ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ސުއޫދަކީ ނަޒާހަތްތެރިއެއް ނޫން، އަޒުލުކުރަން ޖެހޭ: ޝަހީމް

ރިޔާސީ ކޮމިޝަންގެ ކުރީގެ ރައީސް އަދި މިހާރު ސުޕްރީމް ކޯޓްގެ ފަނޑިޔާރު ހުސްނުއް ސުއޫދު އެ މަގާމުން އަޒުލުކުރަން ޖެހޭ ކަމަށާ އެއީ ނަޒާހަތްތެރިކަން ގެއްލިފައިވާ ބޭފުޅެއް ކަމަށް ކުރީގެ އިސްލާމިިކް މިނިސްޓަރު ޑރ. މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން ވަނީ އަފްރާޝީމްގެ މަރުގެ މައްސަލާގެ ތަހުގީގަށް ޝަހީމް ދޮގު މައުލޫމާތު ދެއްވާފައިވާތީ އާއި، ތަހުގީގަށް ހުރަސް އަޅާފައި ވާތީ، އެ މައްސަލާގައި އޭނާގެ މައްޗަށް ދައުވާ ކޮށްދޭން އެދި ޕީޖީ އޮފީހަށް މައްސަލަ ފޮނުވާފައެވެ. ނަމަވެސް މައްސަލަގެ ތަހުގީގު ފުރިހަމަ ނުވާކަމަށް ބުނެ އެ މައްސަލަ ވަނީ އަަނބުރާ ފޮނުވާލާފައެވެ. އޭގެ ފަހުން އެ މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށް މަރު ކޮމިޝަނުން ވަނީ ފުލުހުންނަށް މައްސަލަ ފޮނުވާފައެވެ.

ސުއޫދު ސުޕްރީމް ކޯޓަށް އައްޔަން ކުރަން މަޖިލީހުން ފާސްކުރުމުން އޭނާ ވަނީ ރިޔާސީ ކޮމިޝަނުން އިސްތިއުފާދީފައެވެ.

ސުއޫދު އިސްކޮށް ހުންނެވި ކޮމިޝަނުން ޝަހީމްގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއްކޮށް ފޮނުވި މައްސަލަ ޕީޖީން އަނބުރާ ފޮނުވާލާފައިވާއިރު ޝަހީމް ރޭ ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ކޮމިޝަނަށް ލިބިފައިވާ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފާ، ސިޔާސީ ގޮތުން ބަޔަކު ބަދުނާމުކޮށް، އަފްރަޝީމްގެ މަރުގެ މިސްރާބު ދީނީ މީހުންގެ ބޮލަށް ބިންދާލަން މަސައްކަތް ކުރަނީ ހަގީގީ ގާތިލުން ފޮރުވަން ކަމަށެވެ.

"ކޮމިޝަން [މަރުތައް ބެލުމަށް އެކުލަވާލި ރިޔާސީ ކޮމިޝަން] ގެ މެންބަރުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަންޖެހޭ." ޝަހީމްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ޝަހީމް އިތުރަށް ވިދާޅުވީ މަރު ކޮމިޝަނުން ފޮނުވި ދައުވާތައް ޕީޖީ އޮފީހުން އަނބުރާ ފޮނުވާލުމުން ދޭހަވަނީ އެއީ ސުއޫދު ކުޅުއްވި ސިޔާސީ ކުޅިވަރެއްގެ ގޮތުގައި ކަމަށެވެ.

"ސުއޫދު ސުޕްރީމް ކޯޓުން އަޒުލް ކުރަން ޖެހޭ. އޭނާއަކީ ނަޒާހަތްތެރިކަން ގެއްލިފައިވާ މީހެއް. ތަހުގީގު ފުރިހަމަނުކޮށް ރިޕޯޓް ނެރުނު މައްސަލާގައި ގާނޫނީ ފިޔަވަޅު އަޅަންޖެހޭ." ސުއޫދަށް ފާޑު ވިދާޅުވަމުން ޝަހީމް ވިދާޅުވިއެވެ.

އަފްރާޝީމް އަލީ އަވަހާރަކޮށްލީ، ޝަހީމް އިސްލާމިކް މިނިސްޓަރުގެ މަގާމްގައި ހުންނަވަނިކޮށެވެ. އެމަނިކުފާނު މަރުގެ ކޮމިޝަނަށް ދެއްވި ބަޔާނުގައި ޓީވީ ޕްރޮގްރާމަކަށް އަރާވަޑައިގަތުމަށް އެދި ލެއްވީ އަފްރާޝީމް ކަމަށް ވިދާޅުވެފައި ވެއެވެ. އެހެން ނަމަވެސް ކޮމިޝަނުން ހެކީގެ ގޮތުގައި ހޯދި އެ ދެ ބޭފުޅުންގެ ޓެކްސްޓް މެސެޖުގައިވާ ގޮތުން އަފްރާޝީމް މިނިސްޓްރީއަށް އެ ދުވަހު ވަޑައިގަތީ ޝަހީމް އެދިވަޑައިގަތުމަކަށެވެ. އެ މެސެޖްތަކަށް ބެލުމަށްފަހު ކޮމިޝަނުން ނިންމީ ޝަހީމް ދެއްވި މައުލޫމާތުތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށެވެ.

އެމައްސަލައާއި ގުޅިގެން ޝަހީމްއާއި، ސަލަފަށް ފިޔަވަޅު އަޅަން މަޖިލީހުންވެސް ވަނީ ފާސްކޮށްފަ އެވެ.

ޝަހީމް ވިދާޅުވީ މަރު ކޮމިޝަންގެ ރިޕޯޓްގެ މައްޗަށް ބިނާކޮށް ފިޔަވަޅު އެޅުމަށް މަޖިލީހުން ފާސްކޮށްފައިވާ އެންމެހާ ނިންމުންތައްވެސް ބާތިލްވާނެ ކަމަށް ދެކޭ ކަމަށެވެ. އަދި އެއީ އެއްވެސް އަގެއް ހުރި އެއްޗެއް ނޫން ކަމަށް ވިދާޅުވިއެވެ.

ޝަހީމަކީ މިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް އަބުދުﷲ ޔާމީންގެ ރަނިންމޭޓްވެސް މެއެވެ. އަދި ޝަހީމަކީ ދުނިޔޭގެ ފާހަގަ ކޮށްލެވޭ އިސްލާމީ 500 ޝަހުސިއްޔަތުންގެ ތެރޭގައި ވެސް ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އަދި އިސްލާމީ ގައުމުގެ ތަކުގެ ޖަމިއްޔާ، އޯއައިސީގެ ސެކްރެޓަރީ ޖެނެރަލްގެ އިސް މުޝީރުގެ މަގާމުގައި މިވަގުތު ހުންނެވީވެސް ޝަހީމެވެ.