ހަބަރު

ފަޒީލާއި އެކުވެރިން ބަންދުން ދޫކޮށްލައިފި

ޑިންގީއެއް ބަންޑުން ޖަހާލައިގެން ގެއްލުނު އައިމިނަތު ޝިމާގެ ކޮއްކޮ ގޮވައިގެން ފިލަން އުޅުނު ތިން މީހުން ކޯޓުން ދޫކޮށްލައިފި އެވެ.

ފުލުހުން ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ. ފުލުހުން ބުނީ، އެތިން މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރަން މިއަދު ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ އެތިން މީހުން ޝަރުތުތަކަކާއެކު ދޫކޮށްލާފަ އެވެ. ނަމަވެސް އެއީ ކޮން ޝަރުތުތަކެއްކަން ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

އެ ތިން މީހުންގެ ތެރޭގައި ޝިމާއާއެކު ޑިންގީގައި ދަތުރުކުރި އިބްރާހިމް ފަޒީލް ވެސް ހިމެނެ އެވެ.

އެތިން މީހުން ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 10 ވަނަ ދުވަހު އެވެ. އެމީހުން ހައްޔަރު ކޮށްފައިވަނީ ލ. މާމެންދޫއިން ޑިންގީއެއްގައި ފުރައިގެން ސިކްސް ސެންސް ރިސޯޓާ ހަމައަށް އިންނެވެ. އެތިން މީހުން އެ ޑިންގީގައި ތިބީ މޫނު ނިވާކޮށްގެނެވެ.

ޝިމާގެ އާއިލާއިން މީގެ ކުރިން ވެސް ފަޒީލަށް ގިނަ ތުހުމަތުތަކެއް ކޮށްފައިވެ އެވެ. އެގޮތުން ޝިމާ ގެއްލުނީ ނޫން ކަމާއި ގެއްލުވާލީ ކަމަށް ތުހުމަތު ކުރެ އެވެ.

ޑިންގީ ބަންޑުޖަހާލި ހާދިސާއަށް ދުވަސްތަކެއް ވެފައިވާއިރު މިހާތަނަށް ޝިމާގެ އެއްވެސް ނިޝާނެއް ފެނިފައެއް ނުވެ އެވެ. އަދި އެ ޑިންގީ ވެސް ފެނިފައެއް ނުވެ އެވެ. ޑިންގީ ބަންޑުން ޖަހާލުމުން ފަޒީލް ފަތާފައި އެހީ ހޯދުމަށް ދިޔައީ ސިކްސް ސެންސް ރިސޯޓަށެވެ.

އޭނާ ފަތާފައި ދިޔައީ ޝިމާގެ އަތަށް ފޯނަކާއި ހަމެއް ދީފަ ކަމަށް އޭނާ ބުނެފައިވެ އެވެ. ނަވާރަ އަހަރުގެ ޝިމާއަކީ ފަތަން އެނގޭ މީހެއް ނޫނެވެ.

ފުލުހުން މިހާތަނަށް މި މައްސަލައާ ގުޅުން ހުރި އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެ އެވެ.