ހެންވޭރުގައި އިތުރު ދެ ބަސް ސްޓޮޕެއް ހަދަން އެމްޕީއެލް އިން ނިންމައިފި އެވެ.
މިހާރު ހުޅުމާލެއިން މާލެ އަންނަ ފަރާތްތަކުން ފައިބަން މާލޭގައި ގާއިމްކޮށްފައި ވަނީ ބަސް ޓާމިނަލްގެ އިތުރުން ދެ ބަސް ސްޓޮޕެކެވެ. އެއީ ކުރީގެ ކުނިކޮށި ކައިރިންނާއި ސްވިމިން ޓްރެކު ކައިރިންނެވެ.
އެމްޕީއެލް އިން މިއަދު ބުނީ ދެ ބަސް ސްޓޮޕް އިތުރު ކުރަނީ ހެންވޭރަށް ކަމަށެވެ. އެގޮތުން ފުރަތަމަ ބަސް ސްޓޮޕް ސެނަހިޔާ ކައިރީގައި ހަދަން ނިންމާފައިވާއިރު، ދެވަނަ ބަސް ސްޓޮޕް ހުޅުމާލެ ފެރީ ޓާމިނަލް ކައިރީގައި ހުންނަ ޕެޓްރޯލް ޝެޑް ކައިރީގަ އެވެ.
އިތުރު ދެ ބަސް ސްޓޮޕް ހަދަން ނިންމީ ހެންވޭރު ސަރަހައްދުގައި ވަޒީފާގައި އުޅޭ ފަރާތްތަކަށް ފަސޭހަ ކޮށްދިނުމަށާއި ކުރިންސުރެ ލިބުނު ފީޑް ބެކްތަކަށް ބަލައިގެން ކަމަށެވެ. ރޯދަ މަހުގެ ކުރިން ދެ ބަސް ސްޓޮޕް ހަދާ ނިންމާނެ ކަމަށް ވެސް ބުންޏެވެ.
ބަސްދަތުރުގެ ހިދުމަތްތައް މިހާރު ދެނީ އެމްޕީއެލް އިންނެވެ. ނަމަވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ބަހުގެ ހިދުމަތް ދިނުން އެމްޓީސީސީގެ ދަށަށް ބަދަލުކޮށްފަ އެވެ. އަދި މިނީ ބަސް ތައާރަފް ކުރަން ވެސް މިނިސްޓްރީން ވަނީ ނިންމާފަ އެވެ.
ސިނިމާލެ ބުރިޖު އަދި ހުޅުމާލެ އިން މާލެ ނުވަތަ އެއާޕޯޓަށް ބަހުން ދަތުރު ކުރުމަށް 10ރ. ޗާޖް ކުރެ އެވެ. ބަހުން ދަތުރު ކުރެވެނީ އެކަމަށް ހާއްސަ ކާޑެއް ބޭނުންކޮށްގެންނެވެ. ފިހާރަތަކުން އެކާޑް ރިޗާކް ކުރެވޭ ގޮތްވެސް މިހާރު ވަނީ ހަދާފަ އެވެ.