ދުނިޔެ

ލަންކާގެ ބޮޑު ވަޒީރު ރައީސް އަށް ތަހުނިޔާ ދަންނަވައިފި

ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންގް ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަށް ފޯނުން ގުޅުއްވާ، އެ މަނިކުފާާނުގެ ޕާޓީއިން ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ހޯއްދެވި ކާމިޔާބީއަށް ތަހުނިޔާ ދަންނަވައިފި އެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އިން ހޮނިހިރު ދުވަހުގެ އިންތިހާބުގައި ވާދަކުރި 87 ގޮނޑީގެ ތެރެއިން 65 ގޮނޑި ވަނީ ކާމިޔާބު ކޮށްފަ އެވެ.

ފޯނުން ގުޅުއްވި ބޮޑު ވަޒީރުގެ ތަހުނިޔާ ބަލައިގަންނަމުން ރައީސް އިބްރާހިމް ސޯލިހް ވަނީ އިންތިހާބުގައި ދިވެހި ރައްޔިތުން އެމްޑީޕީއަށް ދެއްވާފައިވާ އެއްބާރުލުމާ މެދު އުފާ ފާޅުކުރައްވާފަ އެވެ.

ދެ ބޭފުޅުން އިތުރަށް ދެއްކެވި ވާހަކަފުޅުތެރޭގައި ދެ ގައުމު ގުޅިގެން ތަރައްގީގެ މަގުގައި ކުރިއެރުމަށް ޝައުގުވެރިކަން ފާޅުކުރައްވާ އެކަން ހާސިލް ކުރުމަށް ދެ ގައުމުން ކުރެވިދާނެ ކަންތަކުގެ ވާހަކަ ދައްކަވާފައި ވެއެވެ.

ކޯލް ނިންމަވާލައްވަމުން ރައީސް ސޯލިހް ވަނީ ލަންކާގެ ބޮޑު ވަޒީރަށް ތަމަޅަ އަދި ސިންހަޅަ އާއަހަރުގެ ތަހުނިޔާ ކުރީބައިގައި ދައްނަވާފަ އެވެ.