ގްރީސް އަށް އިތުރު އެހީ ފޯރުކޮށްދިނުމަށް ޔޫރަޕުން ކުރިމަތިކުރަމުންދާ ހަރުކަށި ޝަރުތުތަކަށް އެންމެ ފަހުން އެއްބަސްވެ، ތިން ވަނަ ބެއިލްއައުޓް ޕްރޮގްރާމަކަށް އެދި ގްރީސް ސަރުކާރުން ހުށަހެޅި ހުށަހެޅުމުގައި ހުރި އިސްލާހީ ފިޔަވަޅުތައް ތަންފީޒުކުރާނެ ކަމުގެ ޔަގީންކަން މިހާރަށް ވުރެ ބޮޑަށް ބޭނުންވާ ކަމަށް ޔޫރޯޒޯންގެ މާލީ ވަޒީރުން ވިދާޅުވެއްޖެ އެވެ.
ޔޫރަޕްގެ ބާރުތަކާއި ގްރީސްއާ ދެމެދު މަައްސަލަ ޖެހި، ގްރީސް ދަރަނިވެރިވީ ގްރީސް އަށް އިތުރު އެހީ ފޯރުކޮށްދިނުމަށް ޔޫރަޕުން ހަރުކަށި ގިނަ ޝަރުތުތަކެއް ހުށަހެޅުމުންނެވެ. އޭގެ ތެރޭގައި ޓެކްސްގެ މިންވަރު އިތުރުކުރުމާއި ޕެންޝަން އުނިކުރުން ފަދަ އާއްމުންނާ ގުޅުންހުރި ގިނަ ކަންކަން ހިމެނެ އެވެ. އެ ކަންތައްތައް ހިމެނޭ އެހީގެ ޕްރޮގްރާމަކަށް ގްރީސްގެ ރައްޔިތުން ވެސް ވަނީ މިިދޔަ ހަފުތާގައި ނެގި ހިޔާލު ހޯދުމުގެ ވޯޓުގައި ދެކޮޅު ހަދާފަ އެވެ.
އެކަމަކު، މި ވޯޓާ ގުޅިގެން، ގްރީސްގެ ކުރިމަގާ މެދު ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފަ އެވެ. އަދި އެ ގައުމުގެ ބޭންކުތައް ބަންދުކުރަން ޖެހި، ގައުމު ބަނގުރޫޓުވުމުގެ ބިރު އުފެދުމުގެ އިތުރަށް، ޔޫރޯޒޯނުން ވަކިވުމުގެ ފުރުސަތު ވެސް އޮތީ ވަރަަށް ބޮޑުވެފަ އެވެ.
އެ ކަންކަމުން އަަރައިގަތުމަަށްޓަކައި ބޭނުންވާ ފައިސާ ހޯދޭނެ އިތުރު ގޮތެއް ނުފެނުމުން، ގްރީސްގެ ސަރުކާރުން ވަނީ ޔޫރަޕުން ޑިމާންޑުކުރަމުން ދިޔަ ހަރުކަށި ކަންތައްތަކާއި އިސްލާހީ ފިޔަވަޅުތައް ހިމަނައިގެން، ބުރާސްފަތި ދުވަހުގެ ނިޔަލަަށް ޔޫރަޕުން ދިން ސުންގަޑީގެ ކުރިން އާ ހުށަހެޅުމެއް ހުށަހަޅާފަ އެވެ. އެ ހުށަހެޅުމުގައި ގްރީސްގެ ސަރުކާރުން ވަނީ ޖީއެސްޓީ ބޮޑުކޮށް، ޕެންޝަނުން ބައެއް ކަނޑާލަން އެއްބަސްވެފަ އެވެ. އަދި ޝިޕިން ކުންފުނިތަކުން ނަގާ ޓެކްސް ބޮޑުކޮށް، އަސްކަރީ ހަރުދަތަކުން 300 މިލިއަން ޔޫރޯ އުނިކޮށް، ވިޔަފާރިތަކަށް ދެމުން ގެންދިޔަ ބައެއް ޓެކްސްގެ ލުއިތައް ކަނޑާލައި ދައުލަތުގެ ގިނަ ކުންފުނިތަކެއް ޕްރައިވެޓައިޒްކުރަން އެއްބަސްވެފައިވެ އެވެ.
މީގެ އިތުރުން، ގްރީސްގެ ދަރަނި ފޫބެއްދުމަށް، 2018ގެ ނިޔަލަށް 53.5 ބިލިއަން ޔޫރޯގެ ތިންވަނަ އެހީގެ ޕެކޭޖެއް ހަމަޖައްސައިދިނުމަށް ވެސް އެދިފައިވެ އެެވެ.
ހުށަހެޅުން ދިރާސާ ކުރުމަށް ޔޫރޯޒޯންގެ މާލީ ވަޒީރުން އިއްޔެ ބޭއްވި ބައްދަލުވުމުގައި، ގިނަ ވަޒީރުން ވަނީ ގްރީސް އިން އެއްބަސްވެފައިވާ ގޮތަށް އެ ފަރާތްތަކުގެ ޝަރުތުތަކަށް އަމަލުކުރާނެ ކަމާ މެދު ޝައްކު އުފައްދަވާފަ އެވެ. އެ ގޮތުން، ޔޫރޯޯޒޯންގެ ވެރިޔާ ޖެރޮއިން ޑިސެލްބްލޮއެމް ވިދާޅުވީ ގްރީސް އިން ހުށަހެޅި ކަންކަމާ މެދު ވެސް ބޮޑެތި ޝައްކުތަކެއް އެބަހުރި ކަމަށެެވެ. އެކަމަކު އެންމެ ބޮޑު މައްސަލަ އަކީ އެ ކަންކަން ތަންފީޒުކުރާނެ ކަމާ މެދު ގްރީސްގެ ސަރުކާރަށް "އިތުބާރު ނުކުރެވުން" ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުރިން ދެކޮޅު ހެދުމަށް ފަހު، މިހާރު ކުއްލި ގޮތަކަށް އެއްބަސްވެ، އަހަރުމެންގެ ޝަރުތުތައް ގްރީސްގެ ސަރުކާރުން ތަންފީޒުކުރާނެ ކަމަށް ގަބޫލުކުރާނީ ކިހިނެއް؟ މިއީ ވަރަށް އުދަނގޫ މަރުހަލާއެއް،" ޑިސެލްބްލޮއެމް ވިދާޅުވި އެވެ.
ޔޫރޯޒޯންގެ އެންމެ ބޮޑު އިގްތިސާދީ ބާރު، ޖަރުމަނުގެ މާލީ ވަޒީރު ވުލްފޭންގެ ޝޯބެލް ވިދާޅުވީ ގްރީސް އިން ދޭ ޔަގީންކަމަށް އެކަނި ނުބެލޭނެ ކަމަށެވެ.
އެހެން ނަމަވެސް، އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ގްރީސްގެ އިކޮނޮމިކް މިނިސްޓަރު ޖިއޯޖަސް ސްޓާތަކިސް ވިދާޅުވީ ގްރީސް އިން ހުށަހެޅި އިސްލާހީ ހުރިހާ ފިޔަވަޅުތަކެއް ވެސް އެންމެ ފުރިހަމަ އަށް ތަންފީޒުކުރާނެ ކަމަށެވެ. އަދި "ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި" އެއްބަސްވުމަކަށް އާދެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސަރުކާރާއި ގާނޫނު ހަދާ މަޖިލީހުން ވެސް ބޭނުންވޭ އެ ފިޔަވަޅުތައް ތަންފީޒުކުރަން. އެކަން ކުރަން ވެސް ކުރާނަން. މިހާރު ބޭނުން ވަނީ އިތުބާރު އުފައްދަން،" ގްރީސްގެ ހުށަހެޅުމަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ވެސް ރުހުން ދީފައިވާކަން ފާހަގަކުރައްވައި ސްޓާތަކިސް ވިދާޅުވި އެވެ.
ޔޫރޯޒޯންގެ މާލީ ވަޒީރުންގެ ބައްދަލުވުން މިހާރު ވަނީ މެދުކަނޑާލާފަ އެވެ. އެ ބައްދަލުވުން މިއަދު އަލުން ފަށައިގެން ކުރިއަށް ގެންދަން ނިންމާފައި ވާއިރު، ޔޫރޯޒޯންގެ ގައުމުތަކުގެ އެންމެ އިސް ވެރިން ވެސް މިއަދު ބައްދަލުކުރައްވައި ގްރީސްގެ ހުށަހެޅުން ދިރާސާ ކުރާނެ އެވެ. އަދި ގޮތެއް ނިންމުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ހުރިހާ ގައުމުތަކެއްގެ ވެރިން ވެސް މާދަމާ ބައްދަލުކުރެއްވުމަށް ވަނީ ނިންމަވާފަ އެވެ.
ގްރީސް އަށް ކުރިން ދެމުން ގެންދިޔަ އެހީގެ ޕްރޮގްރާމާ މެދު މިދިޔަ ހަފުތާގައި ހިޔާލު ހޯދުމުގެ ވޯޓެއް ނަގާފައި ވަނީ ގްރީސް ބަނގުރޫޓުވުމުގެ ތުންފަތްމަތީގައި ވަނިކޮށެވެ. އަދި އެ ކަމުގެ އަސަރު އާއްމު ރައްޔިތުންގެ ދިރިއުޅުމަށް އިންތިހާ އަށް ކުރަން ފަށާފައި ވެސް ވަނިކޮށެވެ.
އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އަށް ދައްކަންޖެހޭ 1.6 ބިލިއަން ޔޫރޯގެ ލޯނު ދައްކަން ކަނޑައަޅާފައި އޮތް ސުންގަޑި ހަމަވިއިރު އެ ލޯން ނުދެއްކި، ގްރީސް ވަނީ ދަރަނިވެރިވެފަ އެވެ. އެއާ އެކު، ޔޫރަޕުން ވަނީ އެހީގެ ޕްރޮގްރާމްގެ މުއްދަތު އިތުރުކުރަން ދެކޮޅު ހަދާފަ އެވެ.
ގްރީސް ވެފައި ވަނީ އައިއެމްއެފަށް ދައްކަންޖެހޭ ދަރަންޏެއް މުއްދަތުގެ ކުރިން އަދާ ނުކުރެވި ދަރަނިވެރިވި ކުރިއަރާފައިވާ ހަމައެކަނި ގައުމަށެވެ.
ބޭރުގެ ފަރާތްތަކުން ގްރީސް އަށް ދެމުން ދިޔަ އެހީގެ ޕްރޮގްރާމްގެ މުއްދަތު އިތުރު ނުކުރަން ނިންމީ އެ ޕްރޮގްރާމްގެ މުއްދަތު ފަސް މަސްދުވަހަށް އިތުރުކުރުމާ ގުޅޭ ގޮތުން އެ ގައުމުގެ އާ ސަރުކާރާ އެކު ހޫނު މަޝްވަރާތަކެއް ކުރަމުންދާތާ ފަސް މަސްދުވަސް ވެފައި ވަނިކޮށެވެ. އެކަމަކު، އެ މަޝްވަރާތައް ކޮޅެއްގައި ނުޖެހި ނިންމާލައި، އެހީގެ ޕްރޮގްރާމް އިތުރަށް ކުރިއަށް ނުގެންދަން ވަނީ ނިންމާފަ އެވެ. އެ ގޮތަށް ނިންމީ، މަޝްވަރާތައް ކުރިއަށް ދަނިކޮށް، އެހީގެ ޕްރޮގްރާމްގެ މުއްދަތު އިތުރުކުރުމާ މެދު ގްރީސްގެ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ބޮޑުވަޒީރު ސިޕްރާސް ކުއްލި ގޮތަކަށް ހުށަހެޅުއްވުމުންނެެވެ.
އެހީގެ ޕްރޮގްރާމްގެ މުއްދަތު އިތުރު ނުކުރަން ނިންމުމުން، ޔޫރަޕިއަން ސެންޓްރަލް ބޭންކް (އީސީބީން) ވެސް ވަނީ ގްރީސްގެ ބޭންކުތަކަށް ދެމުންދާ އިމަޖެންސީ ފައިސާގެ މިންވަރު އިތުރު ނުކުރަން ނިންމާފަ އެވެ. އަދި އެ ނިންމުން މުރާޖައާ ނުކުރަން، ހިޔާލު ހޯދުމުގެ ވޯޓަަށް ފަހު އެ ބޭންކުގެ ވެރިން ބޭއްވެވި ބައްދަލުކުރައްވައި ވަނީ ނިންމަވާފަ އެވެ.
އިމަޖެންސީ ފައިސާގެ ގޮތުގައި ގްރީސްގެ ބޭންކުތައް ދޫކުރަން އީސީބީން ކަނޑައަޅާފައި އޮތީ ޖުމްލަ 89 ބިލިއަން ޔޫރޯ އެވެ. އެކި ފަހަރު މަތިން އެ އަދަދު ދޫކުރަމުން ދާއިރު، މިހާރު ބާކީ އޮތް މިންވަރެއް އަދި ސާފެއް ނުވެ އެވެ. އެކަމަކު، ބާކީ އޮތް މިންވަރު ހަމަވުމުން ދެން ގްރީސްގެ ބޭންކުތަކަށް އީސީބީން ފައިސާއެއް ނުދޭނެ އެވެ.
ފައިސާ ނަގަން ގޮސް ތިބި އެތައް ހާސް ބައެއްގެ ދިގު ކިއޫތަކުން ތޮއްޖެހިފައިވާ ގްރީސްގެ ބޭންކުތަކުން އާއްމުންނަށް ފައިސާ ދޫކުރަމުން ގޮސްފައިވަނީ އީސީބީން ދެމުންދާ އިމަޖެންސީ އެހީގެ ތެރެއިންނެވެ. އެކަމަކު، އެ އެހީ ދެން ނުލިބޭނެތީ ފައިސާ ނަގަން ބޭނުންވާ މީހުންނަށް ފައިސާ ދޫކުރެވޭނެ އިތުރު ގޮތެއް ނޯންނާނެ އެވެ. އެހެންވެ، ބޭންކުތައް ބަނގުރޫޓުވެ، ބައެއް ބޭންކުތައް ދާއިމީކޮށް ބަންދުކުރަން ޖެހިދާނެ ކަމުގެ ބިރު ވަނީ ހީވެފަ އެެވެ.
މީގެ އިތުރުން، އިމަޖެންސީ އެހީ އިތުރު ނުކުރަން އީސީބީން ފުރަތަމަ ނިންމުމާ އެކު އެ ގައުމުގެ ބޭންކުތަކާއި ހިއްސާގެ ބާޒާރު ވަގުތީ ގޮތުން ބަންދުކޮށް، ގައުމުން ފައިސާ ބޭރުކުރުން ވެސް ވަނީ ހުއްޓާލާފަ އެވެ. އަދި އަމިއްލަ ބޭންކް އެކައުންޓުން ދުވާލަކު މީހަކަށް ނެގޭނީ ގިނަވަގެން 60 ޔޫރޯ ކަމަށާއި ކޮންމެހެން ބޭނުންވެގެން ނޫން ގޮތަކަށް، ހުއްދަ ލިބިގެން ނޫނީ ގައުމުން ބޭރަށް ފައިސާގެ އެއްވެސް މުއާމަލާތެއް ނުކުރެވޭނެ ގޮތަށް ވެސް ހަދާފަ އެެވެ.
ހިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާ އަށް ފަހު ބޭންކުތައް އަލުން ހުޅުވަން ނިންމާފައި އޮތަސް، އެކަން ކޮށްފައެއް ނުވެ އެވެ. އެއީ އީސީބީން އެހީ ދޭން އަލުން ފަށަން އެއްބަސް ނުވުމުންނެވެ.
އެހީގެ ޕްރޮގްރާމްގެ މުއްދަތު އިތުރުކުރަން ޔޫރަޕިއަން ކޮމިޝަނާއި އައިއެމްއެފް އަދި އީސީބީން ދެކޮޅު ހެދީ އެ ފަރާތްތަކުން ގްރީސް އަށް ކުރިމަތިކުރާ ބައެއް ޝަރުތުތަކަށް ދޫ ދޭން، ޖެނުއަރީ މަހު ބޭއްވި އިންތިހާބު ކާމިޔާބު ކުރުމަށް ފަހު ވެރިކަމަށް އައި ވާތު ފިޔައިގެ ސަރުކާރުން ބޭނުން ނުވުމުންނެވެ. އޭގެ ތެރޭގައި ބަޖެޓުން ފައިސާ އުނިކުރުމާއި ޕެންޝަން ކުޑަކޮށް، ޖީއެސްޓީ ބޮޑުކުރުމުގެ އިތުރަށް އާއްމުންނަށް ދެމުންދާ ބައެއް ކަހަލަ މާލީ އިނާޔަތްތައް ހުއްޓާލުން ހިމެނެ އެެވެ.
ގްރީސްގެ ދަރަނި ވަނީ 320 ބިލިއަން ޔޫރޯ އަށް އަރައިފަ އެެވެ. އީޔޫ މެދުވެރިވެގެން، އީސީބީ އާއި ޔޫރަޕިއަން ކޮމިޝަން އަދި އައިއެމްއެފުން އަންނަނީ 2010 ވަނަ އަހަރުން ފެށިގެން ގްރީސް އަށް މާލީ އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.
ގްރީސް އަށް ފައިސާ ލިބެމުން ދިޔަ ހަމައެކަނި ގޮތް ބަންދުވުމުގެ އިތުރަށް، އައިއެމްއެފް އަށް ދަރާފައި ވާއިރު، ގްރީސް އިން ޔޫރޯ ބޭނުން ކުރުން ހުއްޓާލަން މަޖުބޫރުވާނެކަން މިހާރު ވަނީ ގާތްގަނޑަކަށް ޔަގީންވެފަ އެވެ. އެހެން ވެއްޖެ ނަމަ، ގްރީސް އަށް ޖެހޭނީ އަމިއްލަ ފައިސާއެއް ޖަހާށެވެ. އެކަމަކު، އެ ހާލަތަށް ހިނގައްޖެ ނަމަ ގްރީސްގެ އިގްތިސާދު މެނޭޖްކުރެވިދާނެތޯ ސުވާލު އުފެދެ އެވެ. އަދި އެފަދަ ހާލަތެއްގައި މުޅި ޔޫރޯޒޯނަށް ކުރާނެ އަސަރުތަކާ މެދު ވެސް ވަނީ ސުވާލު އުފެދިފަ އެވެ.