ޗެމްޕިއަންސް ލީގް

ލިވަޕޫލަށް އުންމީދު، ޓޮޓެންހަމްއިން ސިޓީި ބަލިކޮށްފި

މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ޗެމްޕިއަންސް ލީގްގެ ސެމީ ފައިނަލަށް ދިއުމަށް އުންމީދު ބޮޑު ކޮށްފި އެވެ. ލިވަޕޫލް ވެސް ވަނީ އެފްސީ ޕޯޓޯގެ މައްޗަށް 2-0 ން މޮޅުވެ ސެމީގެ އުންމީދު ބޮޑު ކޮށްފަ އެވެ.

ޓޮޓެންހަމްގެ އާ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި، އެންމެ ފުރަތަމަ ލީޑް ނަގާނެ ފުރުސަތު ލިބުނީ، ސިޓީއަށެވެ. މެޗުގެ 13 ވަނަ މިނެޓްގައި ސިޓީއަށް ލިބުނު ޕެނަލްޓީ ސާޖިއޯ ކުން އަގުއޭރޯ ފޮނުވާލުމުން، ޓޮޓެންހަމްގެ ކީޕަރު ހޫގޯ ލޮރިސް ވަނީ ދިފާއު ކޮށްފަ އެވެ.

ދެ ވަނަ ހާފަށް ނިކުމެ، ޓޮޓެންހަމްގެ ހެރީ ކޭންއަށް އަނިޔާ ވެގެން ބަދަލު ކުރަން ޖެހުނެވެ. ބެލެވޭ ގޮތުގައި އޭނާގެ އަނިޔާ ސީރިއަސް އެވެ. ޓޮޓެންހަމްގެ ކޯޗް މައުރީޝިއޯ ޕޮޗެޓިނޯވެސް ވަނީ ކޭން އަށް މި ސީޒަންގައި ބާކީ ބައިގައި ދެން ނުކުޅެވިދާނެތީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ޓޮޓެންހަމް މޮޅުކޮށްދިން ލަނޑު، ސަން ކާމިޔާބު ކުރީ 78 ވަނަ މިނެޓްގަ އެވެ. މެޗުގައި ބާކީ އޮތް 12 ރަކަށް މިނެޓްގައި ސިޓީއަށް ނަތީޖާ ބަދަލު ކޮށްލެވޭ ގޮތެއް ނުވި އެވެ. މި ދެ ޓީމު ކުޅޭ ދެ ވަނަ ލެގް މެޗު އޮންނާނީ މި މަހު 18 ވަނަ ދުވަހު ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގަ އެވެ.

ޗެމްޕިއަންސް ލީގް 2004 ގެ ޗެމްޕިއަން ޕޯޓޯގެ މައްޗަށް 2005 ގެ ޗެމްޕިއަން ލިވަޕޫލަށް ލިބުނީ ފަސޭހަ މޮޅެކެވެ. މެޗުގެ ފުރަތަމަ 30 މިނެޓް ވުމުގެ ކުރިން ލިވަޕޫލުގެ ދެ ލަނޑު އެ ޓީމުން ކާމިޔާބު ކުރި އެވެ.

ފުރަތަމަ ލަނޑު މެޗު ފެށިގެން ފަސް ވަނަ މިނެޓްގައި ކާމިޔާބު ކުރީ ނެބީ ކެއިޓާ އެވެ. ދެ ވަނަ ލަނޑު ރޮބާޓޯ ފިރުމީނޯ ކާމިޔާބު ކުރީ މެޗުގެ 26 ވަނަ މިނެޓްގަ އެވެ. މި ދެ ޓީމުވެސް ކުޅޭ ދެ ވަނަ ލެގް މެޗު އޮންނާނީ މި މަހުގެ 17 ވަނަ ދުވަހުގެ ރޭ ގައެވެ. އެ މެޗު ކުޅޭނީ ޕޯޓޯގެ ޑޫ ޑްރަގާއޯ ސްޓޭޑިއަމްގަ އެވެ.