އިރުގެ އަލިން ހަކަތަ އުފެއްދުން އިތުރު ކުރަން ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދަން އުފައްދާފައިވާ އިންޓަނޭޝަނަލް ސޯލާ އެލައިންސްގެ ފްރޭމްވޯކް އެގްރިމެންޓުގައި އެންވަޔަރަންމަންޓު މިނިސްޓްރީން މިއަދު ސޮއި ކޮށްފި އެވެ.
ރާއްޖޭގައި ކަަރަންޓު އުފައްދަން ބޭނުން ކުރަނީ ތެލެވެ. ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް ރާއްޖެއިން ލިބެންހުރި އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް ބޭނުން ކުރުން އިތުރު ކުރަން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
މިއަދު ސޮއި ކުރި ފްރޭމްވޯކް އެއްބަސްވުމުގެ ސަބަބުން ހަކަތައިގެ ރައްކާތެރިކަން އިތުރު ކުރުމަށް ރާއްޖޭގައި ކުރާ މަސައްކަތްތަކަށް އިތުރު އެހީތެރިކަމެއް ލިބިގެންދާނެ އެވެ.
މިނިސްޓްރީގަައި މިއަދު ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި އެންވަޔަރަންމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ މި އެގްރީމަންޓްގެ ސަބަބުން އިރުގެ އަލިން ކަރަންޓު އުފެއްދުމަށް މިހާރު ހުރި ފަންނީ އަދި މާލީ ދަތިތައް ހައްލުވެ، ކުރިއަށް އޮތް ތަނުގައި ހަކަތައިގެ ދާއިރާ ފުޅާވެ، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ހަކަތަ ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
އަދި ވިދާޅުވީ، އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތަކަށް ބަލާއިރު ރާއްޖެއަކީ އިރުގެ އަލި މުޅި އަހަރުތެރޭގައި ވެސް ލިބޭ ގައުމަކަށް ވާތީ، އަވިން ހަކަތަ އުފައްދާ ނިޒާމު ނުވަތަ ސޯލާ ފޮޓޯވޮލްޓިކް ޓެކްނޮލޮޖީ ބޭނުން ކޮށްގެން ރާއްޖޭގައި މިހާރުވެސް އުފައްދާ ކަމަށެވެ.
މި އެއްބަސްވުމަށްފަހު ރާއްޖޭގައި ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް ކާބަން މަދު އިގްތިސޯދަކަށް ހެދުމަށް މަގުފަހިވެގެންދާނެ ކަމަށް މިިނިސްޓްރީން ބުންޏެވެ.
އަވިން ހަކަތަ އުފައްދާ ނިޒާމު ނުވަތަ ސޯލާ ފޮޓޯވޮލްޓެއިކް ޓެކްނޮލޮޖީ ބޭނުންކޮށް ފުޅާކޮށް ކުރިއެރުވުމުގެ މަގުސަދުގައި 2015 ވަނަ އަހަރު އިންޑިއާ އިން އުފެއްދި މި އެލައިންސްގެ ދަށުން އެކި ގައުމުތަކަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރާނެ އެވެ.