މިދިއަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުގެ ރޭ، ލ. ކައްދޫން މާމެންދޫ އަށް ދަތުރު ކުރަނިކޮށް ދަތުރުކުރި ޑިންގީ ބަންޑުން ޖަހާލައިގެން މާމެންދޫ އައިމިނަތު ޝިމާ ނާފިޒު 19، ގެއްލުނު ހާދިސާ ހިނގާފައި ވަނީ ވަކި މީހަކު ހިންގި އަމަލަކުން ކަމަށް ބުނަން ދަތިކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
މެންދުރު ފަހު ފުލުހުން ނޫސްވެރިންނާ ބައްދަލުކޮށް ފުރަތަމަ ފަހަރަށް މިއަދު ވަނީ ތަހުގީގު ބްރީފްކޮށްދީފަ އެވެ. އިސްކަންދަރުކޮށީގައި ބޭއްވި އެ ބައްދަލުވުމެއްގައި ފުލުހުންގެ ޑިވިޝަނަލް ކޮމާންޑްގެ ހެޑް، އެސިސްޓެންޓް ކޮމިޝަނާ އަބްދުﷲ ފައިރޫޝް ވިދާޅުވި ގޮތުގައު މިހާތަނަށް ބެލި ބެލުމުން ކުރިން އަޑުތައް ފެތުރުނު ގޮތަށް "ޝިމާ އިތުރު ތާކަށް ގެންގޮސް ނޭއްގާނީ އަމަލެއް ހިންގާފައިވާ ކަމަށް މިހާތަނަށް ތަހިގީގުން ނުދައްކާ" ކަމަށެވެ.
ފައިރޫޝް ވިދާޅުވީ ޑިންގީއެއްގައު ޝިމާ ގެންދިޔައީ ގަދަކަމުން ކަމަށް ނުބެލެވޭ ކަމަށާއި ފަޒީލަކީ ޝިމާ ވަރަށް ގާތް އަދި އޭނާގެ އާއިލާގެވެސް ގާތް ރަހުމަތްތެރިއެއްކަން އެނގޭ ކަމަށެވެ. އަދި ވިދާޅުވީ ފަޒީލާއެކު ޝިމާ ފުރަން ދިޔަ މަންޒަރު ވެސް ބައެއް ސީސީޓީވީ ފުޓޭޖުން ފެންނަ ކަމަށާއި، ފަޒީލް ސިމާ ގަދަކަމުން ގެންދިޔަ ކަމަށް ފުޓޭޖްތަކުން ވެސް ނުފެންނަ ކަމަށެވެ.
"ނަމަވެސް ޝިމާ ގެއްލުނު ހާދިސާގައި ޝައްކު ކުރެވޭ ކަންތަައްތަކެއް ވެސް އެބަހުރި" ފައިރޫޝް ވިދާޅުވި އެވެ.
ޝިމާ ގެއްލުން
- * 46 މީހަކާއި ސުވާލު ކުރި
- * 10 މޭލު ވައިގެ މަގުން ބެލި
- * 5 ޑައިވް ކުރި
- * 1900 އަކަ ކިލޯމީޓަރު ބެލި
- * 17 ރަށް ބަލާ ޗެކް ކުރި
- * 9 ސީސީޓީވީ ފޫޓޭޖް ބެލި
ފައިރޫޝް ވިދާޅުވީ މި މައްސަލާގައި ފަޒީލް ފުލުހަށް ދީފައިވާ އިންޓަވިއުތަކުގެ ރެކޯޑިން ރާއްޖޭން ބޭރަށް ފޮނުވައި ޕްރޮފެސަރު ހަސަން އުގައިލްވެސް ހިމެނި ވަޑައިގަންނަވާ ގޮތަށް ހިއުމަން ބިހޭވިއަރަލް އެނަލިސިސް ހަދާއި ރިޕޯޓް ވެސް ހޯދާފައިވާ ކަމަށެވެ. އިތުރަށް އޭނާ ވިދާޅުވީ ރާއްޖޭގައި ދޮގު ހެދުމުން އެކަން ދެނެގަނެވޭ ލައި ޑިޓެކްޓާ ހުރި ނަމަވެސް، ބޭނުން ނުކޮށް ހުންނަތާ ގިނަ ދުވަސްވެ ކެލިބަރޭޓް ނުވެގެން އެ ބޭނުން ނުކުރެވުނު ކަމަށެވެ
މެސެޖްތައް ހޯދަން ފޭސްބްކުގައި އެދިފައި
ދެ މަސްފަހުން ބޭއްވި ބްރީފިންގައި ފައިރޫޝް ވިދާޅުވީ ފޭސްބުކް މެސެންޖާ އިން ޝިމާ މުއާމަލާތު ކޮށްފައިވާތީ އެ ކަމުގެ ތަފްސީލް ހޯދުމަށް ގާނޫނު ތަންފީޒުކުރާ ބޭރުގެ ފަރާތެއްގެ އެހީތެރިކަމާ އެކު އެ މައުލޫމާތުތައް ފޭސްބުކުން ހޯދަން އެދިފައިވާނެ ކަމަށެވެ.
ސިމާ ހޯދުން ހުއްޓައެއް ނުލާ
ފުލުހުން މިއަދު ބުނީ ޝިމާ ހޯދަން ކުރާ މަސައްކަތް އަދި ހުއްޓާނުލާ ކަމަށާއި މިއަދުވެސް ގއ. އަތޮޅުގެ ފަޅު ރަށެއްގައި ޝިމާ އަންދާލާފައިވާ ކަމަށް ބަޔަކު މައުލޫމާތު ދީގެން އެ އަތޮޅުގެ ދެ ފަޅުރަށެއް ބަލާ ފާސްކުރި ކަމަށެވެ. އެގޮތަށް ބަލަމުން ދަނީ ޝިމާގެ ހަށިގަނޑާއި އޭނާ ދަތުރު ކުރި ގެންދިޔަ ދަބަހާއި އަދި ފަޒީލްގެ އަންނައުނު ފެނޭތޯ ކަމަށާއި މިހާތަނަށް ޝިމާ ހޯދުމަށް ކުރެވުނު މަސައްކަތުން އެއްވެސް ލީޑެއް ނުވަތަ އެ މަސައްކަތަށް އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާ ކަމަށެވެ.
ފަޒީލަށް އިހުމާލުގެ ތުހުމަތު
ޝިމާއަށް ފަތަންނޭގޭ ކަމަށާއި، ޝިމާއަށް ފަތަން ނޭގޭކަން އެނގި ހުރެ، މޫސުން ގޯސް ދަވަހަކު، ސަލާމަތީ ކަންކަން ފުރިހަމަ ނުވާ ޑިއްގީއެއްގައި ފަޒީލް ކަނޑަަށް ނިކުތުމުން، އޭނާއާއި މެދު ގާނޫނީގޮތުން އެޅެން ހުރި ފިޔަވަޅުތައް އެޅުމަށް ފުލުހުން ގެންދަނީ ބަލަމުން ކަމަށް ފައިރޫޝް ވަނީ ވިދާޅުވެފަ އެވެ. މީގެ އިތުރުން ފަޒީލް ބެލި ޑޮކްޓަރުންނާއި، ފަޒީލް ފެނުނު ގެސްޓުން ދީފައިވާ މައުލޫމާތަށް ބަލާއިރު، އޭނާ ވަރަށް ގިނަ އިރު ފަތާފައިވާކަން ޔަގީން ކުރެވިފައިވާ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
އިޖުރާތުގެ ގާނޫނު އޮތް ގޮތުން ގޮންޖެހުންތަކެއް
ފައިރޫޝް ވިދާޅުވީ ރާއްޖޭގެ ޖިނާއީ އިޖުރާތުގެ ގާނޫނު އޮތް ގޮތުން މައްސަލަތައް ތަހުގީގު ކުރުމުގައްޔާއި، މީޑިއާތަކަށް ބޭނުންވާ ބައެއް މައުލޫމާތު ހާމަ ކުރުމުގައިވެސް ދަތިތަކެއް އެބަހުރިކަމަށެވެ. އެގޮތުން އެމައްސަލައިގައިވެސް ހާމަ ކުރަން ބޭނުންވާ ކަންކަން ހުރި ނަމަވެސް، އެކަންކަން ހާމަ ކޮށްފި ނަމަ، ފަހުން އޭގެ ނޭދެވޭ އަސަރު އެ މައްސަލައަށް ފޯރަފާނެ ކަަމަށެވެ. އެގޮތުން، ޖިނާއީ އިޖުރާތުގެ ގާނޫނު މިހާރު އޮތީ ވަރަށް ބޮޑަށް ކުށުގެ ތުހުމަތު ކުރެވޭ މީހާއަށް ފައިދާވާ ގޮތަށްކަން އޭނާ ފާހަގަ ކުރެއްވި އެވެ. އަދި ބަންދުން ދޫކޮށްލަން ޖެހެނީވެސް ޖިނާއި އިޖުރާތުގެ ގާނޫނު އޮންނަ ގޮތުން ކަމަށާއި، އެގާނޫނު ބުނާ ގޮތުން ހައްޔަރުގައި ބަހައްޓާކަމަށްވާނަމަ 30 ދުވަހުގެ ތެރޭގައި ޕީޖީއަށް މައްސަލަ ފޮނުވަން ޖެހޭ ކަމަށެވެ. އެހެން ނަމަވެސް ފައިރޫޝް ވިދާޅުވީ، ހުރިހާ މައްސަލަތަކެއް ތަހުގީގު ކުރުމަށް މީހުން ބަންދުކުރަން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
ޝިމާ އަންދާލި ކަމުގެ ތުހުމަތު
ފުލުހުންނަށް ތަފާތު ގޮތްގޮތަށް ތަފާތު މައުލޫމާތު ލިބެމުންދާކަމަށާއި، އެގޮތުން ލިބުނު މައުލޫމާތަކަށް ބިނާ ކޮށް، މިއަދު ގއ، އަތޮޅުގެ ދެ ފަޅުރަށެއް ބަލަމުންދާކަމަށް ފައިރޫޝް ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ގއ. އަތޮޅުގެ ފަޅުރަށެއްގައި ޝިމާ އަންދާލާފައިވާކަމަށްބުނާ މައުލޫމާތުތަކެއް ލިބިގެން އެ ރަށްތައް ބަލަމުންދާލަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ޝިމާގެ ކޮއްކޮ ގޮވައިގެން ދިއުމާއި އެމައްސަލައާ ގުޅުމެއްނެތް
ޝިމާގެ ކޮއްކޮއެއް ގޮވައިގެން ފަޒީލު ޑިންގީއެއްގައި މޫނު ނިވާކޮށްގެން ތިބި ބަޔަކާއި، އެކީ ދަތުު ކުރަމުންދާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިގެން، ފުލުހުންގެ ލޯންޗެއްގައި ގޮސް އެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށާއި، އެމައްސަލައިގެ ތަހުގީގު ނިންމައި، އުމުރު ހަމަނުވާ ކުއްޖަކު ގޮވައިގެން އޭނާގެ ރުހުމުގައި ނަމަވެސް ދިޔަ މައްސަލަައިގައި ތަހުގީގު ނިންމާ މީހާރު ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށް ފައިރޫޝް ވަނީ ވިދާޅުވެފަ އެވެ. އެހެން ނަމަވެސް އެމައްސަލައާއި ޝިމާ ގެއްލުނު މައްސަލައާއި ގުޅުމެއް ނުވާ ކަމަށާއި، ހަމަ އެކަނި އޮތް ގުޅުމަކީ، ދެ މައްސަލައިގައިވެސް ފަޒީލް ހިމެނުން ކަަމަށެވެ.