ފިނޭންސް މިނިސްޓްރީ

މެޑިކަލް ސްކޫލަށް ބޭނުންވާ ސާމާނު ހޯދަނީ

ދަރުމަވަންތަ ހޮސްޕިޓަލުގައި ގާއިމްކުރާ މެޑިކަލް ސްކޫލަށް ބޭނުންވާ ސާމާނު ހޯދަން އިއުލާންކޮށްފި އެވެ.

ފިނޭސް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ އެދުމަށް ދަރުމަވަންތަ ހޮސްޕިޓަލްގައި ގާއިމްކުރާ އެ ޔުނިވާސިޓީގެ މެޑިކަލް ސްކޫލަށް ބޭނުންވާ ކެމިސްޓްރީ ލެބް އިކުއިޕްމަންޓާއި، ފަރުނީޗަރާއި، ފިކްސްޗާސް އަދި އިކުއިޕްމަންޓް ސަޕްލައިކޮށް ޑެލިވަރީކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

މި ބީލަމުމުގައި ބައިވެރިވާން ނަން ރީފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި 500ރ. ދައްކަން ޖެހެ އެވެ. ބީލާމުގައި ބައިވެރިވާން ދައްކަންޖެހޭ ފީ ބަލައިގަތުން އޮންނާނީ މިއަދުން ފެށިގެން މެއި މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށެވެ. ބީލަން ހުށަހެޅުން އޮންނާނީ މެއި މަހު 13 ވަނަ ދުވަހު 11:00 ޖަހާއިރު އެވެ.

މެޑިކަލް ސްކޫލަށް ބޭނުވާ ތަކެތި ހޯދުމުގެ ޕްރޮޖެކްޓުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 15,000ރ ހުށަހަޅަން ޖެހެ އެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުންފެށިގެން 118 ދުވަހެވެ.

ރާއްޖޭގައި 25 ބުރިއަށް ހަދާފައިވާ މިވަގުތު ހުރި އެންމެ އުސް އިމާރާތް، ދަރުމަވަންތަ ހޮސްޕިޓަލުގައި ގާއިމްކުރާ މެޑިކަލް ސްކޫލުން އެމްބީބީއެސް ފެންވަރަށް ޑޮކްޓަރުކަން ކިޔަވައިދޭނެ އެވެ.

ގައުމީ ޔުނިވާސީޓީން އިން މީގެ ކުރިން ބުނެފައިވަނީ މި އެޕްރީލް މަސް ތެރޭގައި މެޑިކަލް ސްކޫލުގައި ޑޮކްޓަރުކަން ކިޔަވައިދޭން ފަށޭނެ ކަމަށެވެ. އެޕްރީލް މަހު އެއްވެސް ސަބަބަކާ ލައިގެން މެޑިކަލް ސްކޫލުގައި ކިޔަވައިދިނުން ލަސްވެއްޖެނަމަ، ދަރިވަރުންގެ ކިޔެވުންތައް ކުރިއަށްގެންދެވޭނެ އިންތިޒާމު އެމްއެންޔޫގެ ފެކަލްޓީގައި ހަމަޖެހިފައިވާ ކަމަށްވެސް ގައުމީ ޔުނިވާސީޓީއިން ވަނީ ބުނެފަ އެވެ.