ހަބަރު

ކެންދޫ ދާއިރާގެ ވޯޓް ބާތިލް ކުރަންޖެހޭ ސަބަބެއް ނެތް: އީސީ

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ކެންދޫ ދާއިރާއަށް ލިބިފައިވާ ވޯޓް ބާތިލް ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުން ކެންދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފައިވަނީ އެ ދާއިރާގެ މިހާރުގެވެސް ކެނޑިޑޭޓް އަލީ ހުސެއިނެވެ. އޭނާ އަށް ލިބިފައިވަނީ 894 ވޯޓެވެ. އަދި އެމްޑީޕީ ކެނޑިޑޭޓް އަހުމަދު ލަތީފަށް ލިބިފައިވަނީ 776 ވޯޓެވެ.

ކެންދޫ ދާއިރާގެ ވޯޓާއި ގުޅިގެން މައްސަލަ ހުށަހަޅާފައިވަނީ އެމްޑީޕީގެ ކެނޑިޑޭޓް އަހުމަދު ލަތީފެވެ. އޭނާ ހުށަހަޅާފައިވަނީ އެ ދާއިރާގެ ވޯޓް އެއްކޮށް ބާތިލް ކުރާށެވެ.

އީސީގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، ކޮމިޝަނަށް ހުށަހެޅުނު ޝަކުވާއާ ގުޅިގެން އެ މައްސަލަ ބަލާފައިވާ ކަމަށެވެ. އަދި ކެންދޫ ދާއިރާގެ ވޯޓް ބާތިލް ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

"އެ އިންތިހާބު ބާތިލް ކުރަންޖެހޭ އެއްވެސް ހެއްކެއް ހުށަހެޅިފައެއް ނުވޭ، ނަމަވެސް ބައެއް މައްސަލަތައް ހުރި ކަމަށް ފާހަގަ ކުރެވިފައި ވަނީ،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ، އެ ދާއިރާގެ ވޯޓް ފޮށީގައި މައްސަލަތަކެއް ހުރި ކަމަށާއި އެހެން ކަމުން ވަގުތީ ނަތީޖާ އިއުލާން ކުރެއްވުމަށްފަހު ކޮމްޕްލެއިންސް ބިއުރޯގެ ބޭފުޅުން އެ ދާއިރާއަށް ފޮނުވާނެ ކަމަށެވެ.

އެމްޑިޕީން އެ ޝަކުވާ ހުށަހަޅާފައިވަނީ ބައެއް ވޯޓް ފޮށިތަކުގައި ވޯޓްލާން ދިޔަ ފަރާތްތަކާއި އަދަދު ބެލުމަށް އެ މަރުކަޒުގައި ގެންގުޅުނު ލިސްޓުތަކުގައި ފުށުއެރުންތަކެއް ހުރުމުން ކަމަށްވެ އެވެ.