މިދިއަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުގެ ރޭ، ލ. ކައްދޫން މާމެންދޫއަށް ދަނިކޮށް ދަތުރުކުރި ޑިންގީ ބަންޑުން ޖަހާލައިގެން މާމެންދޫ އައިމިނަތު ޝިމާ ނާފިޒު 19، ގެއްލުނު ކަމަށް ބުނާ އަދި ޝައްކުތަކާއި ތުހުމަތުތައް އޮތް އެ މައްސަލަ ބެލުމުގެ މެންޑޭޓެއް ނެތްކަމަށް ރިޔާސީ ކޮމިޝަނުން ބުނެފި އެވެ.
މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލައްވާފައިވާ ރިޔާސީ ކޮމިޝަންގެ ރައީސް ހުސްނުއް ސުއޫދު އެކަން ހާމަކުރެއްވީ ޓްވިޓާގަ އެވެ.
ޝިމާ ގެއްލުނު މައްސަލަ ވެސް ރިޔާސީ ކޮމިޝަނުން ބަލާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ބުނެ މީހަކު ކުރި ޓްވީޓަކަށް ޖަވާބު ދެމުން ސުއޫދު ވިދާޅުވީ ޝިމާގެ މައްސަލައަކީ އެ ކޮމިޝަންގެ މެންޑޭޓުގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ.
ސުއޫދުގެ މި ވާހަކަތަކާއި ގުޅިގެން ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ޝިމާ ގެއްލުނު ހާދިސާއަށް އިންސާފު ހޯދައި ދިނުމަކީ ދައުލަތުގެ ޒިންމާއެއް ނޫންތޯ ވެސް ބައެއް ފަރާތްތަކުން ވަނީ ސުވާލު ކޮށްފަ އެވެ. އަދި ޝިމާ ގެއްލުނު މައްސަލަ ސީރިއަސް މައްސަލައަކަށް ނުވަނީތޯ ވެސް ބައެއް މީހުން ވަނީ ސުވާލު ކޮށްފަ އެވެ.
ޝިމާ ގެއްލުމުން ހޯދުމަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އަދި ޝިމާ ގެއްލުމާ ގުޅުވާ ގިނަ ވާހަކަތަކެއް ވެސް ރަށުތެރޭގައި ދެކެވިގެންދިޔަ އެވެ. ކަނޑުމަތިން އޭނާ ގެއްލުނީ މި އަހަރުގެ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުގެ ރޭ 9:30 އެހާކަންހާއިރު އޭނާއާ އެހެން ޒުވާނަކު ދަތުރު ކުރި ޑިންގީއެއް ލ. ގާދޫ ކައިރިން ބަންޑުން ޖަހާލައިގެނެވެ. އެ ހާދިސާ ފުލުހުންނަށް ރިޕޯޓް ކުރިއިރު ޑިންގީން ދަތުރުކުރި ޝިމާގެ އެކުވެރިޔާ ވަނީ ފަތާފައި ގޮސް ކައިރީގައި އޮންނަ ސިކްސް ސެންސަސް ރިސޯޓަށް އަރައި ސަލާމަތްވެފަ އެވެ. އެ ހަބަރު ކޯސްޓްގާޑަށް ދިނީ ވެސް އޭނާ އެވެ.
ނަމަވެސް ޝިމާގެ އާއިލާއިން ވަނީ އޭނާގެ އެކުވެރިޔާގެ ވާހަކަތައް ގަބޫލު ކުރަން ދެކޮޅު ހަދާފަ އެވެ. އަދި އާއިލާގެ ބޮޑެތި ތުހުމަތުތަކެއް ވެސް ޝިމާގެ އެކުވެރިޔާއަށް އަމާޒުވި އެވެ.
ޝިމާގެ މައްސަލައަށް ސަރުކާރުން ސަމާލުކަމެއް ނުދޭކަމަށް ބުނެ މީގެ ކުރިންވެސް ބައެއް މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ޝިމާ ހޯދަން ފުލުހުން ކުރި މަސައްކަތްތަކުގެ ހުލާސާއެއް
- * 46 މީހަކާއި ސުވާލު ކުރި
- * 10 މޭލު ވައިގެ މަގުން ބެލި
- * 5 ޑައިވް ކުރި
- * 1900 އަކަ ކިލޯމީޓަރު ބެލި
- * 17 ރަށް ބަލާ ޗެކް ކުރި
- * 9 ސީސީޓީވީ ފޫޓޭޖް ބެލި
ޝިމާގެ މައްސަލައިގެ ތަހުގީގަށްފަހު ފުލުހުން އެންމެ ފަހުން ބުނީ ޝިމާ ގެއްލުނު ހާދިސާ ހިނގާފައި ވަނީ ވަކި މީހަކު ހިންގި އަމަލަކުން ކަމަށް ބުނަން ދަތިކަމަށެވެ.
ފުލުހުންގެ ޑިވިޝަނަލް ކޮމާންޑްގެ ހެޑް، އެސިސްޓެންޓް ކޮމިޝަނާ އަބްދުﷲ ފައިރޫޝް ވިދާޅުވި ގޮތުގައި މިހާތަނަށް ބެލި ބެލުމުން ކުރިން އަޑުތައް ފެތުރުނު ގޮތަށް "ޝިމާ އިތުރު ތާކަށް ގެންގޮސް ނޭއްގާނީ އަމަލެއް ހިންގާފައިވާ ކަމަށް ތަހުގީގަކުން ނުދައްކާ" ކަމަށެވެ.
ފައިރޫޝް ވިދާޅުވީ ޑިންގީއެއްގައު ޝިމާ ގެންދިޔައީ ގަދަކަމުން ކަމަށް ނުބެލެވޭ ކަމަށާއި ފަޒީލަކީ ޝިމާ ވަރަށް ގާތް އަދި އޭނާގެ އާއިލާގެވެސް ގާތް ރަހުމަތްތެރިއެއްކަން އެނގޭ ކަމަށެވެ. އަދި ވިދާޅުވީ ފަޒީލާއެކު ޝިމާ ފުރަން ދިޔަ މަންޒަރު ވެސް ބައެއް ސީސީޓީވީ ފުޓޭޖުން ފެންނަ ކަމަށާއި، ފަޒީލް ސިމާ ގަދަކަމުން ގެންދިޔަ ކަމަށް ފުޓޭޖްތަކުން ވެސް ނުފެންނަ ކަމަށެވެ.
"ނަމަވެސް ޝިމާ ގެއްލުނު ހާދިސާގައި ޝައްކު ކުރެވޭ ކަންތަައްތަކެއް ވެސް އެބަހުރި"ކަމަށް ފުލުހުން އޭރު ވަނީ ހާމަކޮށްފައެވެ. މިއަހަރުގެ އޭޕްރީލް މަހުގެ 22 ވަނަ ދުވަހު ފުލުުހުން ހާމަކުރި މި މައުލޫމާތުތަކަށްފަހު، މި މައްސަލައިގެ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ފަހުން ހާމައެއް ނުކުރެއެވެ.