ދުނިޔެ

އެއްމާބަނޑު ހަތަރު ކުދިން ވިހެއުމުން ރައީސް ދެމިލިޔަން ރުޕީޒް ދެއްވައިފި

ސްރީ ލަންކާގައި އެއްމާބަނޑު ހަތަރު ކުދިން ވިހޭ މަންމައަކަށް ރައީސް މައިތިރިޕާލާ ސިރީސެނާ ދެ މިލިއަން ރުޕީޒް ހަދިޔާ ކުރައްވައިފި އެވެ.

ވަޒީފާއެއް ވެސް އަދާކުރާ އަޔޭޝާ ދިލާނީ ފުރަތަމަ ފަހަރަށް ބަލިވެ އިނދެ އެއްމާބަނޑު ހަތަރު ކުދިން ވިހޭއިރު އޭގެ ތެރޭގައި ހިމެނެނީ ދެ އަންހެން ކުދިންނާއި ދެ ފިރިހެން ކުދިންނެވެ.

ކުއްލިއަކަށް އާއިލާއަށް ހަތަރު ކުދިންނަށް އިތުރުވުމުން އަޔޭޝާ އާއި ފިރިމީހާއަށް މިހާރު ލިބޭ އާމްދަނީން ހަރަދު ދެކޮޅު ޖެއްސޭ ގޮތެއް ނުވި އެވެ. އެ ހިސާބުން އަޔޭޝާ ނިންމީ "ޖަނަޕަތިތާ ކިޔަންނަ" ނުވަތަ "ރައީސް ގާތު ނަންގަނޭ" ޕްރޮގްރާމް މެދުވެރިކޮށް ރައީސް ސިރިސޭނާގެ އަރިހުގައި އެ ވާހަކަ ދަންނަވައި އެހީއަށް އެދޭށެވެ.

މި ޕްރޮގްރާމްގެ ޒަރީޔާއިން އަޔޭޝާގެ އާއިލާއަށް ދިމާވެފައިވާ ދަތީގެ ހަބަރު ރައީސް ސިރީސެނާއަށް އެނގިވަޑައިގަތުމުން އެ މަނިކުފާނު ނިންމެވީ އަޔޭޝާގެ އެއްމާބަނޑު ހަތަރު ކުދިންގެ ތެރެއިން ކޮންމެ ކުއްޖަކަށް 500،000 ރުޕީޒް ހަދިޔާ ކުރެއްވުމާއެކު އެ އާއިލާއަށް އެ މަނިކުފާނާއި ބައްދަލު ކުރެވޭނެ މަގު ފަހިކޮށް ދެއްވުމަށެވެ.

އިއްޔެ އަޔޭޝާ، އޭނަގެ ފިރިމީހާއާއި މަންމައާއެކު އޭނާގެ ހަތަރު ކުދިން ގޮވައިގެން ރައީސް ސިރިސޭނާގެ އޮފީހަށް ދިއުމުން އެ މަނިކުފާނުވަނީ އެ އާއިލާއަށް މަރުހަބާ ވިދާޅުވުމާއެކު އެހީގެ ޗެކު އެ އާއިލާއާއި ހަވާލު ކުރައްވާފަ އެވެ.

ދެހާސް ސަތާރަ ވަނަ އަހަރު ހުޅުވި "ޖަނަޕަތިތަ ކިޔަންނަ" ޕްރޮގްރާމަކީ ރައްޔިތުން ހާއްސަ ނަންބަރަކަށް ގުޅައިގެން އެ މީހުންނަށް ދިމާވާ ދަތި އުނދަގޫތައް ރައީސްގެ ސެކްރެޓްރީއާއި ހިއްސާކޮށް، ރައްޔިތަކު ބޭނުންވެއްޖެ ހާލަތެއްގައި ސީދާ ރައީސާ ވާހަކަ ދެއްކުމުގެ މަގު ފަހިކޮށްދޭ ޕްރޮގްރާމެކެވެ.

މިކަމަށް ހާއްސަ ކުރެވިފައިވާ ވެބްސައިޓަކާއި އެޕެއް ވަނީ ތައާރަފު ކޮށްފަ އެވެ. އަދި ބޭނުންނަމަ ސިޓީ ފޮނުވޭނެ އިންތިޒާމްވެސް އޮވެ އެވެ.