ތިމާވެށި

ގޭބިސީތަކަށް ލެޑްލައިޓް ހަވާލުކުރުން ފެނަކައާ ހަވަލުކޮށްފި

އެނާޖީ މިނިސްޓްރީން އާންމުންނަށް ދޫކުރަން ނިންމާފައިވާ 200,000 ލެޑް ބޮކީގެ ތެރެއިން ފުރަތަމަ ހަވާލުކުރާ 5000 ލެޑް ބޮކި ގޭބިސީތަކަށް ފޯރުކޮށްދޭން ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި އެވެ.

ފެނަކައިން ލެޑްލައިޓުތަކާއި ހަވާލުވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދް ސައީދު މުހައްމަދެވެ. ހަވާލު ކޮށް ދެއްވީ މިއަދު އެނާޖީ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެންވަޔަރުމެންޓް މިނިސްޓަރު ޑރ. ޙުސައިން ރަޝީދު ހަސަނެވެ.

މި 5000 ބޮތްކަކީ ހަކަތަ އެފިޝަންޓް ކުރުމާއި އިއާދަކުރަނިވި ހަކަތައާއި ގުޅޭގޮތުން އެންވަޔަރަމެންޓް މިނިސްޓްރީއާއި އިންޑިއާގެ އެނާޖީ އެފިޝަންސީ ސާވިސަސް ލިމިޓެޑް (އީއީއެސްއެލް) އާއި ދެމެދު ހެދި ފަހުމުނާމާއެއްގެ ދަށުން ރާއްޖެއަށް ހަދިޔާ ކުރާ 200,000 ލެޑް ބޮކީގެ ތެރެއިން ލިބިފައިވާ ބޮކިތަކެކެވެ.

މި އެއްބަސްވުމުގެ ދަށުން ލިބިފައިވާ މަގުމަތީގައި ޖަގާ 2500 ލެޑް ލައިޓް ބޭނުންކޮށްގެން މާލޭގެ މަގުތައް އަލިކުރުމުގެ ޕްރޮގްރާމެއް މިދިއަ މާޗު މަހުގެ 31 ވަނަ ދުވަހު ވަނީ ފަށާފަ އެވެ.