގައި ވިދާޅުވީ ޕީޕީއެމް މިހާރު ހިންގަނީ ހައްގު ނޫން ބައެއް ކަމަށާއި ހިންގުން ހަވާލުކުރީ އަސާސީ ގަވައިދުން ތަންދޭ ބަޔަކަށް ނޫން ކަމަށެވެ. އެހެންވެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސް ސޯލިހު ވެސް އެމަނިކުފާނަށް ނުވަތަ އެމްއާރްއެމްއަށް ވެވަޑައިގެންނެވި ވައުދަކީ ޕީޕީއެމް އޭގެ ހައްގުވެރިންނަށް ހޯދައިދިނުން ކަމަށާއި ނަމަވެސް އެ ވައުދު ރައީސް ސޯލިހު އަދިވެސް ނުފުއްދަވާ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.

"ވޭތުވެދިޔަ އިންތިހާބުގަ އަޅުގަނޑުމެން އެންމެންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު އަޅުގަނޑުމެންނަށް ވެސް ވައުދުތަކެއްވެވަޑައިގެންނެވި ޕީޕީއެމް އޭގެ ހައްގުވެރި ފަރާތްތަކަށް ރައްދުކޮށް ދެއްވާނެ ކަމުގެ، އާދެ އެ ވައުދު އަދި ވަނީ ނުފުދި، އަޅުގަނޑު އެދެނީ އެ ވައުދު ވެސް ލަސްތަކެއް ނުވެ ފުދިގެން ދިޔުމަށް،" ރައީސް މައުމޫން ވިދާޅުވި އެވެ.

އެ ވައުދު ނުދުނަސް، އެމްއާރްއެމްއަށް ދެރަވެފައި ތިބެވެން ނެތް ކަމަށާއި އާ ޕާޓީ އުފެއްދުމުގެ މަސައްކަތް ބާރަށް ކުރަން ޖެހޭ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ. އެމްއާރްއެމްއަށް މެންބަރުންނަށް ހަމަކުރަން ފެށިތާ މިހާރު ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ. އެކަމަކު އަދި 3،000 މެންބަރުން ހަމައެއް ނުވެ އެވެ. އެހެންވެ ޕާޓީ އުފެއްދޭ ގޮތެއް އަދި ނުވެ އެވެ.

ރައީސް މައުމޫން ވަނީ އެމްއާރްއެމްގެ ކެންޑިޑޭޓުންނާއި ކެމްޕެއިން ޓީމްތަކުން މެންބަރުން ހަމަކުރުމަށް މަސައްކަތްކޮށް ދިނުމަށް އެދިވަޑައިގެންފަ އެވެ. ރައީސް މައުމޫން ވިދާޅުވީ ސިޔާސީ މައިދާނަކީ ވަކި ކަމެއްވީމަ ހުއްޓާލައިގެން ތިބެންޖެހޭ މައިދާނެއް ނޫން ކަމަށެވެ. ބަލީގެ މަތިން ހަނދާން ނައްތާލައި އާ ހިތްވަރާއި އަޒުމާއެކު ކުރިއަށް ދާން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

"ތިޔަބޭފުޅުން އެއްގޮތަކަށް ވެސް ހިތާމަ ނުކުރައްވާ، ދެރަފުޅު ނުވޭ، ނާކާމިޔާބުވީއެއް ނޫން، މިއަދު މި ނަތީޖާ މި ލިބުނީއޭ، އެއަކަށް ނޫން ބަލަންވީ، ވަރަށް ގާބިލް ބޭފުޅުން މިތިބީ، މިހުރި ގާބިލިއްޔަތު ބޭނުންކޮށްގެން ކުރިއަށް ދަމާ ހިނގާށޭ،" ރައީސް މައުމޫން ވިދާޅުވި އެވެ.