ހަބަރު

ތަހުގީގު ފުރިހަމަ ކުރަން މަރު ކޮމިޝަނުން ފޮނުވި މައްސަލަތައް އަނބުރާ ފޮނުވާލައިފި

Dec 31, 2019

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލަން އުފެއްދި ރިޔާސީ ކޮމިޝަންގެ ތަހުގީގު ކުރުމަށްފަހު، ދައުވާ ކޮށްދޭން ޕްރޮސިކިއުޓަ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވި މައްސަލަތައް ތަހުގީގު ފުރިހަމަ ކުރަން އަނބުރާ ފޮނުވާލައިފި އެވެ.

މަރު ކޮމިޝަނުން ދައުވާ ކޮށްދޭން އެދި ޕީޖީ އޮފީހަށް ފޮނުވީ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމާއި ނޫސްވެރިޔާ އަހްމަދު ރިލްވާން ވަގަށް ނަގައި މަރައިލުން އަދި ބްލޮގަރު ޔާމީން ރަޝީދުގެ މަރާ ގުޅިގެން މުހައްމަދު މަޒީދާއި ސާމިތު މުހައްމަދުގެ މައްޗަށެވެ.

މީގެ އިތުރުން، އަފްރާޝީމްގެ މަރާ ގުޅިގެން ކޮމިޝަނަށް ދޮގު މައުލޫމާތު ދިން ކަމަށް ތުހުމަތުކޮށް، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ މައްޗަށް ވެސް ދައުވާ ކޮށްދޭން ކޮމިޝަނުން އެދިފައިވެ އެވެ.

ނަމަވެސް، ޕީޖީ އޮފީހުން މިއަދު ބުނީ އެ ތިން މައްސަލަވެސް ދިރާސާ ކުރުމަށްފަހު، ތަހުގީގުގައި އިތުރަށް ފުރިހަމަކުރަންޖެހޭ ކަންތައްތަކެއް ހުރިކަމަށް ފެންނާތީ، ދައުވާ ކުރުމުގެ ކުރިން ތަހުގީގު ފުރިހަމަކުރުމަށްޓަކައި އަލުން ހުށަހެޅުމަށްޓަކައި އަނބުރާ ފޮނުވާލެވިފައިވާ ކަމަށެވެ.

"މީގެ ތެރެއިން އެއްވެސް މައްސަލައެއްގައި ދައުވާ ނުކުރުމަށް މި އޮފީހުން ނިންމާފައި ނުވާކަމަށް ދަންނަވަން،" އެ އޮފީހުން އިތުރަށް ބުނެފައިވެ އެވެ.

މަރު ކޮމިޝަނުން ހުށަހެޅި މައްސަލަތައް ޕީޖީން އަނބުރާ ފޮނުވާލާފައިވަނީ އެ ކޮމިޝަންގެ ތަހުގީގުތަކާ މެދު ގިނަ ބަޔަކު ސުވާލު އުފައްދާފައިވަނިކޮށެވެ.