ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ބަހައްޓާފައިވާ ރާޑަރު ފަހުގެ ސިސްޓަމަކަށް ބަދަލުކޮށް، އަންނަ މަހު އިރުމަތި ފަރާތަށް ބަދަލު ކުރާނެ ކަމަށް އެމްއޭސީއެލް އިން ބުނެފި އެވެ.
އެމްއޭސީއެލް އިން މިއަދު ބުނީ ރާޑަރު ސިސްޓަމް ބަދަލު ކުރަނީ ދުނިޔޭގެ ވައިގެ ދަތުރުފަތުގެ ޖަމިއްޔާގެ މިންގަނޑުތަކަށް ފެއްތުމުގެ ގޮތުން ކަމަށެވެ. އެގޮތުން މި ބަދަލު ގެންނަން ޖެހުނީ އާ ރަންވޭ ހެދުމުން މިހާރު ރާޑަރު ސިސްޓަމް ހުރިތަން ރަންވޭއާ ކައިރިވުމުން ކަމަށް އެ ކުންފުނިން ބުނެ އެވެ.
ރާޑަރު ސިސްޓަމް އަންނަ މަހުން ފެށިގެން ހުންނާނީ ހުޅުމާލެ ހައިވޭގެ އެއް ފަރާތުގައި އެއާޕޯޓު ތެރެ އަށް ވާ ގޮތަށެވެ.
އެމްއޭސީއެލްގެ އޮފިޝަލަކު މިއަދު ވިދާޅުވީ ރާޑަރު ބަދަލު ކުރާއިރު ސިސްޓަމް ފަހުގެ ޓެކްނޮލޮޖީއަށް ބަދަލު ވެގެންދާނެ ކަަމަށެވެ. ނަމަވެސް، މި ބަދަލާއެކު ލިބިގެންދާނީ ކޮން ފަސޭހައެއް ކަމެއް އެ ކުންފުނިން ނުބުނެ އެވެ.
ރާޑަރު ބަދަލުކޮށްފައިވަނީ ވީއައިއޭގައި އާ ރަންވޭއެއް އެޅުމާ ގުޅިގެންނެވެ. "ކޯޑް އެފް" ފެންވަރަށް ތަރައްގީ ކުރި އާ ރަންވޭގެ ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާމިނުގައި 60 މީޓަރު ހުރެ އެވެ. ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) އިންނެވެ. މި ލޯނު އެއްބަސްވުމުގައި ސޮއިކުރީ 8، ޑިސެމްބަރު 2015 ވަނަ އަހަރު އެވެ. އަދި ރަންވޭ އަޅާ ސަރަހައްދުގެ ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ 25، ޖުލައި 2016 ގަ އެވެ. މަސައްކަތް ފައްޓަވައި ދެއްވީ ރައީސް އަބްދުﷲ ޔާމީން އެވެ. ރަންވޭ އަޅަން 60 ހެކްޓަރުގެ ބިން ހިއްކައިގެންނެވެ.