މަރުތައް ތަހުގީގު ކުރުމުގެ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި ހުސްނުއްސުއޫދު އެ ކޮމިޝަންގެ މެންބަރު ކަމުން އިސްތިއުފާ ދެއްވައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިއަދު ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސުއޫދު އައްޔަން ކުރަން ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސް ކުރުމާ ގުޅިގެން މަރު ކޮމިޝަނުން ސުއޫދު އިސްތިއުފާ ދެއްވައި ރައީސް އޮފީހަށް އަންގަވާފައިވާ ކަމަށެވެ. އެނގިފައިވާ ގޮތުގައި ވަރަށް އަވަހަށް އޭނާ ފަނޑިޔާރު ކަމުގެ ހުވާ ކުރައްވާނެ އެވެ.
މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަންގެ ރައީސްގެ ގޮތުގައި ސުއޫދު ހުންނެވިއިރު ވަނީ މަރުގެ ބޮޑު ދެ މައްސަލައެއް ބަލައި އޭގެ ރިޕޯޓް ރައީސް ސޯލިހަށާއި ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފަ އެވެ. އެއީ މަޖިލީހުގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އާއި ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މައްސަލަ އެވެ. އެ ދެ މަރު ވެސް ގުޅެނީ ދީނީ ހަރުކަށި ފިކުރުގެ ޖަމިއްޔާތަކާ ކަމަށް އެ ރިޕޯޓްތަކުގައި ވަނީ ފާހަގަކޮށްފަ އެވެ.
ރިޔާސީ ކޮމިޝަންގެ ރައީސް ކަމުގައި އޭނާ ހުންނަވަނިކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ މަގާމަށް އޭނާ އައްޔަން ކުރަން ރައީސް ފޮނުއްވިއިރު، އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެ މަގާމަށް އޭނާ އައްޔަން ކުރަން ރުހުން ދިނުމަށް 64 މެންބަރުންގެ ވޯޓުން ވަނީ ފާސްކޮށްފަ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ބަންޑާރަ ނައިބުގެ މަގާމު ފުރުއްވި ސުއޫދު ވަނީ ވަކީލުން ރެގިއުލޭޓް ކުރުމަށް އުފެއްދި ބާ ކައުންސިލްގެ ރައީސްގެ މަގާމަށް ވެސް ކުރިމަތިލައްވައިފަ އެވެ. ނަމަވެސް ގާނޫނީ ވަކީލު މައުމޫން ހަމީދާ ވާދަކުރައްވައި އޭނާ ވަނީ ނާކާމިޔާބުވެވަޑައިގެންފަ އެވެ.