ޑިންގީއެއް ބަންޑުން ޖަހާލައިގެން ގެއްލުނު އައިމިނަތު ޝިމާގެ ކޮއްކޮ ގޮވައިގެން ފިލަން އުޅުނު ތިން މީހުންގެ ބަންދަން އިތުރު 15 ދުވަސް ކޯޓުން ޖަހައިފި އެވެ.
އެމީހުން ހައްޔަރު ކުރުމަށްފަހު މި މަހުގެ 11 ވަނަ ދުވަހު ބަންދަށް 15 ދުވަސް ޖެހި އެވެ. އެ މުއްދަތު ހަމަވުމުން މިއަދު އަނެއްކާ ވެސް ތިން މީހުންގެ ބަންދަށް 15 ދުވަސް ލ. ގަން މެޖިސްޓްރޭޓް ކޯޓުން ޖަހާފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އެ ތިން މީހުންގެ ތެރޭގައި ޝިމާއާއެކު ޑިންގީގައި ދަތުރުކުރި އިބްރާހިމް ފަޒީލް ވެސް ހިމެނެ އެވެ.
ޝިމާގެ އާއިލާއިން ވެސް މީގެ ކުރިން ވެސް ފަޒީލަށް ގިނަ ތުހުމަތުތަކެއް ކޮށްފައިވެ އެވެ. އެގޮތުން ޝިމާ ގެއްލުނީ ނޫން ކަމާއި ގެއްލުވާލީ ކަމަށް ތުހުމަތު ކުރެ އެވެ.
ޑިންގީ ބަންޑުޖަހާލި ހާދިސާއަށް ދުވަސްތަކެއް ވެފައިވާއިރު މިހާތަނަށް ޝިމާގެ އެއްވެސް ނިޝާނެއް ފެނިފައެއް ނުވެ އެވެ. އަދި އެ ޑިންގީ ވެސް ފެނިފައެއް ނުވެ އެވެ.ޑިންގީ ބަންޑުން ޖަހާލުމުން ފަޒީލް ފަތާފައި އެހީ ހޯދުމަށް ދިޔައީ ސިކްސް ސެންސް ރިސޯޓަށެވެ.
އޭނާ ފަތާފައި ދިޔައީ ޝިމާގެ އަތަށް ފޯނަކާއި ހަމެއް ދީފަ ކަމަށް އޭނާ ބުނެފައިވެ އެވެ. ނަވާރަ އަހަރުގެ ޝިމާއަކީ ފަތަން އެނގޭ މީހެއް ނޫނެވެ.
އޭގެފަހުން ޝިމާގެ އެއްބަނޑު އެއްބަފާ އަންހެން ކޮއްކޮ ގޮވައިގެން ވެސް ފަޒީލް ޑިންގީއެއްގައި ނުކުތެވެ. ފުލުހުން އެ ޑިންގީ ހުއްޓުވިއިރު ފަޒީލާއި އޭނާގެ ދެ އެކުވެރިން ތިބީ މޫނު ނިވާކޮށްގެންނެވެ. އެ ޑިންގީ ސިކްސް ސެންސް ރިސޯޓު ކައިރިން ހުއްޓުވުމަށްފަހު ތިން މީހުން ވެސް ހައްޔަރުކުރި އެވެ. އެކަމަކު އެ ހާދިސާއާ ގުޅޭ އެއްވެސް ތަފްސީލެއް ފުލުހުން އަދި ނުދެ އެވެ.