އެމްއެންޑީއެފް

މިއަހަރު އަލިފާނުގެ 86 ހާދިސާއެއް، ހަ ތަނެއް ރޯކޮށްލީ ގަސްދުގައި

މި އަހަރުގެ މިހާތަނަށް ހިނގި އަލިފާނުގެ ހާދިސާތަކަށް ބަލާއިރު ގަސްދުގައި ހުޅުޖެހި ހަ ތަނެއް ހިމެނޭ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދޭން މިއަދު ބޭއްވި ބައްދަލުވުމެއްގައި ސިފައިން ބުނީ މި އަހަރުގެ މިހާތަނަށް އަލިފާނުގެ ހާދިސާތައް ހިނގި މިންވަރު އެހެން އަހަރުތަކުގެ މި މުއްދަތާ އަޅާ ބަލާއިރު އިތުރުވެފައިވާ ކަމަށެވެ.

ކޯސްޓްގާޑު ބިލްޑިންގައި ބޭއްވި ބައްދަލުވުމުގައި ފަޔާ އެންޑް ރެސްކިއު ކޮމާންޑަރު ކާނަލް އަބްދުﷲ އިބްރާހީމް ވިދާޅުވީ، މާލެ އާއި ރާއްޖޭގެ އެހެން ހިސާބުތަކުގައިވާ ހުސް ބިންތަކުގައި ގަސްދުގައި ރޯކޮށްލައިފައިވާ ކަން ސިފައިން ބެލިބެލުމުން ފާހަގަ ވެފައިވާ ކަމަށެވެ. އެ ތަންތަނުގެ ތަފުސީލެއް އޭނާ ނުދެއްވަ އެވެ.

އޭނާ ވިދާޅުވީ މިއަހަރުގެ މިހާތަނަށް ކަނޑުމަތިން ތިން އުޅަނދެއްގައި ރޯވެފައިވާއިރު ކަރަންޓު ޝޯޓް ވުމުގެ ސަބަބުން 18 ތަނެއްގައި އަލިފާން ރޯވި ކަމަށެވެ. އަދި ސައިކަލުތަކުގައި ރޯވެގެން 10 ރިޕޯޓެއް ލިބުނު އިރު އަލިފާނުގެ އެހެނިހެން ހާދިސާތައް ހިމަނައިގެން މިއަހަރުގެ މިހާތަނަށް އަލިފާނުގެ 86 ރިޕޯޓެއް ހުށަހެޅި ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، މިއަހަރުގެ މިހާތަނަށް ފަޔާ އެންޑް ރެސްކިޔު ސާވިސްގެ އެމަޖެންސީ ނަންބަރަށް 4808 ފަރާތަކުން ގުޅައިފައިވާ ކަމަށާއި އޭގެ ތެރެއިން އަދި އަލިފާނުގެ ހާދިސާއެއް ހިގައިގެން އުޅޫ ކަމުގެ ހަގީގީ ކޯލެއްގެ ގޮތުގައި ގުޅައިފައިވަނީ 53 ފަރާތަކުން ކަމަށެވެ. ދެން ހިމެނެނީ މައުލޫމާތު ސާފު ކުރުމުގެ ކޯލްތަކާއި އެހެނިހެން ކޯލްތައް ކަމަށެވެ. ފޭކް ކޯލްތައް ހިމެނޭ ކަމަށް ވިދާޅެއް ނުވެއެވެ.