ދިވެހިންނަށް ލިބިފައިވާ ގުދުރަތީ ރީތި ކަމަށް ދެވަނައެއް ނެތެވެ. ވަށައިގެން ރީތި ނޫ ކަނޑުތަކެވެ. ރީތި ގޮނޑުދޮށްތަކެވެ. އެކަނި މޫދަށް އެރި ފަތާލިޔަސް ހަށިގަނޑުން އެތަށް ކެލޮރީ އެއް އަންދާލެވޭނެ އެވެ. ނަމަވެސް މޫދުގެ ކަސްރަތަކީ އަދިވެސް ދިވެހިން މާ ރައްޓެހި ކަމެއް ނޫނެވެ. ކަސްރަތު ޕްރޮގްރާމެއް ނޫނީ ކަސްރަތުގެ ވާހަކަ ދައްކާ ނަމަ ބޮލަށް ވަންނަނީ ދުވާ ބޫޓަކަށް އަރައިގެން ދުވަން ދިއުމެވެ. ނުވަތަ ކޮންމެވެސް ޖިމެއްގެ މެންބަޝިޕް ހޯދައިގެން އެތަނަކުން ހަދާ ގްރޫޕް ފިޓްނަސް ޕްރޮގްރާމެއްގައި ބައިވެރިވުމެވެ. ނޫނީ ބަރު އުފުލާ ޕާސަނަލް ޓްރެއިނިންގް ނެގުމެވެ.
މޫދު ކަސްރަތު ކުރާ މީހުން އެއްގޮތަކަށް ވެސް ނޫޅެނީއެއް ނޫނެވެ. "ޕޫލް ނޫޑްލް" އެއް ހިފައިގެން ބަރުދަން ލުއި ކުރުމަށާއި ދުޅަހެޔޮ ސިއްހަތެއްގައި ތިބެގެން މޫދުގައި ކަސްރަތު ކުރާ ބަޔަކުވެސް އުޅެއެވެ. ކޮންމެ ކަސްރަތަކުން ވެސް ހަށިގަނޑަށް ގިނަ ފައިދާތަކެއް ލިބޭއިރު މޫދު ކަސްރަތު އަދި މާ ހާއްސަވެފައި ތަފާތު ފައިދާތަކެއް ލިބެއެވެ.
މޫދު ކަސްރަތުގެ އެންމެ ބޮޑު އެއް ފައިދާއަކީ އޭގެ ސަބަބުން ހަށިގަނޑުގެ ހުޅުހުޅަށް ބާރު ބޮޑުވާ ކަސްރަތެއް ކަމުގައި ނުވުމެވެ. އާއްމު ދިރިއުޅުމުގައި ވެސް ހަށިގަނޑުގެ އެކި އެކި ހުޅުތަކަށް މި އަންނަ ޕްރެޝަރު މޫދު ކަސްރަތުގެ ސަބަބުން ލުއި ކޮށްދީ ފަސޭހަކޮށްދޭނެ އެވެ. އަދި އާތްރައިޓިސް ނުވަތަ ހުޅުހުޅުގައި ރިއްސާ އެކި އެކި މައްސަލަ ހުންނަ މީހުންނަށް ޑޮކްޓަރުން ވެސް ހައިޑްރޯތެރަޕީ ފަދަ މޫދު ކަސްރަތުކުރުމަށް ލަފާދެ އެވެ. މީގެ އިތުރުން މޫދު ކަސްރަތަކީ މީހާގެ އެންޑިއުރެންސް ވަރުގަދަކޮށްދީ މީހާގެ ފްލެކްސްބިލިޓީ ވެސް އިތުރުކޮށްދޭ ކަމެކެވެ.
މޫދު ކަސްރަތަކީ ވަކި އުމުރަކަށް އޮންނަ ކަމެއް ނޫނެވެ. މޫދަކީ ވަރަށް ގިނަ މީހުންނަށް ރީލެކްސްކޮށްލާ ހިތްހަމަޖެހޭ މާހައުލެއް ކަމުން މީހާގެ އެންޒައިޓީ އަދި ސްޓްރެސް އިންވެސް ދުރު ކޮށްދެ އެވެ.
މޫދު ކަސްރަތު ކުރަން ހާއްސަ ކްލާހަކާއި ނުވަތަ ގުރޫޕަކާ ގުޅޭކަށް ނުޖެހެއެވެ. އަމިއަލްއަށް މޫދަށް އެރިގެން ވެސް ކުރެވިދާނެ އެވެ.
މޫދުގައި ކުރެވިދާނެ ބައެއް ކަސްރަތު
މިއީ މޫދުގައި ކުރުމަށް ފަސޭހަ ކަސްރަތުތަކެވެ. މި ހަފުތާ ބަންދުގައި މޫދަށް އެރިލާ މި ކަސްރަތުތަކުގެ އަޖުމަ ބަލާލަން ރަނގަޅުވާނެ އެވެ.
ދުވުން
މޫދަށް އެރި ހުރިތާ ހުރެ ވީހާވެސް ކަކޫ މައްޗަށް ނަގާ ދުވެލާށެވެ.
ޓިކް ޓޮކް ހޮޕް
ފައިގެ ދެ ފިޔަވަޅު ކައިރީގައި ބަހައްޓާ ކަނާތުން ވާތަށް އަވަސް އަވަސްކޮށް ފުއްމާށެވެ.
ނީ ޓްވިސްޓް
މޫދުގައި ކޮޅަށް ހުރެފައި ކަނާތު އުޅަބޮށި ވާތު ކަކުލާއި ދިމާލަށް ގެންނާށެވެ. ދެން އަނެއް ފަހަރު ވާތު އުޅަބޮށި ކަނާތު ކަކުލާއި ދިމާލަށް ގެންދާށެވެ.
ސްކުއަޓް ޖަމްޕް
ސްކްއަޓް ޖަމްޕް ހެދުމަށް ދެއަތް ކޮންޑާއި ހިސާބުގައި އިނގިލިތަށް މައްޗަށްވާ ގޮތަށް ބެހެއްޓުމަށްފަހު މޫދަށް ތިރިވެލާށެވެ. އެއަށްފަހު ފުންމޭ އެންމެ މައްޗަށް ފުންމާލާށެވެ. ފުންމާލާއިރު ދެއަތް މައްޗަށް ދަމާލާށެވެ.
ކިކް ޖެހުން
ކިކް ބޯޑެއްގެ އެހީއާއި ފައިން އަވަސް އަވަހަށް ކިކު ޖަހާށެވެ.
ބައިސިކަލް
ޕޫލް ނޫޑްލްއެއް ކޮނޑާއި ދިމާލަށް ފަހަތުގައި ބާއްވާ ދެ އަތުން އޭގައި ހިފާލާށެވެ. އެއަށްފަހު މީހާއެއްކޮށް ފްލޯޓްކޮށްލާ ބައިސްކަލެއް ޕެޑަލް ކުރާ ގޮތަށް ފައިން ޕެޑަލް ކުރާށެވެ.
ކްރަންޗަސް
ބަނޑުގެ ކަސްރަތަކަށް މޫދުގައި ކްރަންޗަސް ހެދިދާނެއެވެ. މިއީ ބަނޑުގެ މަސްތަކަށް ވަރަށް ރަނގަޅު ކަސްރަތެކެވެ. މި ކަސްރަތުގެ އިންޓެންސިޓީ ވަރުގަދަ ކުރުމަށް ނޫޑުލްއަކާ ނުލައިވެސް ހެދިދާނެއެވެ. މި ކަސްރަތު ކުރުމަށް ފްލޯޓް ކުރުމަށްފަހު ބޮލާއި ކޮނޑު ކުރިއަށް ގެންނާށެވެ. އަދި ހަމައެއާއި އެކު ކަކޫ މެއާއި ދިމާލަށް ގެންނާށެވެ.
އަނެއްކާވެސް ދުވެލާ
ކަކޫ ވީހާވެސް މައްޗަށް ނަގަމުން އަނެއްކާވެސް ދުވެލާށެވެ.
ޕަންޗަސް
ކޮނޑާއި ހަމައަށް ފުނަށް އެރުމަށްފަހު ބޮކްސިންގ ތަޅާ މީހެއް ހެން ގޮށްމުށްކަވާފަ އަތް ކުރިމައްޗަށް ދަމާލާ ފެނުގައި ފަހަރަކު އަތުން ޖަހާށެވެ.