ހަބަރު

މަންތާ އެއާގެ ދަތުރުތައް މާދަމާ ދަރަވަންދޫއަށް ފަށަނީ

އެތެރޭގެ އުދުހުންތަކަށް އެންމެ ފަހުން ނުކުތް މަންތާ އެއާ އިން މާދަމާ ބ. ދަރަވަންދޫއަށް ދަތުރުތައް ފަށަން ތައްޔާރުވެއްޖެ އެވެ.

މަންތާ އިން ބުނީ، މާދަމާ އިން ފެށިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދަރަވަންދޫ އަށް ކޮންމެ ދުވަހަކު ދެ ދަތުރު ފަށާނެ ކަމަށެވެ. އަދި ކުރިއަށް އޮޮތް ތަނުގައި ދުވާލަކު ތިން ދަތުރަށް އިތުރު ކުރުމަށް މަސައްކަތް ފަށާނެ ކަމަށެވެ. އަދި ބޭނުންކުރާނީ ATR-72-600 މަރުކައިގެ މަތިންދާ ބޯޓް ކަމަށްވެސް އެއާލައިނުން ބުންޏެވެ.

މަންތާ އިން ވަނީ ވަރަށް ދަރަވަންދޫ ދަތުރުތަކަށް ހާއްސަ ޕްރޮމޯޝަނެއްވެސް ފަށާފަ އެވެ. ޕްރޮމޯޝަންގެ ދަށުން ބޮޑެތި މީހުންނަށް 499ރ. އަށް ޓިކެޓް ލިބިގެންދާއިރު، ކުޑަކުދިންނަށް 249ރ. އަށް ޓިކެޓް ލިބެން ހުންނާނެ އެވެ. އެޑްވާންސްކޮށް ޓިކެޓް ބުކް ކުރާނަމަ 549ރ. އަށް ޓިކެޓް ލިބޭނެ ކަމަށްވެސް އެއާލައިނުން ބުންޏެވެ.

މަންތާގެ ޗީފް މާކެޓިން އޮފިސަރު އަހުމަދު މައުމޫން ވިދާޅުވީ، ދަރަވަންދޫ އެއާޕޯޓަކީ އެންމެ ގިނަ ފަރާތްތަކުން ބޭނުންކުރާ އެއާޕޯޓް ކަމަށެވެ. ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދޭނެ ކަމަށާއި މަންތާ އެއާއިން ކަސްޓަމަރުންނަށް މިހާރަށްވުރެ ރަނގަޅު ތަޖުރިބާއެއް ލިބޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އެތެރޭގެ އުދުހުންތަކުގެ ހިދުމަތަށް ބޮޑު ބަދަލެއް ގެންނައުމުގެ އަޒުމުގައި މަންތާ އެއާ އިން ފުރަތަމަ ބޯޓު ރާއްޖެ ގެނެސްފައިވަނީ މިދިޔަ އަހަރުގެ ނޮމެމްބަރު މަހު އެވެ. އަދި ދެވަނަ ބޯޓު ރާއްޖެ ގެނައުމާއެކު މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ދަތުރުތައް ވަނީ ފަށާފަ އެވެ.

މި އެއާލައިނުން މިހާރު ދަތުރު ކުރަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ދ. ކުޑަހުވަދޫ އަށެވެ. ކުރިއަށް އޮތް ތަނުގައި ތ. ތިމަރަފުށީ އެއާޕޯޓަށްވެސް ދަތުރުތައް ފަށަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.