ވިޔަފާރި

ބީއެމްއެލް: 300 މިލިއަން އިންވެސްޓްކޮށް ފައިދާ ރަނގަޅުކޮށްފި

ގައުމީ ބޭންކް، ބީއެމްއެލް އިން މިދިޔަ އަހަރު ހިންގި 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމާއެކުވެސް އެ ބޭންކުން ފައިދާގެ ގޮތުގައި މިދިޔަ އަހަރު 1.6 ބިލިއަން ރުފިޔާ ހޯދައިފި އެވެ. މިއީ 2018 ވަނަ އަހަރާ އަޅާބަލާއިރު 13 ޕަސެންޓް އިތުރު އަދަދެކެވެ.

ބީއެމްއެލް އިން މިއަދު އާންމު ކުރި 2019 ވަނަ އަހަރުގެ މާލީ ރިޕޯޓްގައިވާ ގޮތުގައި ޓެކްސް އަށް ކެނޑުމަށްފަހު ލިބުނު ފައިދާ ވެސް ވަނީ ވިދިވިދިގެން ތިން ވަނަ އަހަރު އެއް ބިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާފަ އެވެ. އެގޮތުން، ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުން ވެސް ރަނގަޅު ފައިދާތަކެއް ހޯދައި އަދި ލޯނު ދޫކުރި ނިސްބަތް ފާހަގަ ކޮށްލެވޭ މިންވަރަކަށް ބޭންކުން ވަނީ މިދިޔަ އަހަރު އިތުރުކޮށްފަ އެވެ.

އަހަރީ ރިޕޯޓްގައިވާ ގޮތުގައި އުފެއްދުންތެރި ނޫން ލޯނުތަކުގެ ނިސްބަތް ވަނީ 4.1 ޕަސެންޓް އިން 3.5 ޕަސެންޓަށް އަށް ދަށްކުރެވިފަ އެވެ. ބޭންކުގެ ރައުސުލްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ގާނޫނުން ލާޒިމްކުރާ ވަރަށް ވުރެ މަތީ މިންވަރެއްގައި މިދިޔަ އަހަރުވެސް ހިފަހައްޓައިފަ އެވެ. ނަތީޖާއެއްގެ ގޮތުން، ޓެކްސްއަށް ކެނޑުމުގެ ކުރިން ލިބުނު ސާފު ފައިދާ ވަނީ 1.6 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. އެއީ 2017 ވަނަ އަހަރާ އަޅާބަލާއިރު، 13 ޕަސެންޓްގެ އިތުރުވުމެކެވެ.

ގައުމީ ބޭންކުން މި މާލީ ނަތީޖާ ހޯދާފައި މި ވަނީ މިދިޔަ އަހަރުގެ ތެރޭގައި ބީއެމްއެލްއިން ކުރިއަށް ގެންދިޔަ "އަހަރެންގެ ބޭންކް" ގެ ދަށުން މުޖުތަމައަށް އެހީތެރިވުމަށް ހިންގި 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމާވެސް އެކު އެވެ.

މި ޕްރޮގްރާމް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައުލީމާއި ކުޅިވަރާއި އަދި ތިމާވެށީގެ ހަރަކާތްތަކުގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ހިންގާ ހަރަކާތްތަކާއެކު ޖުމްލަ 110 ޕްރޮޖެކްޓަކަށް މާލީ އެހީ ދީފައިވާ ކަމަށް ބީއެމްއެލްއިން ބުންޏެވެ. މީގެ އިތުރުން މިދިޔަ އަހަރު ބޭންކުން ވަނީ އަތޮޅުތަކުގައި ހަތަރު އާ ބްރާންޗާއި ފަސް ސެލްފް ސާވިސް ބޭންކިން ސެންޓާ ގާއިމްކޮށްފަ އެވެ. އަދި ބީއެމްއެލް ވަނީ، ކޭޝް އެޖެންޓުން މެދުވެރިކޮށް ފައިސާ ޖަމާކުރެވޭ ހިދުމަތާއި ލޯނަށް ފައިސާ ދެއްކޭނެ ހިދުމަތްވެސް މިދިޔަ އަހަރު ތައާރަފްކޮށްފަ އެވެ. ބީއެމްއެލް އިން ބުނީ މިދިޔަ އަހަރު ނިމުނު އިރު، ކޭޝް އެޖެންޓް ނެޓްވޯކްގެ އަދަދުވަނީ 230 އިން 277 އަށް އިތުރުކޮށްފަަ އެވެ.

މި ކާމިޔާބީތަކާ ގުޅޭ ގޮތުން، ބީއެމްއެލް ހިންގެވުމާ ހަވާލުވެ ހުންނެވި، އެ ބޭންކްގެ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން ވިދާޅުވީ، މި ނަތީޖާތަކުން ދައްކުވައިދެނީ މާލީ ގޮތުން ހަރުދަނާ ކުރިއެރުންތަކެއް ހޯދުމުގެ އިތުރުން، ބޭންކުން މުޖުތަމައަށް ކުރަމުންދާ އިންވެސްޓްމަންޓް ކާމިޔާބުވެފައިވާ މިންވަރު ކަމަށެވެ. އަދި ބޭންކުގެ އަމާޒަކީ މިހާރު ހާސިލްވެފައިވާ ކާމިޔާބީ ދެމެހެއްޓުން ކަމަށް ވެސް އައިޝަތު ނޫރައްދީން ވިދާޅުވި އެވެ.

"ބޭންކުގެ ހިދުމަތް ކުރީއްސުރެ ހޯއްދަވަމުން ގެންދަވާ އަދި އަލަށް ބޭންކުގެ ހިދުމަތް ހޯއްދަވަން ފެއްޓެވި އަޅުގަނޑުމެންގެ އެންމެހާ ކަސްޓަމަރުން ދެއްވަވާ އެއްބާރުލެއްވުމަށްޓަކައި ވަރަށް އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވަން. ކަސްޓަމަރުންގެ ބޭނުންތައް ފުރިހަމަކޮށްދިނުމަށްޓަކައި ބޭންކުންފޯރުކޯށްދޭ ހިދުމަތްތައް ރަނގަޅުކުރުމަށާއި ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އަޅުގަނޑުމެން ގަދައަޅާ މަސައްކަތް ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން އަރުވަން،" އައިޝަތު ނޫރައްދީން ވިދާޅުވި އެވެ.

ބޭންކުން ހޯދި މާލީ ނަތީޖާ އަށް އިތުރަށް އަލިއަޅުއްވާލައްވަމުން އައިޝަތު ވިދާޅުވި ގޮތުގައި 2017 ވަނަ އަހަރާއި ހިލާފަށް މިދިޔަ އަހަރު ރަނގަޅު މާލީ ނަތީޖާއެއް ހޯދާފައި މިވަނީ އެއްފަހަރާ ގަނޑުކޮށް ލިބޭ ފައިސާ ނުހިމެނި އެވެ. މި ނަތީޖާ ހޯދިފައި މި ވަނީ، ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުންވެސް ލިބުނު ކުރިއެރުމާއި އަދި އާމްދަނީ ލިބޭ ވަސީލަތްތަކުން ލިބުނު ކުރިއެރުމުގެ ސަބަބުން ކަމަށް އައިޝަތު ނޫރައްދީން ވިދާޅުވި އެވެ. މީގެ އިތުރުން ބޭންކުންވަނީ މިއަހަރުތެރޭ އާ އެކައުންޓިންޓް ސްޓޭންޑަޑް، "އައިއެފްއާރްއެސް 9" ފައިނޭންޝަލް އިންސްޓްރޫމެންޓްގެ ބޭނުންކުރަން ފަށާފައި ކަން ވެސް އެކަމަނާ ފާހަގަ ކުރެއްވި އެވެ.

ބީއެމްއެލް އިސްލާމިކް އާއި ގުޅޭގޮތުން އައިޝަތު ވިދާޅުވީ، މިދިޔަ އަހަރުގެ ތެރޭގައި އިސްލާމިކް ބޭންކިން ހިދުމަތް ދޭ 'ބީއެމްއެލް އިސްލާމިކް' ވަނީ ހަލުވިކަމާ އެކު ކުރިއަރެންތަކެއް ހޯދާފައި ކަމަށެވެ. އަދި ޑިޕޮސިޓް ގެ އަދަދު ވަރަށް ބޮޑަށް އިތުރުވެ، އާ ފައިނޭންސިން ޕްރޮޑަކްޓްތައްވެސް ތައާރަފް ކުރެވިފައިވާކަން ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑުމެން މިދަނީ ބޭންކުގެ ކޮންވެންޝަނަލް ޕްރޮޑަކްޓަކާ އެއް މިންވަރަކަށް ޝަރީއާ ހުއްދަކުރާ އިސްލާމިކް ޕްރޮޑަކްޓްތައް ތައާރަފްކުރަމުން،" އައިޝަތު ވިދާޅުވި އެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ، ޓެކްނޮލޮޖީ ބޭނުންކޮށްގެން ބޭންކުން ދޭ ހިދުމަތްތައް މިހާރަށް ވުރެ ރަނގަޅުކޮށް ފަސޭހަ ކުރުމަށް މިދިޔަ އަހަރުވެސް މަސައްކަތް ކުރެވުނު ކަމަށެވެ. އަދި ކުރިއަށް މިއޮތް އަހަރުވެސް ބޭންކްގެ އަމާޒަކަށް ވާނީ، ޓެކްނޮލޮޖީގެ ޒަރިއްޔާއިން ބޭންކްގެ ހިދުމަތްތައް ރަނގަޅު ކުރުންކަން ވެސް ފާހަގަ ކުރެއްވި އެވެ.

ބީއެމްއެލްއަށް މިދިޔަ އަހަރު ލިބުނު ސާފު ފައިދާއިން 129.17 މިލިއަން ރުފިޔާ ބަހަން އަހަރީ އާންމު ޖަލްސާއަށް ހުށަހަޅަން ބޭންކްގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވެ އެވެ. އެއީ ހިއްސާއަކަށް، 24 ރުފިޔާ ޖެހޭވަރުގެ އަދަދެކެވެ.