ހަބަރު

ދައުލަތަށް ނަގާފައިވާ ކުދިންނަށް ގުރުއާން ކިޔަވައިދޭ އެއްބަސްވުމެއް ހަދައިފި

Apr 10, 2019

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް ކީރިތި ގުރުއާން ކުލާހާއި ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމުތައް ހިންގަން އިސްލާމިކް މިނިސްޓްރީ އާއި ޖެންޑާ މިނިސްޓްރީއާ ދެމެދު އެމްއޯޔޫއެއްގައި ސޮއި ކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެ މިނިސްޓްރީން އެމްއޯޔޫގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަޙްމަދު ޒާހިރެވެ. ޖެންޑާ މިނިސްޓްރީން ސޮއިކުރެއްވީ މިނިސްޓަރު ޝިދާތާ ޝަރީފެވެ.

ރަސްމިއްޔާތުގައި މިނިސްޓަރު ޝިދާތާ ވިދާޅުވީ ރޯދަ މަސް ގާތްވެފައިވާ އިރު، މި ފަދަ ފުރުޞަތެއް މަރުކަޒުތަކުގައި ދިރިއުޅޭ ކުދިންނަށް ލިބިގެން ދިޔުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ދައުލަތުގެ ބެލުމުގެ ދަށުގައި 143 ކުދިން މި ވަގުތު ތިބި ކަމަށެވެ.

އަހަރު ދުވަހުގެ މުއްދަތަށް ސޮއިކުރި އެމްއޯޔޫގެ ދަށުން ހުޅުމާލޭގެ ފިޔަވައްޗާއި ވިލިމާލޭގައި ހުން ހިޔާގައި ދިރިއުޅޭ ކުދިންނަށް ބަލައިގެން ޚަތިމުން ކިޔަވަން ދަސް ކޮށް ދިނުމާއި، ޟުޙާ ސޫރަރުން ފެށިގެން ތިރީގެ ސޫރަތްތައް ހިތުން ދަސްކޮށްދިނުމާއި، ނަމާދުގައި ކިޔާ ދުއާތަކާއި ޒިކުރުތައް ދަސްކޮށްދޭނެ އެވެ.

ދައުލަތުގެ ބެލުމުގެ ދަށަށް ނެގިފައިވާ ކުދިންގެ ތެރެއިން 13 އަހަރުން ދަށުގެ 102 ކުދިން ދިރިއުޅެމުން ދަނީ ފިޔަވަތި މަރުކަޒުގައެވެ. އަދި 13 އަހަރާއި 18 އަހަރާ ދެމެދުގެ 41 ކުދިން ދިރިއުޅެމުން ދަނީ ހިޔާގަ އެވެ.