ކޮރަޕްޝަންގެ އިތުރުން ގައުމީ ތަރައްގީއަށާއި ކުރިއެރުމަށް އޮންނަ އެންމެ ބޮޑު ގޮންޖެހުމަކީ އިންތިހާބުވެގެން އަންނަ މެންބަރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދާދިނުމުގައި ފަރުވާ ކުޑަކޮށް އެކަމުގައި ފެއިލްވުން ކަމަށް ސްރީލަންކާ ގެ ރައީސް މައިތިރިޕާލާ ސިރީސެނާ ވިދާޅުވެއްޖެ އެވެ.
އިންތިހާބުގައި ކޮންމެ ޕާޓީއަކުން ކުރިމަތިލައި ކޮންމެ ޕްލެޓްފޯމެއްގައި ހޮވުނު ނަމަވެސް ރައްޔިތުންގެ ބޭނުންތައް މަޖިލީހުގެ ތަޅުމާ ހަމައަށް ގެނެސްދީ އެކަންކަމުގައި ބަހުސްކޮށް ހައްލެއް ހޯދަން މެންބަރުން މަސައްކަތް ނުކުރާނަމަ ރައްޔިތުންނަށް ދިމާވާ ދަތިކަން އިތުރުވެ ކަންކަން ދެނެގަންނަން ސަރުކާރަށް އުނދަގޫވާ ކަމަށް ސިރިސޭނާ ވިދާޅުވި އެވެ.
ރައީސް ސިރީސެނާ މިމޭރުމުން ވާހަކަފުޅު ދެއްކެވީ ޕޮލޮންނަރުވަ ކައުންސިލްގެ އާ އިމާރާތް ހުޅުވައިދިނުމުގެ ރަސްމިއްޔާތުގަ އެވެ. އެ އިމާރާތް އަޅާފައިވަނީ ޕޮލޮންނަރުވަ ތަރައްގީގެ ޕްރޮޖެކްޓުގެ ތެރެއިން 1.9 ބިލިއަން ލަންކާ ރުޕީޒް ހަރަދުކޮށްގެން ނެވެ.
ސިރީސެނާ ވިދާޅުވީ ކޮންމެ ޕާޓީއަކުން ކުރިމަތިލައިގެން އިންތިހާބު ކާމިޔާބު ކުރެއްވި ނަމަވެސް މެންބަރަކު ހޮވިވަޑައިގަތުމަށް ފަހު އެ މެންބަރަކީ ރައްތިތުންގެ ހާދިމެއް ކަމަށާއި އެހިސާބުން މެންބަރުން ވިސްނަވަން ޖެހޭނީ ޕާޓީތަކުގެ ހިޔާލު ތަފާތުވުންތައް އެއްފަރާތްކޮށް ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި މަސައްކަތް ކުރަން ކަމަށެވެ.
ރައީސްގެ އިތުރުން މޭޔަރުންނާއި ޗެއާމަނުންނާއި އެހެންވެސް އެފަދަ ފަރާތްތަކަށް ބާރުތަކެއް އޮންނަ އިރު ސަރުކާރުގެ ހުރިހާ މުއައްސަސާއަކަށްވެސް ތަރައްގީގެ ޕްރޮޖެކްޓުތައް ރާވާ ކުރިއަށް ގެންދިއުމުގެ ގާބިލްކަން ލިބިފައި އޮންނަ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"ކަން މިހެން އޮތްއިރު ރައްޔިތުންނަށް ފަސޭހަ ކޮށްދިނުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރުމަކީ އެ ރައްޔިތުން ތަމްސީލުކުރާ މެންބަރުންގެ ވާޖިބެއް"، ރައީސް ސިރީސެނާ ވިދާޅުވި އެވެ.