ވިޔަފާރި

އެއާޕޯޓު ބާރު ބޮޑުވާތީ ވީއައިއޭގައި އާ 14 ކައުންޓަރު ހުޅުވައިފި

Apr 10, 2019
1

ރާއްޖެ އަންނަ ޓޫރިސްޓުން އިތުރުވެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ބާރު ބޮޑުވާތީ، އާ 14 ކައުންޓަރު ހުޅުވައިފި އެވެ.

ވީއައިއޭ އިންޓަނޭޝަނަލް ޕެސެންޖަރު ޓާމިނަލްގައި އަލަށް ހެދި 14 ކައުންޓަރު ހުޅުއްވައި ދެއްވީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެވެ. މި ރަސްމިއްޔާތުގައި ވީއައިއޭގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހު ވެސް ބައިވެރިވެވަޑައިތެވެ.

މި ރަސްމިއްޔާތުގައި ސޯލިހު ވިދާޅުވީ އަލަށް 14 ކައުންޓަރު ހުޅުވީ އިންޓަނޭޝަނަލް ޕެސެންޖަރު ޓާމިނަލްގެ ޖާގަ ބޮޑު ކުރުމަށް ކުރަމުން ގެންދާ މަސައްކަތުގެ ދަށުން ކަމަށެވެ.

"މިތަން ހުޅުވީ ލޯޑު ކުޑަކުރުމަށް. ބެލެވޭ ގޮތުގައި ކުރިއަށް އޮތް އަހަރުގައި އިންޓަނޭޝަނަޕް ޕެސެންޖަރުގެ އަދަދު ހަތް ގުނަ އިތުރު ވެގެންދާނެ.

ވީއައިއޭ އަށް އިތުރު 14 ކައުންޓަރެއް ހުޅުވިއިރު، މިހާރު ހުންނަނީ 28 ކައުންޓެވެ. މި 14 ކައުންޓަރާއެކު އިންޓަނޭޝަނަލް ޓާމިނަލްގެ ކައުންޓަރުގެ އަދަދު 42 އަށް އިތުރުވެގެންދާނެ އެވެ.

ސަރުކާރުން ދަނީ ވީއައިއޭ ތަރައްގީ ކުރުމަށް ބިލިއަން ޑޮލަރުގެ މަޝްރޫއެއެއް ކުރިއަށް ގެންދަމުންނެވެ. މި މަޝްރޫއުގެ ދަށުން އިންޓަނޭޝަނަލް ޕެސެންޖަރު ޓާމިނަލްއެއް އަޅާނެ އެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ސައޫދީ ބިންލާދިން ކުންފުންޏާ އެވެ. މި މަސައްކަތް ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ނިމޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އެއާޕޯޓުގައި ޓާމިނަލްގެ އިތުރުން ފިއުލް ފާމް އާއި ކާގޯ ޓާމިނަލް ވެސް އެޅުމުގެ މަސައްކަތް ދަނީ ކުރިއަށްށެވެ. މީގެ އިތުރުން މިދިޔަ އަހަރު ވަނީ މުޅިންއާ ރަންވޭއެއް ހަދައި ހުޅުވާފަ އެވެ. އަދި އާ ސީޕްލޭން ޓާމިނަލްއެއްގެ މަސައްކަތް ކުރިއަށްދެ އެވެ.