ހަބަރު

ޝިމާގެ ކޮއްކޮ ގޮވައިގެންދިޔަ މީހުންގެ ބަންދަށް 15 ދުވަސް

ގެއްލިފައިވާ އައިމިނަތު ޝިމާގެ ކޮއްކޮ ގޮވައިގެން އިއްޔެ ހަވީރު ޑިންގީއެއްގައި ނިކުތް ތިން މީހުންގެ ބަންދަން 15 ދުވަސް ކޯޓުން ޖަހައިފި އެވެ.

ފުލުހުން ބުނީ، އިއްޔެ ހަވީރު 4:00 މާމެންދޫއިން 16 އަހަރުގެ އަންހެން ކުއްޖަކު ގޮވައިގެން ތިން މީހަކު ޑިންގީއެއްގައި ދަނިކޮށް ސިކްސް ސެންސް ރިސޯޓް ކައިރިން ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 22 އަހަރުގެ ފިރިހެން މީހާއާ 24 އަހަރުގެ ފިރިހެން މީހާ އާއި 26 އަހަރުގެ ފިރިހެން މީހާގެ ބަންދަށް 15 ދުވަސް ކޯޓުން ދީފައިވާ ކަމަށެވެ.

އިއްޔެ ހަވީރު ޑިންގީއެއްގައި ދަނިކޮށް ފުލުހުން ހުއްޓުވި ޑިންގީގައި އިން 16 އަހަރުގެ އަންހެން ކުއްޖާ އަކީ ޝިމާގެ އެއްބަނޑު އެއްބަފާ ކޮއްކޮ އެވެ. އެމައްސަލާގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ޝިމާ ގެއްލުނު ދަތުރުގައި ވެސް ބައިވެރިވި އިބްރާހިމް ފަޒީލުވެސް ހިމެނެ އެވެ.

އެ ރަށު މީހަކު އިއްޔެ އެކަމުގެ ތަފްސީލް އަވަސްއަށް ކިޔައިދެމުން ބުނީ އެ ތިން މީހުންގެ ތެރޭގައި ހިމެނެނީ ފަޒީލްގެ އިތުރުން އޭނާގެ ދެ އެކުވެރިއެއް ކަމަށެވެ. އެތިން މީހުން ޑިންގީގައި ތިބީ މޫނު ނިވާކޮށްގެން ކަމަށެވެ. އ

ޑިންގީ ބަންޑުޖަހާލި ހާދިސާއަށް ދުވަސްތަކެއްވެފައިވާއިރު މިހާތަނަށް ޝިމާގެ އެއްވެސް ނިޝާނެއް ފެނިފައެއް ނުވެ އެވެ. އަދި އެ ޑިންގީ ވެސް ފެނިފައެއް ނުވެ އެވެ. ޑިންގީ ބަންޑުން ޖަހާލުމުން ފަޒީލް ފަތާފައި އެހީ ހޯދުމަށް ދިޔައީ ސިކްސް ސެންސް ރިސޯޓަށެވެ.

އޭނާ ފަތާފައި ދިޔައީ ޝިމާގެ އަތަށް ފޯނަކާއި ހަމެއް ދީފަ ކަމަށް އޭނާ ބުނެފައިވެ އެވެ. ނަވާރަ އަހަރުގެ ޝިމާއަކީ ފަތަން އެނގޭ މީހެއް ނޫނެވެ. މިއަދުގެ ހާދިސާއަށްފަހު ފަޒީލާމެދު ކުރެވުނު ތުހުމަތުތަކަކީ ހަގީގަތެއްކަން ހާމަވެފައިވާ ކަމަށް ވެސް ޝިމާގެ އާއިލާ މީހަކު ބުންޏެވެ.