ދުނިޔެ

ލަންކާގައި ހޫނު ގަދަވެ ފެނުގެ ދަތިކަމާ ކުރިމަތިވެފައި

ސްރީލަންކާއަށް މި ދުވަސްކޮޅު އާދަޔާހިލާފަށް ހޫނު ގަދަވެ އެތައް ބަޔަކަށް ގަދަ ހޫނާ ކުރިމަތިވެފައިވާ އެ ގައުމުގެ ޑިސާސްޓާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ) އިން ބުނެފި އެވެ.

ޑީއެމްސީ އިން އަންގާރަ ދުވަހު ނެރެފައިވާ ރިޕޯޓުގައިވާ ގޮތުގައި ހޫނު ގަދަވުމުގެ ސަބަބުން 121،182 އާއިލާއެއްގެ 467،328 މީހުނަށް ހޫނު ގަދަވެ ފެނަށްޖެހިފައި ވެއެވެ.

ހޫނުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ދެކުނުގެ ޖަފްނާއަށެެވެ. ޑެލްފް އައިލެންޑާއި ކެއިޓްސް ކަރައިނަގަރް އާއި ވެލަނާއީ އަދި މަރުތަންކާނީގެ ސަރަހައްދުތަކަށް އާދަޔާހިލާފަށް ހޫނު ގަދަވުމުގެ ސަބަބުން 24،207 އާއިލާއެއްގެ 84،656 މީހަކަށް އަސަރު ކޮށްފައި ވެ އެވެ. މަންނާރުގައި 14،097 އާއިލާއެއްގެ 51،063 މީހުން ފެނަށް ޖެހިފައި ވެއެވެ.

ކަލުޓަރާގެ ކަލުގަންގާ ކޯރަށް އަޑިން ލޮނު އެރުމުގެ ސަބަބުން އައްސޭރިފަށުގެ 58،175 އާއިލާއެއްގެ 244،000 މީހުންނަށް ވެސް އޭގެ އަސަރުކޮށްފައި ވެއެވެ. އަދި ހޫނުގެ ސަބަބުން އެކި ސަރަހައްދުތަކުގެ ކޯރުތަކުގެ ފެންގަނޑު ވަނީ 28 ޕަސެންޓް އަދި 36 ޕަސެންޓަށް ހިނދިފަ އެވެ.

ލަންކާ ސަރުކާރުން ދަނީ އެ ސަރަހައްދުތަކަށް އެހީ ފޯރުކޮށްދިނުުގެ މަސައްކަތް ކުރަމުން ނެވެ. ލަންކާގެ ޑިޕާޓްމަންޓް އޮފް މީޓިއޮރޮލޮޖީން ބުނާގޮތުގައި މި މަހުގެ 15 އިގެ ނިޔަކަށް އިރު އިންނާނީ ލަންކާ މަތީގަ އެވެ.