ސުޕްރީމް ކޯޓް

ޖިނާއީ ބޮޑެތި މައްސަލަތަކުގައި ދައުވާ ލިބޭ މީހުންގެ ޕާސްޕޯޓް ހިފަހައްޓަންޖެހޭ: ހުކުމް

ޖިނާއީ ބޮޑެތި މައްސަލަތަކުގައި ދައުވާ ލިބޭ މީހުންގެ ޕާސްޕޯޓް ހިފަހައްޓަންޖެހޭ ގޮތަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.

ސުޕްރީމް ކޯޓުން މިގޮތަށް ކަނޑައެޅީ ސީލައިފްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މޫސާ (އަންމަޓީ) ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރަން ހުއްދަދީ ނެރުނު އަމުރު ބާތިލްކޮށް ސުޕްރީމް ކޯޓުން އިއްވި ހުކުމްގަ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމްގައި ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔުގައި ވިދާޅުވީ ކުށެއްގެ ތުހުމަތުގައި ދައުވާ އުފުލުމަކީ ސީރިއަސް ކަމެއް ކަމަށެވެ. އަދި ޖިނާއީ ކުށެއްގައި ދައުވާ ލިބޭ މީހަކު ރާއްޖެއިން ބޭރަށް ދިއުމަށްފަހު އަނބުރާ ނައިސްފިނަމަ ޖިނާއީ އަދުލުގެ ނިޒާމު ވާގިނެތި އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސް އެޅިގެންދާ ކަމަށް ރައުޔުގައިވެ އެވެ.

ސުއޫދުގައި ރައުޔުގައި ވިދާޅުވީ ގާނޫނުލްއުގޫބާތުގެ 22 ވަނަ މާއްދާގައި ބަޔާންކުރާ ޖިނާއީ މައްސަލައެއްގައި ދައުވާ ލިބޭ މީހުންގެ މައްސަލަ ކޯޓަށް ހުށަހެޅުމާ އެކު އެފަދަ މީހުން ރާއްޖެއިން ބޭރަށް ފުރައިގެން ދިއުން މަނާކުރުމަށް ކޯޓުން މޯލްޑިވްސް އިމިގްރޭޝަނަށް އަންގަންވާނެ ކަމަށެވެ. އަދި އެގޮތަށް އެންގުމުން އެފަދަ މީހުން ބްލެކްލިސްޓްކޮށް ރާއްޖެއިން ފުރައިގެން ނުދެވޭ ގޮތް ހެދުމަކީ މޯލްޑިވްސް އިމިގްރޭޝަންގެ ޒިންމާއެއް ކަމަށްވެސް ހުކުމްގައިވާ ސުއޫދުގެ ރައުޔުގައިވެ އެވެ.

ސުއޫދުގެ ރައުޔުގައި ވިދާޅުވީ ޖިނާއީ ބޮޑު ދައުވާއެއް ލިބޭ މީހަކު ބޭސް ފަރުވާ ނޫން ބޭނުމަކު ރާއްޖެއިން ބޭރަށް ފުރަން ހުއްދަ ދޭން ވާނީ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައިވާ އުސޫލާ އެއްގޮތަށް ޕްރޮސިކިއުޓާ ޖެނެރަލްގެ ރުހުމާ އެކު ކަމަށެވެ. އަދި އެފަދަ މީހަކު ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ދާން ބޭނުންވި ނަމަވެސް އެކަމަށް ހުއްދަ ދޭންވާނީ އެ މީހަކު ހޯދަން ބޭނުންވާ ފަރުވާއަކީ ރާއްޖެއިން ލިބެންނެތް ބޭސްފަރުވާއެއް ކަމަށް ކަމާ ގުޅޭ ޑޮކްޓަރަކު ޝަރީއަތުގެ މަޖިލީހަށް ހާޒިރުވެ ދައްކަވާ ވާހަކަތަކުގެ މައްޗަށް ބަލައި ޝަރުތުތުތަކާ އެކު ކަމަށްވެސް ހުކުމްގައިވެ އެވެ.

"އެގޮތުން ކަނޑައެޅޭ ޝަރުތުތަކުގެ ތެރޭގައި ކަފާލާތުގެ ގޮތުގައި ދައުވާގައި ހިމެނޭ ފައިސާގެ އަދަދާ އެއްވަރުގެ ފައިސާގެ އަދަދެއް ނުވަތަ ބޭންކް ގެރެންޓީއެއް ނުވަތަ ބޮންޑެއް ބެހެއްޓުމަށް ޝަރުތުކުރުމުގެ އިޚްތިޔާރު ކޯޓަށް ލިބިގެންވޭ،" ސުއޫދުގެ ރައުޔުގައިވެ އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު މާޗް 13، 2014 ގައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އެޅުމަށް ސީލައިފްއާ ހަވާލުކޮށްފައިވެ އެވެ. އެކަމަކު އެއްބަސްވުމުގައިވާ މުއްދަތުގައި ހައުސިން ޔުނިޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަ ނުކޮށް، މަކަރާއި ހީލަތުން އެކި މީހުން އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ދައުލަތުގެ ދައުވާތަކުގައި ތުހުމަތުކޮށްފައިވެ އެވެ.

ދައުލަތުން އަންމަޓީގެ މައްޗަށް އުފުލާފައިވާ 42 ދައުވާ ސާބިތުވެއްޖެނަމަ 65 އަހަރުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އިއްވާނެ އެވެ. އަންމަޓީ ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކަށް އިންކާރުކޮށްފަ އެވެ.