(9 އެޕްރިލް 2019 އާ ގުޅޭ)
"އެހެން... ރައުލް... އެހެން... އަންހެނެއްގެ ގައިގާ ބީހުނިންތަ؟" ކުރަން އެންމެ ރަނގަޅު ސުވާލެއްކަން ޔަގީންނުވެ ހުރެ އީޝަލް ސުވާލުކުރިއެވެ. އެ ސުވާލުގެ ސަބަބުން ނުކުމެދާނޭ ނަތީޖާއަކާ މެދު އިންތިހާއަށް ކަންބޮޑުވެފައި ހުރެއެވެ.
އީޝަލް އެފަދަ ސުވާލެއް ރައުލްއާ ކޮށްފާނޭ އޭނާ އެއްގޮތަކަށް ވެސް ހިތަކަށް ނާރައެވެ. އެހެންނަމަވެސް އެ ކުރި ސުވާލަށް ޖަވާބުދޭން ރައުލްއަށް ވަގުތު ކޮޅެއް ނެގީ އެއްވެސް ސަބަބެއް ނެތި އީޝަލް އެފަދަ ސުވާލެއް ރައުލްއާ ނުކުރާނޭކަން ޚުދު ރައުލްގެ ޟަމީރު އެއްބަސްވާތީއެވެ. އަވަސް އަރުވާލާފައި ޖަވާބެއް ދިނުމުގެ ކުރީން އެކަމާމެދު ވިސްނަން އޭނާއަށް މަޖުބޫރުވީއެވެ. އޭނާގެ ފުށުން އީޝަލް ހިތްހަމަނުޖެހޭނެ ފަދަ ކަމެއް ކުރެވުނުތޯ އަމިއްލަ ޟަމީރާ ރައުލްއަށް ސުވާލުކުރެވުނެވެ. ހަނދާނުގައި އެކަން ނެތީއޭ ހިތާ އީޝަލްއާ ބައްދަލުވީސުރެ މިހާތަނަށް ރައުލްގެ ޢަމަލުތައް ބެހެއްޓިފައިވާ ގޮތާމެދު އޭނާ ވިސްނިއެވެ. ފަހަރެއްގައި ފުންކޮށް ވިސްނުމުން އީޝަލް އެބުނާ އެއްޗެއް ގުޅިފައިވަނީ ކޮންކަމަކާކަން ހަނދާނަށް އަތުވެދާނޭ ހީވާތީއެވެ.
ރައުލްއަށް ބަލާލާފައި އީޝަލް އިސްޖަހާލީ މާޔޫސްވެގެންނެވެ. ރައުލް ޖަވާބެއް ނުދިނީތީ އީޝަލްގެ ހިތަށް ޒަގަންގެ ސަބަބުން ހެރިފައިވާ ކަށި އިތުރަށް އެހިތް ފޫއަޅުވާލައިފިއެވެ. ހަމައެއާއެކު ޒަގަން ދެކެ ނަފުރަތު ކުރެވުނެވެ. އީޝަލްގެ ހިތް ކިލަނބުވުމުގެ މެދުވެރިއަކީ އޭނާއަށް ވީމައެވެ. އަމިއްލަ ނަފްސާ މެދު ވެސް އީޝަލްއަށް ޝަކުވާކުރެވުނެވެ. ޒަގަންގެ ގަޞްދު އެނގިހުރެ ވެސް އޭނާގެ ދަލުގައި އަމިއްލަ ހިތް ޖެހެން ދޫކޮށްލެވުނީމައެވެ. ހީނުކުރާ ހިސާބަށް ޚިޔާލުތައް ދަތުރުކޮށް މޫލައި އޭގެކޮޅުތައް ކަޅުވެ ޒަގަންގެ ޒަހަރުގެ އަސަރު ބުއްދިއަށް ވެސް ކުރަން ފެށީއެވެ.
"މި ތަނުން އެނބުރިދާން އަހަރެން ބޭނުންވަނީ" އިސްޖަހާލައިގެން ހުރެ އީޝަލް މަޑުމަޑުން ބުނެލިއެވެ.
"އީޝަލް" ރައުލް މަޑުމަޑުން ގޮވާލިއެވެ. އަދި ދުރުގައި މަޑުކޮށްލައިގެން ހުރި އީޝަލްގެ ގާތަށް އައުމަށް އޭނާ އުޅުނު ވަގުތު ކޮޓަރީ ދޮރުގައި ޓަކި ޖަހާލި އަޑު އިވުނެވެ. މަޑުމަޑުން ދޮރު ހުޅުވާލައި އީޝަލްއަށް ގޮވާލި އަޑުއިވުނީ ލާމިއާއެވެ. އޭނާ އެތެރެއަށް ވަނުމާއެކު އީޝަލްއާއި ރައުލްއަށް ފަރުވާތެރިކަމާއެކު ބަލާލިއެވެ.
"ޒިޔަޒެލް އެދެނީ ބައްދަލުވުން މިރެއަށް ނިންމާލުމަށް، އޭނާ ރައުލްއާ ވާހަކައެއް ދައްކަން ބޭނުންވާތީ ބޭރުގައި މަޑުކޮށްލައިގެން އެބަހުރި" ލާމިއާ ވާހަކަދެއްކިއެވެ. ރައުލް އިތުރު ވާހަކައެއް ނުދެއްކިއެވެ. ނަމަވެސް އެ ކޮޓަރިން ނުކުމެގެން ދިއުމުގެ ކުރިން އޭނާ އީޝަލްއަށް ބަލާލިއެވެ.
"ދެ މީހުން ކަމަކާ ދެބަސްވީތަ؟" ރައުލް ނުކުމެގެން ދިއުމުން ލާމިއާ އަހާލިއެވެ. އީޝަލް ނިކަން އަވަހަށް ބޯހޫރާލި ގޮތުން އޭނާ ލާމިއާއާ އެއްވެސް ކަމެއް ޚިއްޞާކުރަން ބޭނުންނުވަނީކަން އެނގުނެވެ.
"މިރޭ ޒިޔަޒެލްއާއި އާރަމް ވެސް ތިބޭނީ މިބައިގައި، އަހަރެން ވެސް ހޭލާ ހުންނާނީ، އިރުއެރުމުގެ ކުރީން އަހަރެމެން މިތަނުން ދާން ދަތުރު ހެދުމަށް ޒިޔަޒެލް އޮތީ ބުނެފައި، މިއަދު އެއްކޮށް އީޝަލް ފެންނަނީ ކަމަކާ ފިކުރުބޮޑުވެފައި ހުންނަތަން، އަހަރެންނާ ޚީއްސާކުރަން ބޭނުންނުވަނީކަން އެނގޭ، ތިމާގެ ކަމެއް ނެތަސް އަހަރެންނަކީ ތި ޢާއިލާއާ ދުރުމީހެއްނޫން، އަރާމުކޮށްލަން ތަނެއްގައި ޖައްސާ ވެސް ނުލަމެންނު، އާދޭ އޮށޯވެލަން... ކުޑަކޮށް ނިދާލަނިކޮށް ތިފިކުރުތަކާ ދުރުވެވިދާނެ، އަހަރެން އިންނާނަން އީޝަލް ގާތު" އީޝަލް ނިދުމަށް ހުރި އެނދުގެ ތަންމަތި ލާމިއާ ފޮޅާލައި ރީތިކޮށްލިއެވެ. އީޝަލް އައިސް އެނދަށް އަރައި ދެފައި ކުރުކޮށްލައިގެން އިނެވެ. އެނދުގެ ފައިލާކޮޅުގެ އަރިމަތި ލާމިއާ އިށީނެވެ.
"އަހަރެން ކަނޑުގައި ދަތުރުކުރިން، ބިމާއި ކަނޑުގައި ފޮރުވި ހުރި ބައެއް ޚަޒާނާތައް ވެސް ދުށިން، ދުނިޔޭގެ އެކިބިތުގައި ހިނގައިދިޔަ ހަނގުރާމަތައް ދުށީން، އީޝަލްއަށް އެނގޭތަ... ކަލޭމެންގެ ތެރޭގައި ފޮރުވިފައިވާ ދުނިޔެއްވާކަން، ޒިޔަޒެލް އެ މީހުންގެ ވާހަކަތައް ކިޔައިނުދޭތަ؟... ޕަރީންގެ ނަސްލު ދުށީންތަ؟" ލާމިއާ ގަސްދުކުރީ އީޝަލްގެ ފިކުރުތަކުން އޭނާ މިންޖުކުރުމަށެވެ. އެހެންވެ ހަޔާތުގެ ފޮތުގައި ލިޔެފައިވާ ތަޖުރިބާތަކުން ސަފުޙާއެއް އީޝަލްއާ ޚިއްޞާކުރަން ނިންމިއެވެ.
* * * * *
ދެއަތް އުރާލައިގެން ފުރަގަސް ދީގެން ހުރި ޒިޔަޒެލް އެނބުރިލީ ރައުލް އަންނަކަން އެނގިގެންނެވެ. އޭނާގެ ގާތުގައި ހުރި އާރަމް ވެސް އެނބުރިލިއެވެ. އެ މީހުންނާ އަރާ ހަމަވުމުން ރައުލް ކުރުނީސްކުރިއެވެ.
"ބޭރީތާ ބައްދަލުކޮށް އަހަރެމެން ފަތިހު ދަތުރު ފަށާނަން ކަމަށް ވާނީ ބުނެފައި، އަދި ކައިވެނީގެ ވަލީމާއަކީ ބޮޑު ރަސްމިއްޔާތަކަށް ނުވިޔަސް ޢާއިލާގެ މެންބަރުން ތިބުމަށް ރައުލް ވެސް އެދޭނޭ ހީވާތީ ބޭރީތަށް ދަޢުވަތު ދިނުން ދޫކޮށްލީ ރައުލްގެ އަތް މައްޗަށް، ރައުލްއަށް އަހަރެމެން ކުރި ޝަރުތުތައް ބޭރީތު ބަލައިނުގަތް، އޭނާ ރުހުން ދިނީ އީޝަލްއާ ކައިވެނި ކުރުމަށްފަހު ރައުލްއާއެކު މިތަނުގައި އީޝަލް ދިރިއުޅެން ބޭނުންވެގެން، އަހަރެމެންނަށް... ޚާއްޞަކޮށް މީކާޢިލް އެކަމާ އެއްބަހެއްނުވާނެ، އަހަރެމެންނަށް ނޯންނާނެ އީޝަލް މިތަނުގައި ހުރުމަށް ދޫކޮށްލެވޭކަށް، އަހަރެންގެ ހިތެއް ނުބުނޭ އީޝަލްއަށް ހަމަޖެހޭ ދިރިއުޅުމެއް މިތަނުގައި ހުރެގެން ލިބިދާނޭ" ޒިޔަޒެލް ބުންޏެވެ.
"އަހަރެން އެއްވެސް އިރަކު ގަސްދެއް ނުކުރަން އީޝަލް ގޮވައިގެން މިތަނުގައި ހުރުމަކަށް، ބައްޕަ ނޭދުނުނަމަ މި ހިސާބަށް ވެސް އަހަރެން އީޝަލް ނުގެންނާނަން، ޒިޔަޒެލް... ކަލޭގެ ގާތުގައި އަހަރެން އާދޭސްކުރަން... ރޭ އީޝަލްއަށް ވީގޮތެއް އެނގޭނަމަ އަހަރެންނަށް އޮޅުންފިލުވައިދީބަލަ، އެކަން ކުރީ އަހަރެމެންގެ ތެރެއިން ކާކުކަން ބުނެދީބަލަ؟" ރައުލް އާދޭހުގެ ގޮތަކަށް ޒިޔަޒެލްއަށް ބަލަން ހުއްޓެވެ.
"ޖިންނީންގެ ތެރޭގައި ބޭނުންކުރެވޭ އުކުޅެއް އެއީ ނިދީގައިވަނިކޮށް ބުއްދިއާ ކުޅުން، ގަނޑުވަރުގެ ތެރޭގައި މިހިސާބަށް އައުމަށް ބޭރީތު ހުއްދަ ދީފައިވާ ޖިންނިއަކު އެކަން ކުރީ... އީޝަލްގެ ނިދީގައި އޭނާއަށް އުނދަގޫކުރީ، ނިދީގައި އޮއްވަ ފެންނަ ހުވަފެނެއް ފަދަ ކަމެއް އެއީ، އެކަމަކު އެއީ އޮޅުވާލުމެއް... ޝައިތާނުން ސިއްރުތައް ހޯދައި ނޫނީ ވަސްވާސް ލައިދޭން ބޭނުންކުރާ ސިހުރުވެރިކަމުގެ ޢަމަލެއް، ޚާއްޞަކޮށް ޖިންނީންގެ ބުއްދީގެ ތެރެއަށް ނުފޫޒު ފޯރުވުމަށް އެކަމުގެ ޢިލްމު އެނގެންޖެހޭ، އީޝަލް މި ނޫނީ ދުވަހަކުވެސް ހުވަފެނެއް ފެނުނު ވާހަކައެއް ނުބުނޭ، އޭނާ ބިރުވެރި ހުވަފެނޭ ބުނުމުން އަހަރެންނަށް އެނގިއްޖެ އޭނާ ބިރުގަނެ ޖެހިލުންވާވަރު ކަމެއްކަން ނިދީގައި ވަނިކޮށް ހިނގީ، އޭނާ އެކަން ހިނގައިދިޔަ ގޮތް ކިޔައިދޭން ބޭނުންނުވަނީ ރަނގަޅު ސަބަބަކާ ހުރެހެން ހީވަނީ، އެހެންވީމަ އީޝަލްއާ ސުވާލުނުކުރުން އެންމެ ރަނގަޅުވާނީ، އެފަދަ ސިހުރަކުން އީޝަލް ބަލިކަށިކޮށްލެވިދާނޭ ހީނުކުރޭ، ކަލޭގެ ވާން އުޅޭ އަނބިމީހާގެ ބާރާ މެދު ޝައްކުނުކުރޭ، އޭނާގެ އަމިއްލަ ރައްކާތެރިކަން އޭނާ ހޯދި" ރައުލްގެ ކޮނޑުގައި މަޑުމަޑުން ޒިޔަޒެލް ޖަހާލިއެވެ.
"ރައުލް، ޢާއިލާއާ ބައްދަލުކޮށް ސަލާމްކުރޭ، އެމީހުންގެ ގާތަށް އެނބުރި އާދެވޭނޭ ދުވަހެއް ނޭނގޭއިރު އެ މީހުންނާ ވަދާޢުގެ ސަލާމްކުރުމަށް ދޭ، ކަލެއަށް ބައްޕަގެ ނިންމުންތައް މުހިންމުކަން އެނގޭ، ވީއިރު އެ ބައްޕައަށް ވިސްނައިދެވޭތޯ އެންމެފަހު ވަގުތާ ހަމައަށް ވެސް ބެލުމަކީ ދަރިއަކަށް ވާޖިބުވާނޭ ކަމެއް، ކަލޭ އީޝަލްއާ މެދު ކަންބޮޑުވެފައިވާ މިންވަރު އަހަރެމެންނަށް އެނގޭ، އެކަމަކު މިރެއަކީ ކަލޭގެ ޢާއިލާއާއެކު ހޭދަކުރަންޖެހޭ ރެއެއް... އީޝަލްއާއެކު އަހަރެމެން އެބަތިބިން، ކަލޭގެ ބޭނުމަކަށް ޖެހިއްޖެނަމަ ޒިޔަޒެލް ކަލެއަށް ގޮވާލާނެ... އަހަރެމެންގެ ތެރެއަށް ކަލޭ އައުމާއެކު މަސައްކަތްތައް ފެށޭނެ، ކަލޭ އުނގެނެންޖެހޭ ވަރަށް ގިނަ ކަންތައްތައް އެބަހުރި، އެހެންވީމަ ހުރިހާކަމަކަށް އަމިއްލަ ނަފްސު ތައްޔާރުކުރޭ، މިކަން ކަލެއާއެކު ދާން ނިންމި ބައިވެރީން ގާތު ވެސް ބުނޭ" އާރަމް ބުންޏެވެ.
އާރަމްއާއި ޒިޔަޒެލްގެ ވާހަކަތައް ރައުލް އަޑުއެހިއެވެ. އޭނާއާ އެ މީހުން ހަވާލުކުރި ޒިންމާ އަދާކުރުމަށް އީޝަލް ހުރި ބައިން ނުކުތެވެ. އޭނާ ނުކުތުމުން ޒިޔަޒެލް ވާހަކަދެއްކީ އާރަމްއާއެވެ.
"އާރަމް، އެ ހުރި ފައްވާރުގެ މެދުގައި ނިވާކޮށްފައިވާ ސޫރަ އެއްވެސް ތާކުން ދުށް ހަނދާނެއްވޭތަ؟" ޒިޔަޒެލް ޒާތަކަށް ފައްވާރާ ދިމާއަށް ބަލަން ހުރެ ބުންޏެވެ. އެއާއެކު އާރަމް ލުއި ގޮތަކަށް ހީނލައިފިއެވެ.
"އަހަރެންނަށްވުރެ އަންހެނެއްގެ ސޫރަ ފެނިފަ ހުރިއްޔާ ހުންނާނީ ކަލެއަށް" އާރަމް ބުނެލީ ސަމާސާކަން އެކުލެވިފައިވާ ރާގެއްގައެވެ.
"އަހަރެމެންގެ ތެރޭ އުޅޭ އަންހެނުންނާ ވައްތަރުގޮތެއް ހުރީމަ، އީޝަލް އެ ބުދަށް ވަރަށް ޝައުގުވެރިވޭ، ފުރަތަމަ އަހަރެން ހީކުރީ އަހަރެމެންގެ ތެރޭގައި ބުދު ހަދާފައި ހުންނަތަން ނުފެންނާތީ އުފެދުނު ޝައުގުވެރިކަމެއްކަމަށް، އެކަމަކު މިރޭ އޭނާ ތަފާތު ވާހަކައެއް ދައްކައިފި" ޒިޔަޒެލް އޭނާގެ ދަތްދޮޅީގައި ކަނާއަތުގެ އިނގިލިތައް ހިންގާލިއެވެ.
"މިތަން ހީވަނީ ކުޑަކުޑަ ގަނޑުވަރެއްހެން، މިތަނުގައި އުޅުނު އަންހެނެއްގެ ސޫރަކަންނޭނގެ އެ ބުދަކީ، އެހެންވެއްޖެނަމަ އެ އަންހެނަކީ ބޭރީތަށް ވަރަށް ޚާއްޞަ އަންހެނެއްކަން ޔަގީން" އާރަމް ވެސް ހުރީ ފައްވާރުގައި ނިވާކޮށްފައި ހުރި ބުދަށް ބަލާށެވެ.
ޒިޔަޒެލް މަޑުމަޑުން އައިސް ފައްވާރުގެ ކައިރީ ހުއްޓިލިއެވެ. އިރުކޮޅަކު ބުދަށް ބަލަން ހުރެފައި ޒިޔަޒެލް އޭގައި ތިންތަނަކުން ބަނދެފައި ހުރި ވާތައް މޮހާލައި ނިވާކުރުމަށް އަޅާފައި އޮތް ފޮތިގަނޑު ވެސް ނަގައިފިއެވެ. އަދި އާރަމްއާ ދެ މީހުން ވެގެން އެ ބުދަށް ބަލަހައްޓައިގެން ތިއްބެވެ.
"އެކުއްޖާފުޅު ބުނި އެއްޗެއް އަދިވެސް ނުބުނަމެންނު" އާރަމް ބުންޏެވެ. ޒިޔަޒެލް ފައްވާރުގެ ވަށައިގެންވީ ދާރައިގެ މައްޗަށް އަރާހުރެ ބުދުގައި އަތްލައި އޭތި ބަލަމުންދިޔައެވެ. އެއިން އެއްޗެއް އޭނާ ހޯދާ ފަދައެވެ.
"މިއިން މަރުވެފައިވާ މުޅަކަމެއް އިޙްސާސް ކުރެވެނީއޭ ބުނީ، ހަދާފައި ހުންނަ ބުދަކުން އެފަދަ ކަމެއް ވެދާނޭތޯ އޭނާ ސުވާލުކުރި، އެ ބުދާ ކައިރިވުމުން ބުނެދޭން ނޭނގޭ ގޮތެއްވާކަމަށް، އޭގެ ކައިރީ އިންނަން ބޭނުންވާކަމަށް... އަހަރެންނަށް އެ ވާހަކަތަކަށް ބުނާނޭ އެއްޗެއް ނޭނގުނު، އެހެންވެ ބުނިން... ބުދު ހެދުމުގައި އެ މީހުން ބޭނުންކޮށްފައިވާ އެއްޗެއްގެ ސަބަބުން އެފަދަ ކަމެއް ވަނީއޭ... އާރަމް... ކަލެއަށް މި ބުދުން އެއްވެސް ކަހަލަ އަސަރެއް ކުރޭތަ؟ މީގައި ލޯވަޅެއްހާ ހިސާބު ވެސް ނެތް، ކުޑަ ވެސް އައިބެއްނެތް، ރަނުން އޮމާންކުރެވިފައި... ބޭރުގެ ފަށަލަ ބޯކަމުން އެތޭރޭގައިވަނީ ކޮންކަހަލަ މަޢުދަނެއްކަމެއް ނޭނގޭ، އެކަމަކު މީގެ ބަނޑާ ދިމާލުން ވަކިން ހަރުކަން އެނގޭތަ" ޒިޔަޒެލް ފައްވާރުން ފޭބިއެވެ. ދެންވެސް އޭނާގެ ނަޒަރު ފައްވާރުގައި ހުރި ބުދާ ވަތްކެއް ނުވިއެވެ.
"އަހަރެންނަށް ކަމެއް ހީވިއްޔާ އެންމެ ފުރަތަމަ ވެސް ބުނާނީ ކަލޭ ގާތު، އެކަމަކު އަހަރެން ވެސް ސުވާލު އުފެދިއްޔަ އީޝަލް އެފަދަ ވާހަކައެއް ދެއްކިކަން އެނގުނީމަ، އަހަރެމެން މިއަށް ކަމެއް ކުރުން ރަނގަޅެއްނުވާނެ، މީ އެ މީހުންގެ ތަނެއް، އަހަރެމެން އިތުރަށް އޮޅުންފިލުވަން އުޅެނިކޮށް މިއަށް ކަމެއްވެދާނެ، އަހަރެންނަށް ފެންނަނީ އިހު ހުރި ގޮތަށް ތި ނިވާކޮށްފައި ތިކަމުގެ ތެރެއަށް އަހަރެމެން ނުވަންނަން" އާރަމް ބުންޏެވެ. ޒިޔަޒެލް އިރުކޮޅަކު މަޑުކޮށްލާފައި އާރަމް ބުނިހެން އިހު ހުރި ގޮތަށް އެ ބުދު ނިވާކޮށްފިއެވެ.
* * * * *
ހިމޭންކަން ވެރިވެފައި އޮތް ފެންޑާގެ ތެރޭގައި ގޮނޑިއެއްގެ ކޮޅުގައި ކަހަލަ ގޮތަކަށް ފޫޖައްސާލައިގެން ހަތޯރު އިނެވެ. އޭނާއާ ކުރިމަތިވާނޭހެން ކަސްދިޔާ އިނެވެ. އެ މީހުންގެ އަޑު އިވޭ ހިސާބުގައި ފެންޑާގެ ދޮރުކައިރީ ބޭރުގައި ޒަގަން ހުއްޓެވެ.
"މަންމާ، ދެން އެނބުރި އާދެވޭނީ ކޮންދުވަހަކުން ކަމެއް ނޭނގެ، މަންމައަށް ނިކަމެތިކަމެއް ދިނުމުގެ ގަސްދުގައެއްނޫން އަޅުގަނޑު ރައުލްއާއެކު މިދަނީ، މަންމަ ނުރުހޭކަމެއް އަޅުގަނޑު ކުރަން ނިންމީތީ އެކަމަށް މަޢާފަށް އެދެން، މަންމައަށް ޓަކައި ވިޔަސް މި ނިންމުން އަޅުގަނޑު ބަދަލުނުކުރާނަން، އެކަމުގެ ސަބަބުން މަންމައަށް ލިބިފައިތިވާ ހިތްދަތިކަމަށް ވެސް އަޅުގަނޑު މަޢާފަށް އެދެން، އަޅުގަނޑަށް ނަފުރަތުކުރުމުން މަންމައަށް ލުޔެއްލިބޭނަމަ އަޅުގަނޑުގެ މުޅިއުމުރަށް މަންމަގެ ނަފުރަތު ޤަބޫލުކުރާނަން، މަންމާ... ތިވަރަށް ދެން ހިތާމަނުކުރޭ، ރޮއި ނުހަދާ... މި އައީ އެންމެ ފަހުގެ ވަދާޢު ކިޔުމަށް" ހަތޯރު ތެދުވެގެން އައިސް ކަސްދިޔާގެ ކުރިމަތީ ދެ ކަކޫ ޖަހައި އިސްޖަހާލިއެވެ. ރުމާކޮޅުން އަނގަމަތި ފޮރުވާލަމުން ކަސްދިޔާ މޫނު އަނބުރާލީ ހަތޯރާ ދުރަށެވެ. އެކަން އެނގި ފައިމަތީގައި ޖައްސާލައިގެން އިން ދެއަތްތިލަ މުއްކަވާލެވުނެވެ.
"އީޝަލް އެނބުރި ދަނީތަ؟" ދޮރުކައިރީ ހުރި ޒަގަންއަށް އަމިއްލަ ހިތާ ސުވާލުކޮށްލެވުނެވެ.
"މަންމާ... ދާން ހުރި މީހަކު ހިފެހެއްޓުމުގެ ބޭނުމެއްނެތް" އެތެރެއަށް ވަދެގެން އައި ޒަގަންގެ އަޑަށް ހަތޯރު އެ ދިމާ ބަލާލިއެވެ. ހަތޯރުގެ މޫނުމަތިން ނުރުހުމުގެ އަސަރު ވަގުތުން ފާޅުވިއެވެ.
"މިތަނަކަށް ތި އައީ ކީއްކުރަން" ހަތޯރު ބުންޏެވެ.
"ކޮންއިރަކު އެ ރައުލްއާއެކު ދަނީ؟... ކަލޭމެން އެންމެންނަކީ ވެސް މޮޔައިން، މިތަނުގައި މަޑުކުރުމަށް ކަލޭމެން ރައުލްއަށް ވިސްނައިނުދޭންތަ؟" ޒަގަން ބުންޏެވެ.
"އަހަރެމެން މިތަން ދޫކޮށް ފަތިހުން ދަތުރު ފަށާނަން، މިތަނުގައި ހުރެގެން އުނދަގޫވެގެން އުޅެފައި މިހާރު އޭނާ ހަޤީޤަތުގައި ވެސް ދާން އުޅޭތީ ކަލޭގެ ޚިޔާލު ބަދަލުވީތަ؟" ޒަގަންއާ ދިމާއަށް ހަތޯރު ބުންޏެވެ. އިތުރަށް ޒަގަން އެއްޗެކޭ ނުބުނެ ކުއްލިއަކަށް ނުކުމެގެން ދިޔައީއެވެ. އޭނާގެ ހަރަކާތްތައް ފެނި ހަތޯރަށް ވެސް ހައިރާންކަމެއް ލިބުނެވެ. ނަމަވެސް އެކަމާ އަޅާނުލައި ކަސްދިޔާއާ އަނެއްކާ ވެސް ހަތޯރު ކުރިމަތިލިއެވެ.
* * * * *
"ދަރިފުޅާމެދު އެއްވެސް ވަރަކަށް ހިތްބަރުކަމެއްނެތް، ރައުލް ނުނިންމާނެ ގޯސް ގޮތަކަށް، އޭނާ ދަރިފުޅު ރައްކާތެރިކުރާނޭކަމުގެ ފުރިހަމަ ޔަގީންކަން މަންމައަށް އޮވޭ، ދާރިއުސް... ދަރިފުޅު ރައުލްގެ ބަސް އަހައްޗޭ، މަންމަ ދުށީން އީޝަލް، ވަރަށް ރަނގަޅު ކުއްޖެއްހެން ހީވޭ، ހިތްހެޔޮކަމާއި މަޢުޞޫމްކަން ލިބިފައިވޭ... މަންމަ ގާތުގައި ނެތަސް ދަރިފުޅު ވެސް ހަޔާތުގެ ބައިވެރިއަކަށް އެކަހަލަ ރަނގަޅު ކުއްޖަކު ހޮވައްޗޭ، ދެން މަންމާއާ މެދު އެހާބޮޑަށް ނުވިސްނާ، ދަރިފުޅުގެ ބައްޕައަކީ ގޯސް މީހެއްނޫން، އޭނާއަކީ އުނދަގޫ މީހެއް، އެކަމަކު އޭނާގެ އަޅާލުމާއި ރައްކާތެރިކަން އަހަރެންނަށް ލިބިފައިވޭ، މިކަހަލަ ކަންތައްތައް ދަރިފުޅަށް ކިޔައިދޭން އުނދަގޫ، ދާރިއުސް އަމިއްލަ ދިރިއުޅުމެއް ފެށެމުން ދިރިއުޅުމުގެ ކަންކަން ވިސްނޭނެ، ދިރިހުރިއްޔާ ކޮންމެވެސް ދުވަހަކުން ދަރިފުޅާ ބައްދަލުވާނޭކަމަށް މަންމަ އުންމީދުކުރަނީ... ފަތިހު ދަރިފުޅުމެންނަށް ވަދާޢުގެ ސަލާމްކުރުމަށް މަންމަ ނުކުންނާނަން" ދާރިއުސްގެ ކޮނޑުގައި ބޯއަޅާލައިގެން އިނދެ އޭނާގެ އަތުގައި ފިރުމަމުން މަދުރާ ވާހަކަދެއްކިއެވެ. އޭރު ދަރިފުޅާ ވަކިވާން ޖެހެތީ އޭނާގެ ހިތަށް ކުރަމުންދިޔަ އަސަރު ދެ ލޮލުން ނުފޮރުވުނެވެ. އެ ކުޑަކުޑަ މޫނުގެ ދެ ކޯތާފަތް ކަރުނުން ތެމެމުންދިޔައެވެ. ބޭރީތުގެ ގާތުގައި ދާރިއުސްއާއި ރައުލްއާއި އެހެންކުދީންގެ ނިންމުމުގެ ސަބަބުން އެކުދީންނަށް އަދަބެއް ނުދީ މަޢާފުކޮށްދިނުމަށް މަދުރާވަނީ އަދޭސްކޮށްފައެވެ. އެހެންވިޔަސް އޭނާގެ ހިތްވަނީ ބިރުގެންފައެވެ. ނަމަވެސް ދަރިފުޅާ ވަކިވާން ބޭނުންވަނީ އުފާވެރި ހިނިތުންވުމަކާއެކުއެވެ. ގަނޑުވަރުގެ ތެރޭގައި އުޅޭ ޒުވާނުންގެ ތެރެއިން ދާރިއުސް ބަލައިގަތް ޒުވާނަކީ ރައުލްއަށްވީކަމީ އެކަމާ ޚުދު މަދުރާ ވެސް އުފާވިކަމެކެވެ. ނަމޫނާއެއްގެ ގޮތުގައި ބެލުމަށް ރައުލްއަށްވުރެ ފުރިހަމަ ޒުވާނަކު މަދުރާ ވެސް ނުދެކެއެވެ.
* * * * *
"ބޭރީތު..." ލާވީ ގޮވާލިއެވެ.
"އަހަރެން އެ މީހުން ދިއުމަށް ދޫކޮށްލަންވީތަ؟... ޒަގަން އެ އަންހެންކުއްޖާއަށް ހިތްކިޔާފާނޭ އަހަރެން ކުޑަކޮށް ވެސް ހިޔެއްނުކުރަން، އެހެން ފަހަރުތަކާ މިފަހަރު ތަފާތު، އޭނާ ހަޤީޤަތުގައި ވެސް އެ އުޅެނީ އެ އަންހެންކުއްޖާ ބޭނުންވެގެން... އެ މީހުންގެ ތެރެއަށް ދާކަށް އަހަރެން ބޭނުމެއްނޫން، އަހަރެންގެ ބަދަލުގައި ދާނީ ކަލޭ، އެ މީހުންގެ ތެރޭގެ ޚަބަރުދަބަރު އަހަރެންނަށް ގެނެސްދީ، އާން!... އަހަރެން ވެސް ދެން ކަންތައް ކުރާނީ އަހަރެންނަށް ފެންނަ ގޮތަކަށް، ރައުލްގެ މައްޗަށް އަންނަ ބަލާވެރިކަމަކީ އެކަމާ އަހަރެން ބެހޭނޭ ކަމެއްނޫން" މޫނުގައި ދެއަތް ހާކާލައި ފުންނޭވާއެއް ބޭރީތު ދޫކޮށްލިއެވެ.
"އެ މީހުންގެ ތެރެއަށް ދިއުން ރަނގަޅެއް ވެސް ނުވާނެ، ހީނުކުރާކަމެއް މިފަހަރު ވެސް މިވީ، ވީއިރު އެ މީހުންގެ ތެރޭގައި އޭރުގެ ކަންކަން އެނގޭ މީހަކު ހުރުމަކީ ވެދާނޭ ކަމެއް" ލާވީ ބުންޏެވެ.
"ޒަގަންގެ ހަތަރެސްފައިގައި ހިފެހެއްޓުމުގެ ޚިޔާލު އަހަރެން ދޫކޮށްލައިފިން... އެ ދެ މީހުންނަކީ ވެސް އަހަރެންގެ ދެ ދަރީން، މީ އެ ދެ މީހުން ވެސް އިމްތިހާނު ކުރަންވީ ވަގުތު، އަހަރެން ވެސް ބަލަން ބޭނުން އެންމެ ހިތްވަރުގަދަވެފައި ބާރުގަދައީ އެތަނުން ކާކުކަން، ލާވީ... ދުރުން ޒަގަންގެ ޚަބަރުތައް ބަލާ" ދުރަށް ނަޒަރު ހުއްޓާލައިގެން ވިސްނުމަކަށް ގެއްލި އިނދެ ބޭރިތު ވާހަކަދެއްކިއެވެ.
(ނުނިމޭ)