ހަބަރު

މަރު ކޮމިޝަނުގެ ރައީސްގެ މަގާމަށް ބޭފުޅަކު ހޯދަނީ

ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ތަހްގީގުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލާފައިވާ މަރު ކޮމިޝަންގެ ރައީސްގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ މަރު ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި ހުސްނުއްސުއޫދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމާއި ގުޅިގެން އެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ.

ހޫދު ވިދާޅުވީ މިވަގުތު ކޮމިޝަންގައި ރައީސަކު ނެތް ނަމަވެސް ކޮމިޝަނުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.

މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަންގެ ރައީސްގެ ގޮތުގައި ސުއޫދު ހުންނެވިއިރު ވަނީ މަރުގެ ބޮޑު ދެ މައްސަލައެއް ބަލައި އޭގެ ރިޕޯޓް ރައީސް ސޯލިހަށާއި ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފަ އެވެ. އެއީ މަޖިލީހުގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އާއި ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މައްސަލަ އެވެ. އެ ދެ މަރު ވެސް ގުޅެނީ ދީނީ ހަރުކަށި ފިކުރުގެ ޖަމިއްޔާތަކާ ކަމަށް އެ ރިޕޯޓްތަކުގައި ވަނީ ފާހަގަކޮށްފަ އެވެ.