ދުނިޔެ

ފުރަތަމަ ފަހަރަށް "ބްލެކްހޯލް"ގެ ފޮޓޯ ނަގައިފި

މުޅި ކާއިނާތުގައިވާ އެންމެ ބާރުގަދަ އެތީގެ ގޮތުގައި ސައިންސްވެރިން ސިފަކުރާ، "ބްލެކް ހޯލް"އެއްގެ ފޮޓޮއެއް ފުރަތަމަ ފަހަރަށް ނަގައި ބައިނަލްއަގްވާމީ ސައިންސްވެރިންގެ ޓީމަކުން ބޮޑު ކާމިޔާބީއެއް ހޯދައިފި އެވެ. ބްލެކް ހޯލްގެ އެ ފޮޓޯ މިހާރު ވަނީ އާންމުކޮށް ޝާއިއު ވެސް ކޮށްފަ އެވެ.

"ބްލެކް ހޯލް" ގެ ފޮޓޯ ނެގުމުގެ އެކްސްޕެރިމަންޓް ކުރި، އިވެންޓް ހޮރައިޒަން ޓެލެސްކޯޕް (އޭއެޗްޓީ) ޕްރޮޖެކްޓުން މި ފޮޓޯ އާންމު ކުރުމަށް ފަހު ބުނީ މިއީ ކާއިނާތުގެ ހޯދުންތައް ހޯދާ ސައިންސް، ނޫނީ އެސްޓްރޯ ފިޒިކްސްއަށް ލިބުނު ކުރިއެރުމެއް ކަމަށެވެ.

އެ ފޮޓޯ އާންމު ކުރުމަށް ފަހު ބޭއްވި ޕްރެސްގައި ވާހަކަ ދައްކަވަމުން ޔޫރަޕިއަން ޔޫނިއަންގެ ކޮމިޝަނާ ފޯ ރިސާޗް އެންޑް އިނޮވޭޝަން، ކާލޮސް މީޑަސް ވިދާޅުވަނީ މިއީ އެންމެންވެސް ހިތް އަވަސްވާނެފަދަ ކާމިޔާބެއް ކަމަށެވެ.

މި އާދަޔާ ހިލާފު ފޮޓޯ ނަގާފައިވަނީ ކާއިނާތު ބަލައި ހޯދުމަށް ޓަކައި ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައިވާ އެންމެ ވަރުގަދަ އަށް ޓެލެސްކޯޕްގެ އެހީގަ އެވެ.

ބްލެކް ހޯލްގެ ފުރަތަމަ ފޮޓޯއިން ފެންނަ ގޮތުގައި ކަޅު އަނދިރިކަން ވަށައި އިންްނަ އަލި ބޮޅެއްގެ ސިފައިގައި ފެންނަ މި ބްލެކް ހޯލް ވަނީ ދުނިޔެއާ 54 އަލި އަހަރު ދުރުމިނުގަ އެވެ. މީގެ ބޮޑުމިނުގައި 40 ބިލިއަން ކިލޯމީޓަރު ހުންނަ އިރު، ދުނިޔެއަށް ވުރެ ތިން މިލިއަން ގުނަ ބޮޑުވާނެ ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ބްލެކް ހޯލްއަކީ އޭގެ ބާރުގައި އެއާ ކައިރީގައިވާ ތަރިތަކާއި ޕްލެނެޓުތައް އަދި ގޭހާއި ހިރަފުހާއި އިލެކްޓްރޯ މެގްނެޓިކް ރޭޑިއޭޝަންތައް ވެކިއުމް ކްލީނަރެއް ފަދައިން ދަމައިގަންނަ އެއްޗެކެވެ. އޭގެ، "ވަކިތަކުން" އަލިކަމަކަށް ވެސް ސަލާމަތް ނުވެވޭ ބްލެކް ހޯލްއާ ގުޅޭ ގޮތުން ސައިންސް ވެރިންނަށް ވެސް އަދި ހޯދިފައި ވަނީ ވަރަށް ވެސް ކުޑަ މިންވަރެކެވެ.

ސައިންޓިސްޓުން ބުނާ ގޮތުގައި އޭގަ ހުންނަ ދަމާބާރު ނުވަތަ ގްރެވިޓީގެ ސަބަބުން އިރުގެ އަލިކަންވެސް އޭގެ ތެރެއަށް ދަމައިގަންނަ ބްލެކްހޯލް އަކީ މުޅި ކާއިނާތުގައިވާ އެންމެ ބާރުގަދަ އެކައްޗެވެ.

ބްލެކް ހޯލް އުފެދޭ ގޮތް

ސައިންސްވެރިން ބުނާގޮތުގައި ބޮޑެތި ތަރިތަކުގެ ހަކަތަ ހުސްވުމުން އޭގެ ބައްޓަން ހިފެހެއްޓުމުގެ ބާރު ގެއްލި ދެއެވެ. އެހެންވުމުން އޭގައި ހިމެނޭ ގިނަ އަދަދެއްގެ ހައިޑްރޮޖަން ގޭސް ފަށަލަތަކުގައި އުފެދޭ ބާރުގަދަ ޕްރެޝަރުގެ ސަބަބުން ތަރި ކުޑަވާން ފަށަ އެވެ.

މިހެން ގޮސް ޒައްރެއްގެ މިންވަރަށް ތަރި ކުޑަވެގެންދާއިރުވެސް، ގަބޫލުކުރަން ދަތި ނަމަވެސް އޭގެ ބަރުދަން އެއްވަރެއްގައި ހިފެހެއްޓިފައި ހުރެއެވެ. ތަރި މިގޮތަށް އޭގެ ތެރެއަށް ކުޑަވަމުން ދާއިރު އޭގައިވާ ދަމާ ބާރުގެ ސަބަބުން އޭގެ ގާތުން ދަތުރުކުރާ ހުރިހާ އެއްޗެއް، އެއީ އިރުގެ އަލިކަމަށް ވީނަމަވެސް، އެ އުފެދޭ ބްލެކް ހޯލް ތެރެއަށް ދަމައިގަނެ އެވެ.