ހަބަރު

ކަރަންޓް ސަބްސިޑީއަށް އެއް ބިލިއަން ރުފިޔާ ހަރަދުވޭ: މިނިސްޓަރު

ކަރަންޓް ސަބްސިޑީގެ ގޮތު ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާ ހަރަދު ކުރާ އެންވަޔަރަންމެންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ކަރަންޓު އުފައްދަން ކުރާ ހަރަދު ކުޑަ ކުރަން ބެޓެރި ބޭނުން ކުރުމާގުޅޭ ގޮތުން ވޯލްޑް ބޭންކާއި އެންވަޔަރަންމެންޓް މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދާ ވޯކްޝޮޕެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖެއަކީ ކަރަންޓު އުފައްދަން ތެލަށް ބަރޯސާވާ ގައުމެއް ކަމަށާއި ބަޖެޓުން ސަބްސިޑީގެ ގޮތުގައި ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާ އެކަމަށް ހަރަދުވާ ކަމަށެވެ. ރާއްޖެއަކީ އިރުގެ އަލި މުޅި އަހަރުގައި ލިބޭ ގައުމަކަށް ވުމުން އިއާދަކުރަނިވި ހަކަަތަ ބޭނުންކުރާ މިންވަރު އިތުރުކޮށް ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކަރަންޓުގެ ހިދުމަތް 24 ގަޑިއިރު ދިން ނަމަވެސް ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓު ފޯރުކޮށްދޭން ގޮންޖެހުންތަކެއް ހުރި ކަމަށާއި ގިނަ އަދަދަކަށް އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ ބާވަތަކީ ސޯލާ ޕެނަލް ކަމުގައި ވިޔަަސް އިއާދަކުރަނިވި ހަކަތައިގައި ހިމެނޭ ވަޔާއި ކަނޑުގެ ޒަރީއާއިން އުފެދޭ ހަކަތަ ތައާރަފު ކުރުމަކީ މުސްތަގްބަލުގައި އަމާޒެއް ކަމަށެވެ.