ހަބަރު

ޔައުގޫބު މައްސަލަ ކުރިޔަށް ގެންދެވޭނެ: ކޯޓް

ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅަން މައްސަލަ ހުށަނޭޅޭނެ ކަމަށް އޭނާގެ ގާނޫނީ ވަކީލުން ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.

ޔައުގޫބުގެ ވަކީލުން މިހެން ވިދާޅުވީ ސުޕްރީމް ކޯޓަށް ހުށަހެޅި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުމުގަ އެވެ. މައްސަލަ ސުުުޕްްރީމް ކޯޓަށް ހުށަހެޅީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް އާއި އިދިކޮޅު ޕީޕީއެމްގެ ގާނޫނީ ވަކީލް އައްސަދު ޝަރީފެވެ.

މި މައްސަލަ ހުށަނޭޅެނެ ކަމަށް ޔައުގޫބުގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ފަނޑިޔާރު ވިދާޅުވީ މި މައްސަލަ ކުރިއަށް ގެންދެވޭނެ ހުރަހެއް ނެތް ކަމަށެވެ.

ހަލީމާއި އައްސަދު ވަނީ ޔައުގޫބު ގާނޫނާއި ހިލާފްވެފައިވާ ކަމަށް ނިންމައި ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ޝަރީއަތުގައި އެދިވަޑައިގެންފަ އެވެ. އަދި ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ރ) އާ ޔައުގޫބު ހިލާފުވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ޔައުގޫބުގެ ވަކީލުންގެ ޓީމުން ވިދާޅުވީ ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ނ) އާއި (ރ) ގައި ތަފާތުތަކެއްވާ ކަމަށެވެ. އަދި އެ ތަފާތުތައް އެހެން ހުރުމުން ޔައުގޫބުގެ ގޮނޑި ނުގެއްލޭކަން އެނގޭ ކަމަށެވެ.

މި މައްސަލައިގައި މިއަދު ބެއްވި އަޑުއެހުމުގައި، ޔައުގޫބުގެ މެމްބަރު ކަމުގެ ގޮނޑި ގެއްލިފައިވާ ކަމށް ބުނެ ހުށަހަޅާފައިވާ މައްސަލައަށް ގޮތެއް ނިމެންދެން، މަޖިލީހަށް ހާޒިރުވާން މަނާ ކުރުމުގެ އަމުރެއް ނެރެދިނުމަށް ވެސް އެދުނެވެ. ނަމަވެސް މި ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ވަނީ ކަނޑައަޅަފަ އެވެ.

އަދި ވަގުތީ އަމުރު ނުނެރުނު ނަމަވެސް، މައްސަލަ ހުށަހެޅި ފަރާތަށް ލިބޭނެ ގެއްލުމެއް ނެތް ކަމަށް ވެސް ފަނޑިޔާރު ވަނީ ވިދާޅުވެފަ އެވެ.

ޔައުގޫބުގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ވެއްދީ އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގެ އިންތިގާލީ ކައުންސިލުގެ މެންބަރުކަމާ ޔައުގޫބު ހަވާލުވެވަޑައިގަތުމާ ގުޅިގެނެވެ. ނަމަވެސް އެކަމާ ސުވާލުތައް އުފެއްދި ފަހުން އޭނާ ވަނީ އެ ކައުންސިލުން އިސްތިއުފާ ދެއްވާފަ އެވެ.

މިއަޑު އެހުމުގައި ފަނޑިޔާރުންގެ ބެންޗުން ވަނީ މައްސަލަ ހުށަހެޅި ފަރާތާއި ޔައުގޫބުގެ ވަކީލުންނަށް ވެސް ސުވާލުތަކެއް ކުރައްވާފަ އެވެ. އެގޮތުން ޔައުގޫބުގެ އަ މަލުތަކުން ސެޕެރޭޝަން އޮފް ޕަވާސް އާއި މި މައްސަލަ އާ ގުޅުން އޮންނަނީ ކިހިނެތްކަން ސާފް ކޮށްދިނުމަށް މައްސަލަ ހުށަހެޅި ފަރާތާ ސުވާލު ކުރި އެވެ. އަދި ޔައުގޫބުގެ މަގާމުގެ މަސްއޫލިއްޔަތަކީ ކޮބައިކަން ސާފްކޮށްދިނުމަށް ވެސް އެދިވަޑައުގެންފަ އެވެ.

އަޑުއެހުން ނިންމާލާފައިވަނީ ފަނޑިޔާރުންގެ ސުވާލުތަކަށް ޖަވާބުދޭން ތައްޔާރުވާން ވަގުތު ދީފަ އެވެ. ދެން މި މައްސަލައިގައި އޮންނަ އަޑުއެހުމެއްގައި އެ ސުވާލުތަކަށް ޖަވާބު ދޭންޖެހޭނެ އެވެ.

މި މައްސަލައިގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނި ވަޑައިގަންނަވަނީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އާއިޝާ ޝުޖޫން އާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އާއި ފަނޑިޔާރު އަލީ ރަޝިދާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ސުއޫދެވެ.