ވާހަކަ

ބޭނުންވަނީ ޔާރާ

(8 އެޕްރިލް 2019 އާ ގުޅޭ)

ނުރުހުނުކަމުގައި ވިޔަސް ކާރުގައި މަންހާ ގެންގޮސް ފާލަން ކައިރިއަށް މަޑުކުރީ ވިޝާލްއެވެ. ވިޝާލް އެތަށް ފަހަރެއްގެ މަތިން އޭނައަށް ގުޅުމަށް އެދުނެވެ.

"އޯ ކަމޯން ވިޝާލް، ތިހާ ސުވާލު ގިނަވެގެން، ހީވަނީ ތީ މަގޭ ބޯއީ ފުރެންޑުހެން..........ޕްލީޒް، ގިވްމީއަ ބްރޭކް ބޯއީ ފުރެންޑް، އަހަރެން މިހާރުވެސް މިހިރީ އެކޮޅަށްގޮސް ކުރަން ޖެހޭ ކަންތައްތަކާއިމެދު ބޯހާސްވެފަ، ދެން ތިހެން ވިޝާލް ކުދިކިޔަންޔާ އަހަރެންގެ ސިކުނޑި ބޮމެއްހެން ގޮވާނީ ކަންނޭގެ" މަންހާ އެންމެ ފަހުން ކާރު މަޑުކޮއްލުމާޢިއެކު ބުނެލިއެވެ.

"ސޮރީ، އަހަރެން އަސްލު މަންހާ މިސްވާނެ ވަރުން ކުދިކިޔެނީ، ކަމްބެކް ސޫނާ......" ވިޝާލް ކުއްވެރިވެފައިވާ ފަދަ މީހަކުހެން ދެރަވެލާފައި ބުނެލިއެވެ.

"އިޓްސް އޯކޭ، އިރާދަ ކުރެއްވިއްޔާ ހޮނިހިރު ދުވަހު މިގަޑީގަ ތިބޭނީ މާލޭގަ" މަންހާ ހިނިތުންވެލަމުން ކާރުގެ ގިއަރުގައި އަތްބާއްވާލައިގެން އިން ވިޝާލްގެ އަތުގައި އަތްބާއްވާ ލަމުން ބުނެލިއެވެ. އަދި ދޮރުގެ ބިއްލޫރިގަނޑު ތިރިކޮއްލަމުން އޮފީސް މީހުން ތިބިދިމާލެއް ހޯދާލިއެވެ. މަންހާއަށް އެއްވެފައިތިބި މީހުންގެ ތެރެއިން ޒައުލްފެނުނެއެވެ. އެހެންމީހުންނަށްވުރެ ކުރިން އޭނަގެ ހަރަކާތްތައް އޭނައަށް ފާހަގަ ކުރެވުނީއެވެ.

ލޯންޗު ގާތްކޮއްލުމާއިއެކު އެންމެން އަރަންފެށިއެވެ. ޒައުލް އާއިއެކު އިތުރު ދެއަންހެން ކުދިން ތިބިކަންވެސް ފާހަގަ ކުރެވުނެވެ. އެކަމާ ބެހޭގޮތުން މަންހާ އެކަކާވެސް ސުވާލެއްނުކުރެއެވެ. ޒައުލްގެ ގޮތް އޭނައަށް އެނގޭތީއެވެ. ދާއިން ޒައުލް އާއިއެކު ކުރިން ލޯންޗަށް އެރިއެވެ. އޭރު މަންހާ ނޫނީ އެހެން ހުރިހާ މުވައްޒަފުން ލޯންޗަށް އަރައިފިއެވެ. ލޯންޗުގެ ކުރީކޮޅުގައި މަޑުކޮއްލައިގެން ތިބި ދާއިން އާއި ކާއިލްއަށް މަންހާއެރުމަށް އަތްދިއްކޮލެވުނީ އެކުއެކީއެވެ. ދެމީހުންނަށް އެއްފަހަރާ އެކަކު އަނެކަކަށް ބަލާލެވުނެވެ. އެއާއިއެކު ދާއިން އަވަސް އަވަހަށް އަތްތިރިކޮއްލަމުން ކާއިލްއަށް ހިނިތުންވެލަމުން ބޯޖަހާލީ ކޮންމާނައެއްގައި ކަމެއް އެދެމީހުންނަށް ބަލަހައްޓައިގެން ހުރި މަންހާއަކަށް ނުވިސްނުނެވެ. މަންހާ ކާއިލްގެ އަތުގައި ހިފަމުން ލޯންޗަށް ފޭބިއެއްކަމަކު އޭނަގެ ނަޒަރުވަނީ ދާއިންއަށް ހުއްޓިފައެވެ. އެންމެ ފަހަތުން ގޮނޑިއެއްގައި ޒައުލް އާއިއެކު އިށީނދެލައިގެން ދާޢިން އިންއިރު މަންހާ އިނީ މެދުތެރެއިން ގޮނޑިއެއްގައި ދާއިން ފެންނަގޮތަށެވެ. ދޭތެރެ ދޭތެރެއިން ދާއިން މަންހާއަށް ބަލާލައެވެ. އެއިންކޮންމެ ފަހަރަކު މަންހާ ބަލަންއިނުމުން އޭނަގެ ނަޒަރު އެހެން ދިމާލަކަށް އަނބުރާލައެވެ. މަދުފަހަރަކު ނޫނީ ދާއިންއަށް މަންހާއަށް ބަލާނުލެވެއެވެ. އޭނަގެ ހިތުގައި ސުވާލެއް އުފެދެމުންދިޔައެވެ. މަންހާ އެވަރަށް އޭނައަށް ބަލާކަން ކުރިން ފާހަގަ ނުކުރެވުނީ ކީއްވެބާއެވެ. އެބަލާލުމުގައި ދާއިންގެ ހިތްއަވަސްވާފަދަ ގޮތްތަކެއް އެކުލެވިފައިވަނީ ކީއްވެބާއެވެ.

ދެގަޑިއިރުގެ ދިގުދަތުރަކަށްފަހު ރިސޯޓަށް އާދެވުނުއިރު އަނދިރިވެއްޖެއެވެ. ކުލަކުލައިގެ ބޮކިތަކުން ރިސޯޓުގެ އެކިދިމަދިމާ ދިއްލާލެވިފައިވާއިރު ވަށައިގެންވާ މާހައުލު ހަމައެކަނި ފެނިލުމުންވެސް ހިތަށް ފިނިކަން ގެނެސްދެއެވެ. ތަފާތު މާހައުލެކެވެ. މަންހާއަށް މުޅިން އާ މާހައުލެކެވެ. އެހެންނަމަވެސް ކާއިލް އާއިއެކު ރިސޯޓުގެ ފަސްގަނޑުގައި ފައިޖެހިމާއިއެކު އެތަނުގެ އިސްވެރިންނާޢި އެންމެ ފުރަތަމަވެސް ބައްދަލުކުރީ އެދެމީހުންނެވެ. ސްޓާފުންގެ އިންތިޒާމު ހަމަޖެހިފައިވާ ގޮތާއި ހަފްލާ ފެށުމަށް ބާއްވާ ޖަލްސާ ބޭވުމަށް އެތަނުގެ ކޮންޕަރެންސް ހޯލް ހުރީ ތައްޔާރުވެފައިތޯ ސުވާލުކުރިއެވެ.

"ޝީސް ޕާރޕެކްޓު ދޯ، އަހަންނަށްވެސް އެކަހަލަ ޕީއޭ އެއް ލިބޭނެނަމަ ދޯ، އެހާ ފުރިހަމަ، އެހާ އިންޓެލިޖެންޓު......މިރޭ ހުރިހާ ކަމެއްނިންމާލާފަ ބާއްވާ ޕާޓީގަ އެމަންޖެ އާއިއެކު ނަށާލަންވާނެ، މިކަހަލަ ރެއެއް ބޭނުންވަނީ އެކަހަލަ މަންޖެއެއް ސެޓުކޮއްލަން" ޒައުލް ދާއިން އާއި ކައިރިވެލަމުން ސިއްރުސިއްރުން ކަހަލަ ގޮތަކަށް ބުނެލިއެވެ.

"ޒައްލޭ، ޕްލީޒް.....އަހަރެން އެވަރަށް ބުނާތިތަ މިހާރު ތިއުޅެނީ، މިހާރު ކިތަށް ފަހަރު ބުނެފިން ޝީޒް ނޮޓް ޗީޕްއޭ، ޔޫ އެންޑް ޔޯރ.......ދެން ނޭގެ މަށަކަށް......ޒައްލެ ނޫން އެހެންމީހަކު މިހާރު އަހަރެން ކައިރީ ތިވާހަކަ ދައްކާނަމަ..." ދާއިން ކުއްލިއަކަށް ރުޅިއަންނަގޮތްވިއެވެ.

"އޭ ރުޅި އައީތަ، ދާން އަހަރެން މިއައީ ދާންއަށް ރަނގަޅު ކުއްޖަކު ގޮވައިގެންނޭ، ފަހަތުން މިތިބަ އަންނަ ދެއަންހެން ކުދިންނަކީ މަށަށް އެކަކު އަނެކަކު އެއީ ދާންއަށްޓަކައި ގެނެސްދިން ކުއްޖެ، އަހަރެން ބުނީމެއްނު ދާންގެ ކައިވެންޏާމެދު މިހާރު ދެން ވިސްނަންވެއްޖެޔޭ......އެތަނުން ކަޅުޖިންސު ލާފަ އެހެރީ ލަހުފާ، ކުރުސްކާޓް ލާފަ އެހެރީ މަގޭ، މައިޝާ ކިޔާނީ، ސަޅި ދޯ.........ދާން ރުޅި އައިމަ މަންހާ އާއި އެޕްރޯޗް ކުރުމުގެ ހިޔާލު މިރެއަށް މި ދޫކޮއްލީ، އެކަމަކު އޭނައަށް އަހަރެން އެޕްރޯޗު ކުރާނަން، އެހެންނޫނީ ދާން އޭނަ ސެޓުކުރަންވީނު" ޒައުލް ހެމުންހެމުން ބުނެލިއެވެ. ދާއިން ޒައުލްއަށް ބަލާލަމުން ނިތަށް ރޫއަރުވާލަމުން ދެފަރާތަށް ބޯހޫރުވާލިއެވެ. އަދި ތަންކޮޅެއް ބާރަށް ގޮސް މަންހާމެންނާއި އެއްވަރުކުރިއެވެ.

ކޮންމެ ދެމުވައްޒަފަކަށް ކޮޓަރި ދީފައި ހުއްޓެވެ. ކަންދިމާކުރި ގޮތުން މަންހާއަށް އޭނަގެ ކޮޓަރި އެހެން އެއްވެސް މީހަކާ ހިއްސާކުރާކަށް ނުޖެހުނެވެ. އެކަމާ އޭނަ ވަރަށްބޮޑަށް ހިތްހަމަޖެހުނެވެ. ކޮންމެ މުވައްޒަފަކުވެސް މީޓިން ފެށެންވާއިރަށް ކޮޓަރިތަކަށްގޮސް ތާޒާވެލިއެވެ. މަންހާވެސް އޭނަގެ ކޮޓަރިއަށް ދިޔައީ ދެންކުރާނެ އިތުރުކަމެއްނެތުމުންނެވެ.

ކޮންފަރެންސް ހޯލްގައި ރަތާ ހުދުގެ ފޮތިތަކުން ވައްމޭޒުތައް ތަންތަންކޮޅުގައި ފަސްމީހުންނަށް ތިބެވޭގޮތަށް އަތުރާލާފައި ހުއްޓެވެ. ތިރިތިރި ސްޓޭޖުގެމަތީގައި ހުރި ޕޯޑިއަމްގައި ހަރުކޮއްފައިވާ މައިކް ޓެސްޓުކުރުމުގައި ކާއިލް އާއި އެހެން މުވައްޒަފަކު އުޅެއެވެ. ދާއިން އާއިއެކު އެތަނަށް ވަދެގެން އައި ޒައުލްއަށް ދާއިންގެ މުވައްޒަފަކު ސްޓޭޖާއި ކައިރީގައި ހުރި މޭޒެއްދެއްކިއެވެ. ކުއްލިއަކަށް ދާއިންގެ ލޮލުގައި އަޅައިގަތީ ޕޯޑިއަމްގެ އެއްފަރާތުގައި ހުއްޓިލައިގެން ހުރެ އަތުގައި ހުރި ކުދި ކަރުދާސްކޮޅުތަކެއް ކިޔަމުންދިޔަ މަންހާއެވެ. ތިރިއަށް ފުޅާކޮށް ތުނިފޮތީގެ އެތަށް ބައެއްލެވިފައިވާ ދިގު ހުދު ހެދުމުގައި މަންހާގެ ރީތިކަން އިތުރުވެގެންދެއެވެ. އެހިމަތޮޅި ހަށިގަނޑާއި އެއްވަރަށް ހެދުން ހެޔޮވަރުކޮއްލާފައިވާއިރު މަންހާގެ ދިގުއިސްތަށިގަޑުވެސްވަނީ މައްޗަށްނަގާ ރީތިގޮތަކަށް ހަދާލާފައެވެ. ހެދުމުގައި ގަދަފެހިކުލައިގެ މާތަކަކުން ޒީނަތްތެރި ކުރެވިފައިވާކަންވެސް ދާއިންނަށް ފާހަގަކުރެވުނީ މަންހާ އެނބުރިލުމުންނެވެ. އޭނަގެ ކައިރީގައި ޒައުލް އިންކަންވެސް އެނގުނީ އޭނަ ދާއިންގެ ކޮނޑުގައި ޖަހާލުމުންނެވެ. ދާއިން އިނީ މަންހާގެ ރީތިކަމަށް ގެއްލިފައިކަމެއް އެކަކަށްވެސް އަންގާކަށް އޭނަ ބޭނުމެއްނުވިއެވެ. ޒައުލް އޭނަގެ ކައިރީގައި ތިބި ދެއަންހެން ކުދިން ތައާރަފްކޮއްދިނެވެ. ދާއިން އެދެއަންހެން ކުދިންނާވެސް ސަލާމްކޮއްލިއެވެ.

ހަފްލާ ފެށިގެންދިޔައީ އަށްގަޑިބައިގައެވެ. ހަފްލާގެ އެކި ބައިތަށް ގެނެސްދެމުންދިޔައީ މަންހާއެވެ. މޭޒުގެ ކައިރީ އިށީނދެލައިގެން އިން ކާއިލް އިނީ ހަފްލާ ނިމޭނެ އިރަކަށެވެ. އޭނަ މަންހާއާއިއެކު އެކަނިވެލާނެ ފުރުޞަތެއް މިރޭ ބޭނުންވެއެވެ. މަންހާ އެއޮފީހުން ފުރަތަމަ ފެނުނު ދުވަހުންފެށިގެންވެސް އޭނަގެ ހިތަށް ގޮތްތަކެއްދިޔައީވަމުންނެވެ. ދުވަހަކަށްވުރެ ދުވަހެއް އޭނަ މަންހާއަށް ބޭނުންވާފަދަ އިޙްސާސްއެއް ދިޔައީ ކުރެވެމުންނެވެ. އެކަން މަންހާއަށް އެނގުން މުހިއްމު ކަމުގައި އޭނަ ދެކުނެވެ. އެފަދަ ކަމަކަށް އެމާހައުލު ވަރަށްވެސް ކަމުދާނެކަން އޭނަގެ ހިތާ ސިކުނޑި އެއްބަސްވިއެވެ.

ހަފްލާ ނިމިގެންދިޔައީ އޮފީހުގެ އެކި މުވައްޒަފުންނަށް އެމީހުންގެ މަސައްކަތާއި ގުޅިގެން ތަފާތު ސެޓްފިކެޓް ތަކާއި މަސައްކަތުގެ ދާއިރާއިން ކުރިއެރުންލިބިގެންނެވެ. މަންހާއަށް ހައިރާންކަން ލިބުނީ ދާއިންގެ ލިސްޓުގައި އޭނަގެ ނަން ހިމަނާފައި ނުވިނަމަވެސް އޭނައަށް މުސާރައިގެ ކުރިއެރުން ދާއިން ދިނުމުންނެވެ. ހިތަށް ބުނެދޭންނޭގޭ ގޮތްތަކެއް މަންހާއަށް ވެގެންދިޔައެވެ. ދާއިން އާއި ދިމާލަށް ހިނިއައިސްފައި ބަލަން ހުރެވުނީއެވެ. ހަފްލާގައި ފިނިބުއިންތަށް ލިބެން ހުއްޓެއްކަމަކު ކެއުންއޮތީ ރިސޯޓުގެ ރެސްޓޯރެންޓުގައެވެ. އެރެއަށް ޚާއްޞަ ބުފޭއެއްވަނީ ތައްޔާރުކުރެވިފައެވެ. ރިސޯޓު ހަދާނިމުނީ އިހަށްދުވަހަށްވެފައި އަދި އެތަނުގައި ޗުއްޓީ ހޭދަކުރުމަށް ތިބި ޓުވަރިސްޓުންގެ އަދަދު އަތުން ގުނާލެވޭހާވެއެވެ. އަހަރުގެ ފަހުކޮޅާއި ދިމާކޮށް ދާއިން މެންނަށް އެރިސޯޓުން ފުރުޞަތު ލިބުނީވެސް އެހެންވެއެވެ.

މަންހާގެ ފަހަތުން ކާއިލް ދުރަށް ނުދެއެވެ. ކާއެއްޗެހި ތައްޓަށް އަޅައިގެން އައިސް އިށީނީވެސް މަންހާގެ ގާތުގައެވެ. އެހެންނަމަވެސް އެކަމާ މަންހާއަށް އުނދަގޫވެގެންނެއް ނޫޅެއެވެ. މަޑުމަޑުން އިނދެގެން މީހުން އުޅޭ ނޫޅޭ ގޮތް ބަލަމުންދިޔައެވެ. ވަރަށް އާދަޔާއި ހިލާފު ކަންތައްތައްވެސް ފެނިގެންދިޔައެވެ. އެހެންނަމަވެސް މަންހާ ބެލީ އެމަންޒަރުތައް ނުފެންނަކަމަށް ހަދައިގެން އިނުމަށެވެ. ދާއިންއަކީ ނަންމަޝްހޫރު ބޮޑު ކުންފުންޏެއްގެ، ހާއްޞަކޮށް ރިސޯޓު ދާއިރާގައި އޭނަގެ ނަންވަނީ ވަރަށްވެސް ކުރިއަރައިގޮސްފައިކަމަށް ވުމާއިއެކު އެތަނުގައި އޭނަގެ މުވައްޒަފުންނަށް މަނާ އެކަމެއްވެސް ނެތެވެ. އެއީ މަންހާއަށް އެހާ ކަމުދިޔަ ކަމެއްނޫންކަމުގައި ވިޔަސް ކާއިލްވީ އެފަދަ ދިރިއުޅުމެއްގެ ވެރިއަކަށެވެ. އޭނަ މަންހާގެ އަތުގައި ހިފައިގެން ޑިސްކޯގައި ނެށުމަށް އުޅުނެވެ. އެހެންނަމަވެސް އެކަން މަންހާ މަނާކުރިއެވެ. ކާއިލް މަންހާގެ އަތުގައި ހިފައިގެން އަނެއްއަތުން އޭނަގެ އުނަގަނޑުގައި ހިފަހައްޓާލައިގެން ހުރެ ހިނގައިގަތީ އެއްފަރާތަކަށެވެ.

"އޯކޭ، މަންހާ ނަށަން ބޭނުންނޫނީއްޔާ އަހަރެންވެސް ނޫޅެން ނަށާކަށް، އެކަމަކު އަހަންނާއިއެކު މިކޮޅަށް ހިނގާބަލަ" ކާއިލް މީހުންނާއި ތަންކޮޅެއް ދުރަށް ޖެހިލަން މަސައްކަތްކުރިއެވެ. މަންހާ ހިތްހަމަނުޖެހިފަ ހުރެވެސް ކާއިލް ބުނުމުން އޭނަ އާޢިއެކު ދިޔައެވެ. ޑިސްކޯގެ އެއްފަރާތުގައި ތިރިކޮށް ޖަހާފައިހުރި ވަކަރުމަތީ ކާއިލް އިށީނުމަށްފަހު މަންހާގެ އުނަގަނޑުގައި ދެއަތްއަޅުވާލަމުން އޭނަގެ ކުރިމައްޗަށް ގެނައެވެ.

"ބާބީ، އައި ލައިކް ޔޫ، އައި ލައިކް ޔޫ އަލޮޓް، އަހަރެން މަންހާ ބޭނުން، އަހަރެންގެ ހިތުގަ މިހިނގާ އިޙްސާސްތަކެއް އަހަންނަށް ކޮންޓްރޯލެއް ނުކުރެވޭނެ......" ކާއިލް މަޑުމަޑުންތެދުވެ މަންހާގެ މޫނަށް ބަލާލިއެވެ. އަދި މަންހާގެ އުނަގަނޑުގައި ހިފާގެނެސް އޭނަގެ ގަޔާއި ކައިރިކޮއްލަމުން މަންހާގެ މޫނުގައި އެއްއަތުން ހިފާލިއެވެ.

"ދިސް އިސް ރޯންގް، އަހަރެން ކާއިލް އާޢިމެދު ނުވިސްނަން، އެފަދަ ގުޅުމެއް އަހަރެން ކާއިލްއާއިއެކު އުފައްދާކަށް ބޭނުމެއްނޫން، އަހަރެން ދޫކޮއްލާ" މަންހާ ކާއިލް އާއި ދުރަށް ދާން އުޅުނެވެ. އެހެންނަމަވެސް ކާއިލްގެ މޫނު މަންހާގެ މޫނާ ހައްތަހާ ދިޔައީ ގާތްވަމުންނެވެ. މަންހާ ކާއިލްގެ އަތުގެ ތެރެއިން ނުކުންނަން މަސައްކަތްކުރަމުންދިޔައެވެ.

"ދެޓްސް އިނަފް ކާއިލް.........އޭނަ ދޫކޮއްލާ........" ކުއްލިއަކަށް ދެމީހުންނަށްވެސް ލިބުނީ ހައިރާންކަމެވެ. އެހެނީ ކާއިލްގެ ކޮނޑުގައި އައިސް އަތްލަމުން އެހެން ބުނީ ދާއިންއެވެ. ކާއިލް އާއި މަންހާއަށް އެދެމީހުން އެހެންމީހުންނާއި ދުރުގައި ތިބިކަމުގައި ދެކުނަސް ދާއިންގެ ލޯ މަންހާ އާއި ދުރަކަށް ނުދެއެވެ. އޭނައަށް ވަރަށް ރަނގަޅަށް ކާއިލް އާއި މަންހާ އާއި ދެމެދު ހިނގަން އުޅުނު ކަންތައްތައް ފެނުނެވެ. ކާއިލް ކައިރިއަށް އައީ ރުޅިއެވެ. އޭނަ ދާއިންގެ އަތް ކޮނޑުން ފޮޅުވާލަމުން މަންހާ ދުރަށް ކޮއްޕާލާފައި ހިނގައިގަތީ ބާރ އާއި ދިމާލަށެވެ. މަންހާ އަވަސް އަވަހަށް އެތަނުން ދިއުމަށް އުޅުނު ވަގުތު ޖެހުނީ ޖޫސްތަށި ހިފައިގެން ދާއިންގެ ގާތަށް އައި ލަހްފާގެ ގައިގައެވެ،

"އޯނޯ...........މަގޭ ހެނދުން، މީ ޑްރައި ކްލީނިންގ ކުރާ ހެދުމެއް، މުޅިން ހަރާބު، ތަންކޮޅެއް ބަލާލައިގެން އުޅެންވެއްޖެއެއްނު، ނޭގޭތަ އަހަރެންމީ ދާއިންގެ ގެސްޓްއެއް ކަމެއް........" ލަހްފާ ވަގުތުން ރުޅިއައެވެ.

"އައިމް ސޯ ސޮރީ، އަސްލުވެސް ވަރަށް ބޮޑަށް މާފުކުރޭ.........ގަސްތުގައެއްނޫން..........." މަންހާ ހާސްކަމާޢިއެކު ބުނެލިއެވެ. ބޮޑު މައްސަލައެއް އުފައްދާކަށް އޭނަ ބޭނުމެއްނުވިއެވެ. އަވަސް އަވަހަށް އަތުގައި އޮތް ޓިޝޫކޮޅަކުން ލަހްފާގެ ހެދުން ފޮހެދެން އުޅުނެވެ. އެކަމާވެސް އޭނަގެ ރުޅިވީ ގަދައެވެ. ޓިޝޫކޮޅުތަށް އޭނަގެ ހެދުމުގަ ހަރުލުމުންނެވެ. ދާއިން އަވަހަށް އެދޭތެރެއަށްވަނެވެ.

"އައިމް ޝުއަރ، މިތަނުގެ ފަރާތުން ލަހްފާ ދާންވާއިރަށް ހެދުން ރެޑީކޮއްލަ ދޭނެކަން، މިތަނުންވެސް ޑްރައި ކްލީނިން ކޮއްލެވިދާނެ...........ހާސްނުވޭ، އަހަންނާއިއެކު އާދެ، ޖަސްޓް ލެޓް ދަ ޕުއަރ ގާރލް ގޯ" ދާއިން މަންހާއަށް ބަލާލުމެއްނެތި އެބުނެލިގޮތުން އޭނަގެ ހިތްހީވީ އިތުރަށް ކުދިކުދިވިހެންނެވެ. ދާއިން ދަންދެން އެދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. އަދި ވަށައިގެން ހޯދާލިއެވެ. އޭނަ ނޫނީ ކޮންމެ މީހަކުވެސް ކޮންމެވެސް ކަމެއްގައި މަސްޢޫލުވެގެން އުޅެއެވެ. ބީރައްޓެއްސެއް ފަދައިން އެކަނިވެރިވެފައި ހުރީ ހަމައެކަނި މަންހާއެވެ. މަންހާ ދުއްވައިގަތީ ޑިސްކޯ ކުރިމަތީފެންނަން އޮތް މޫދާ ދިމާލަށެވެ. ދުވަމުން ދުވަމުންގޮސް ރާޅުޖަހާހިސާބު ފެންނަ ހިސާބުގައި މަޑުކޮއްލައިގެން ހުއްޓެވެ.

މަންހާގެ ރީތި ބޮޑު ދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބައިގެން ދިޔައީ ލޮލުގައި އަޅާފައިވާ އަނދުންވެސް ފާއްދާލަމުންނެވެ. އެރޭގެ ހުރިހާ ކަމެއް ވަރަށްވެސް ފުރިހަމައެވެ. އެހެނަސް އަމިއްލަ ދިރިއުޅުމުގެ އެއްވެސް ކަމެއް ރަނގަޅަކަށް ނުދިޔައެވެ. ދާއިން އާއިއެކު އެކަނިވެލަން ލިބޭނެ ކަމުގައި އުއްމީދުކުރިއިރު އޭނަގެ ކުރިމަތީ ބޮޑު ލަދެއްގައި އޭނަ ބެދުނީ ކާއިލްގެ ސަބަބުންނެވެ. އަނެއްކޮޅުން ދާއިން އާއި ކައިރިވެލުމަށް ލިބުނު ފުރުޞަތު އެއްކޮށް ގެއްލިގެން ދިޔައީ ލަހްފާގެ ސަބަބުންނެވެ. މަންހާ އިރުކޮޅަކު ރުއިމަށްފަހު ހުއްޓާލިއެވެ. އަދި ދޮންވެލިގަނޑުގައި ބީހިލާފައިދާ ރާޅުން އުފައްދަމުންދިޔަ މިއުޒިކުގެ ތެރެއަށް ގެއްލިފައިހުއްޓެވެ. ވައިރޯޅިތައް އައިސް އެހަށިގަނޑުގައި ބީހިލާފައިދާއިރު ހީވަނީ އޭނަގެ ހުރިހާ ނުތަނަވަސްކަމެއް ހިފައިގެންދާހެނެވެ. މަޑުމަޑުން ހިތަށް ހަމަޖެހުންލިބެމުންދިޔައެވެ. މައްޗަށްނަގާ ހަރުކޮއްފައިވާ އިސްތަށިގަނޑުވެސް މަންހާ ވައިގެތެރެއަށް ދޫކޮއްލިއެވެ. އަދި މެޔާއި ހިސާބުގައި ދެއަތް ހުރަސްކޮށްލައިގެން ހުރީ ފުން ހިޔާލެއްގައެވެ. ހިތްވަރުގަދަ މީހަކަށްވާން އޭނަ މަސައްކަތްކުރަނީއެވެ. އެހެންނަމަވެސް ބައެއްވަގުތު ތަކުގައި ބިއްލޫރި ހިތެއްފަދައިން އެޅިލާ ކުޑަކުޑަ ކޫރަކުންވެސް ކުޑަހިނދުކޮޅެއްގެ ތެރޭ ފުނޑުފުނޑުވެދެއެވެ.

"ހާއި......އާ ޔޫ އޯލް ރައިޓް" މަންހާގެ ދާދި ގާތުން ދާއިންގެ އަޑުއިވިގެން ބަލާލިއެވެ. އޭނަގެ ކައިރީ އެއްފަރާތުގައި މަޑުކޮއްލައިގެން ހުރީ ހަމަ ދެވަނަ މީހެއްނޫނެވެ. އޭނަގެ ދާއިންއެވެ.

"ހޫމް.........." މަންހާ އަވަސް އަވަހަށް އިސްޖަހާލަމުން ބުނެލިއެވެ.

"ރޮނީތަ" ދާއިން އެހެން އަހާލުމާއިއެކު މަންހާ ހައިރާންވިއެވެ. އެހާ ފަސޭހައިން ދާއިންއަށް އެކަން އެނގުނީ ކީއްވެބާއެވެ. ގައިމުވެސް ދާއިންއަށް އޭނަގެ މޫނު ރީތިކޮށް ފެނުމުގެ ކުރިން އިސްޖަހާލިއެވެ.

"ނޫން....." މަންހާވެސް ދިނީ ކުރު ޖަވާބެކެވެ.

"އެކަހަލަ ކަންތައްތަކާއި ދިމާވާނެ، އަޅާލާއެއްޗެއް ނޫން، އަހަރެންގެ މުވައްޒަފުންނާ ވާހަކަ ދައްކާނެ ގޮތް އެނގޭނީ އަހަންނަށް، އެހެންމީހުން އަހަރެންގެ މުވައްޒަފުންނާއި އެފަދަ ދަށު ދަރަޖައަކަށް ވާހަކަދެއްކުމުގެ ހައްގެއްނޯންނާނެ" ދާއިން އޭނަގެ ދެޖީބަށް އަތްޖަހާލައިގެން ހުރެ ވާހަކަދެއްކިއެވެ.

"ތޭންކްސް" މަންހާ މަޑުމަޑުން ބުނެލިއެވެ. ދާއިން ކުރިއަށްވުރެ އެއްފިޔަވަޅު މަންހާއާއި ކައިރިއަށް އަރިއަކަށް އަޅާލީ އޭނައާއި ގާތްވެލުމަށެވެ.

"ޔޫ އަރ މައި ފޭވަރިޓް ޕީޢޭ، ޔޫ އާރ އޯލް އިން ވަން، މިއަދު އަހަންނަށް ލިބުނު ކާމިޔާބުގެ ފަހަތުގައި އަސްލު މަންހާގެ އަތެއްވާކަން އަހަރެން ހަނދާނެއްނުނެތޭ، އެކަމަކު.....އެވަގުތު އަހަންނަށް ނުބުނެވުނީ....މިހާރު ޝުކުރިއްޔާއޭ ބުނެފިއްޔާ ގަބޫލު ކުރާނަންތަ؟" ދާއިން ބުނެލިއެވެ. މަންހާއަށް ދާއިންއަށް ބަލާނުލާ ކެތެއްނުކުރެވުނެވެ.

"ހޫމް....ކުރާނަން، ކޮންމެ ވަގުތަކުން ބުންޏަސް ގަބޫލު ކުރާނަން، ބުނަން ފެނުނީމަ، އެވަގުތަކުން ބުނުން އެއީ މައްސަލައެއްނޫން" ހަގީގަތުގައި މަންހާގެ ބަސްތަކުގައި ފޮރުވިފައިވާ މާނައެއްވިއެވެ. ދާއިންއަށްޓަކައި މެސެޖެއްވިއެވެ.

"ބުނާނެ ނުރޮމޭ، ތިރީތި ދެލޮލުގައި އަޅާފަ ހުރި އަނދުންވެސް މިހިރީ ފޭދިގެން ފައިބާފައެއްނު" ދާއިންއަށް މަންހާގެ ލޯފެނުމާއިއެކު ފަޓުލޫނު ޖީބުގައި އޮތް ރުމާނަގާ މަންހާގެ ލޮލުގެ ހިމަކޮޅުންފެށިގެން ކޯތާފަތުގައި ހާކާލީ ވަރަށްވެސް ބަލައިގެން މަޑުމަޑުންނެވެ. މަންހާއަށް ލޯމަރާލެވުނީ އެއްވެސް އިޙްތިޔާރަކާއި ނުލައެވެ. ދާއިންއަށް މަންހާގެ އެރީތި ދޮން މޫނަށް ބަލާލެވުނެވެ. ހިތުގައިވި ހުޅުކޮޅު ކަނިވެނިވެން ކައިރިވެފައިވަނިކޮށް ތެޔޮއެޅި ފަދައެވެ. ކުއްލިއަކަށް ހަށިގަނޑުގައި ހުޅުހިފާ ގަދައާތްވެއް އުފައްދަން ފެށިކަހަލައެވެ. އޭނަގެ ކުރިމަތީ ޒުވާންކަމާއި ރީތިކަމުގެ މިސާލެއްފަދަ އަންހެން ކުއްޖަކު ދެލޯ މަރާލައިގެން ހުރިއިރު އަމިއްލަ ހަށިގަނޑުގައި އެދުންވެރިކަމެއްގެ ހުޅުރޯވަމުންދިޔައެވެ. އެފަދަ ގޮތަކަށް އެތަށް އަހަރަކަށްފަހު އޭނައަށް އިޙްސާސްވާންވީ ކީއްވެބާއޭ އޭނަގެ ހިތަށް އެރިއެވެ. އޭނަގެ ހިތުގައި އަދިވެސް ޒާރާއަށްޓަކައި ލޯބިވެއެވެ. އެލޯތްބަށް ބަދަލެއްނާދެއެވެ. އެކަމަކު ހިތުގެ ހިނގުންއަވަސްވެ ނޭވާ ކުރުވާގޮތްވެ ނިތްކުރިން ދާތިކު ފާޅުވާންވީ ކީއްވެހެއްޔެވެ. ދާއިން އެކަމާއި އެއްބަސް ނުވިއެއްކަމަކު އޭނަގެ ހަށިގަނޑު ގޮވާލަމުން ދަނީ އެހެންކަމަކަށެވެ.

ދާއިންއަށް ކުރެވިދާނެ ކަމަކާއިމެދު ބިރުގަތެވެ. އަވަސް އަވަހަށް މަންހާގެ މޫނާ އަތްދުރަށްލިޔެވެ. އޭރުވެސް މަންހާ ހުރީ ދެލޯ މަރާލިގޮތަށެވެ. ހުޅުވަން ބޭނުންވެސް ނުވާކަހަލައެވެ. އެއްވެސް ހިލަމެއްނުވެ ހަމަހިމޭންކަމުގެ ހިނދުކޮޅެއް ވޭތުވެގެންދިއުމާއިއެކު މަންހާ ލޯހުޅުވާލިއެވެ. އޭރު އޭނަގެ ކުރިމަތީ ދާއިންއެއްނެތެވެ. މަންހާ ޑިސްކޯގެ ދޮރާދިމާލަށް ބަލާލިއެވެ. އޭރު ދާއިން އެދިމާލަށް ހިނގަމުންދިޔަތަން މަންހާއަށް ފެނުނެވެ. ދެއަތްތިލަގެނެސް މޭގާ ޖައްސާލަމުން އުޑުގައިވާ ތަރިތަކަށް ބަލާލިއެވެ. ދެލޯމަރާލުމަށްފަހު ފުންނޭވާއެއް ބޭރުކޮއްލިއެވެ. ކީއްވެހެއްޔެވެ. ދާއިންގެ ފަރާތުން އިޝާރާތެއް ހަމަދެންމެ ލިބިދާނެޔޭ ހީވެފަވެސް އެދިޔައިއެވެ. މަންހާގެ ހިތަށް އިތުރަށް ތަދުކުރަން ބޭނުންވަނީބާއެވެ. އަދިވެސް މިދުނިޔޭގައި އޭނަ އެންމެ ލޯބިވާ މީހަކީ ދާއިންކަން ނޭގެނީބާއެވެ. މަންހާވެސް އެއްގަމަށް އަރަން ހިނގައިގަތެވެ. އެހެންނަމަވެސް މީހުންތަކުގެ ތެރެއަށް ދިއުމުގެ ބަދަލުގައި އޭނަ ދިޔައީ އޭނަގެ ކޮޓަރިއަށެވެ.

(ނުނިމޭ)