ހަބަރު

ހަކަތައިގެ މަގުޗާޓު ނިމުމާ ހަމައަށް

އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރު ކުރަން ސަރުކާރުން ތައްޔާރުކުރަންޖެހޭ ގަވާއިދުތަކާއި ސްޓްރެޓެޖިކް އެކްޝަން ޕްލޭންތައް ތައްޔާރުކޮށް ހަކަތައިގެ ދާއިރާގެ މަގުޗާޓެއް އެކުލަވައިލުމުގެ މަސައްކަތް ނިމުމަކާ ކައިރިވެފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.

ހުސައިން ރަޝީދު މިހެން ވިދާޅުވެފައި ވަނީ ބައިނަލްއަގްވާމީ ރިނިއުބަލް އެނާޖީ އިންވެސްޓާސް މީޓް އެންޑް އެކްސްޕޯގައި ވާޗުއަލްކޮށް ތަގްރީރު ކުރައްވަމުންނެވެ. މި އެކްސްޕޯ ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 26 އިން 28 އަށެވެ.

މި އެކްސްޕޯގައި ރާޢްޖެއަށް ހާއްސަކޮށްފައިވާ ސެޝަން ފައްޓަވައި ދެއްވަމުން ހުސެއިން ރަޝީދު ވިދާޅުވީ ރާއްޖެ އަމާޒު ހިފާފައި ވަނީ ތިމާވެއްޓާއި ރައްޓެހި ހަކަތަ ބޭނުންކޮށްގެން ކަރަންޓް އުފައްދަން ކަމަށެވެ. މި އަމާޒަށް ވާސިލުވުމަށް ރާއްޖެ ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އިއާދަ ކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރު ކުރުމަށް ސަރުކާރުން ތައްޔާރުކުރަން ޖެހޭ ގަވާއިދުތަކާއި ސްޓްރެޓެޖިކް އެކްޝަން ޕްލޭންތައް ތައްޔާރުކޮށްފައިވާ ކަމަށެވެ.

މި ސަރުކާރުގެ ސްޓެރެޓެޖިކް އެކްޝަން ޕްލޭންގައި ހަކަތައިގެ ދާއިރާއިން ހާސިލްކުރަން ޖެހޭ މުހިންމު ޓާގެޓްސް ތަކެއް ހުރިކަން އޭނާ ވަނީ ފާހަގަ ކުރައްވާފަ އެވެ. އޭގެތެރޭގައި ނެޓް މީޓަރިންގެ ގަވާއިދަށް ގެނައި އިސްލާހާއި ހަކަތަ އަދި ފާސްކުރި ޔޫޓިލިޓި ރެގިއުލޭޓްރީ އޮތޯރިޓީގެ ބިލް ހިމެނެ އެވެ.

މިނިސްޓަރު ހުސައިން ވިދާޅުވީ މި މަހުގެ 24 ވަނަ ދުވަހު، ހުޅުލެ–ހުޅުމާލެ ގުޅޭ ލިންކް ރޯޑުގައި ފަސް މެގަވޮޓްގެ ސޯލާ ޕީވީގެ ނިޒާމު ގާއިމު ކުރުމަށް ބޭރުގެ ކުންފުންޏަކާއި ހަވާލުކޮށްފައިވާ ކަމަށެވެ. މި ޕްރޮޖެކްޓަށް މީގެ ކުރިން ލިބިފައިވާ ޓެރިފް ރޭޓާއި އަޅާބަލާއިރު ހެޔޮ އަގެއް ލިބިފައިވާ ޕްރޮޖެކްޓެއް ކަމަށްވެސް ވިދާޅުވި އެވެ.

މީގެ އިތުރުން މިހާރު އިއުލާނުކޮށް ޕްރީ ކޮލިފިކޭޝަން މަރުހަލާގައި އޮތް 21 މެގަވޮޓްގެ ސޯލާ ޕީވީގެ މަޝްރޫއަށް މިހާރު ލިބިފައިވާ ޓެރިފް ރޭޓަށްވުރެ އަގުހެޔޮ ރޭޓެއް ލިބުމަކީ އުއްމީދެއް ކަމަށްވެސް ޑރ. ހުސައިން ވިދާޅުވި އެވެ.