ހަބަރު

ކާމިޔާބީ ފާހަގަ ކުރަން އެމްޑީޕީން ބޮޑު ހަރަކާތެއް ބާއްވަނީ

ނިމިދިޔަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އެމްޑީީޕީއަށް ލިބުނު ކާމިޔާބީ ފާހަގަ ކުރަން އެ ޕާޓީން އަންނަ ހޮނިހިރު ދުވަހު ހަރަކާތްތަކެއް ހިންގަން ނިންމައިފި އެވެ.

މިއަހަރުގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީން ވަނީ އެ މަޖިލީހުގެ 87 ގޮނޑީގެ ތެރެއިން 65 ގޮނޑި ކާމިޔާބު ކޮށްފަ އެވެ. މިއީ މަޖިލިސް އިންތިހާބެއްގައި ޕާޓީއަކުން އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

މަޖިލިސް އިންތިހާބުގެ އުފާ ފާޅު ކުރުމުގެ ހަރަކާތްތައް ބާއްވަން ނިންމާފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ރޭ 8:30 ގައި ލޮނުޒިޔާރަތްކޮޅުގައި އޮންނަ ހުސްބިން، އަޑި ޕާކް ސަރަހައްދުގަ އެވެ.

އެމްޑީޕީ އިން ކުރިއަށް ގެންދަން ނިންމާފައިވާ އުފާ ފާޅުކުރުމުގެ ހަރަކާތްތަކުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ މައްޗަންގޮޅީ މެދު ދާއިރާއަށް އިންތިހާބުވެ ވަޑައިގެންފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ ހާއްސަ ހަރަކާތްތައް ހިންގަމުންނެވެ. އެ ގޮތުން އައްޑޫ ސިޓީގައި މިދިޔަ އާދިއްތަ ދުވަހުގެ ހަވީރު ވަނީ ސައިކަލް ބުރެއް ބާއްވާފައެވެ. އަދި މާލެ އާއި އެކި ސަރަހައްދުތަކުގެ ޖަގަހަތަކުގައިވެސް ދަނީ އުފާ ފާޅު ކުރުމަށް ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ.

އެމްޑީޕީ އިން މަޖިލީހުގެ ސުޕަ މެޖޯރިޓީ ނެގުމާއި ގުޅިގެން އެންމެ ފުރަތަމަވެސް އުފާ ފާޅުކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ ހޮނިހިރު ދުވަހު އަޑި ޕާކް ސަރަހައްދުގައި އެވެ.