ކުޅިވަރު

ވިކްޓަރީގެ އެކްސްކޯގެ މުއްދަތު ހަތަރު އަހަރަށް އިތުރުކޮށްފި

ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ހިންގާ ބޯޑުގެ މުއްދަތު ހަތަރު އަހަރަށް އިތުރު ކުރުމަށް، އެ ކުލަބުގެ އާންމު ބައްދަލުވުމުން ފާސް ކޮށްފި އެވެ.

ވިކްޓަަރީގެ އެކްސްކޯގެ ދައުރު މީގެ ކުރިން ހަމަވަނީ، އިންތިހާބު ކުރާތާ މީލާދީ ދެ އަހަރު ފަހުންނެވެ. ރޭ ގަލޮޅު މަދަރުސާގައި ބޭއްވި، އެ ކުލަބުގެ އާންމު ބައްދަލުވުމުން، ހަތަރު އަހަރަށް ދިގު ކުރަން ނިންމީ، ސްޕޯޓްސް ކޮމިޝަނަރުން ކަނޑައަޅާފައިވާ އުސޫލާ އެއް ހަމަ ކުރުމުގެ ގޮތުން ކަމަށް ވިކްޓަރީން ބުނެ އެވެ.

ކުރިން އޮތް ގޮތުންނަމަ، ވިކްޓަރީގެ މިހާރުގެ ބޯޑު ދައުރު ހަމަވާނީ އަންނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އެހެންނަމަވެސް ގެނެވުނު ބަދަލާއެކު 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހާ ހަމައަށް ވިކްޓަރީގެ މިހާރުގެ ބޯޑު ދައުރު ދެމިގެންދާނެ އެވެ.

ރޭ، ބޭއްވި އާންމު ބައްދަލުވުމުގައި ވަނީ، ވިކްޓަރީގެ ބޯޑުން ހުސްވެފައިވާ މެންބަރު ކަމުގެ މަގާމަށް ގަލޮޅު ކަކާގެ ހަސަން އާދަމް އިންތިހާބު ކޮށްފަ އެވެ. ހުސްވެފައިވާ މެންބަރު ކަމުގެ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން ނަން ހުށަހަޅާފައިވަނީ އޭނާ އެކަންޏެވެ.

ރޭ ގެ ބައްދަލުވުމުގައި، ވިކްޓަރީގެ ޗެއާމަން ޑރ. އިބްރާހިމް ނާޝިދު ވަނީ، ވިކްޓަރީއަށް ފައިސާ ހޯދުމަށް ކުރެވެމުންދާ މަސައްކަތް ހިއްސާކޮށްފަ އެވެ. އޭނާ ވިދާޅުވީ ކުލަބު ހިންގުމަށް ފައިސާ ހޯދުމުގެ ގޮތން ކުލަބުގެ މެންބާޝިޕް ހަރުދާނާ ކުރުމަށް ފަހު މެންބަރުންގެ އަތުން ޗަންދާ ނެގުމުގެ އުސޫލެއް ގާއިމު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ކުލަބުގެ ބައްދަލުވުމަށް ފަހު އޭނާ ވަނީ އެފްއޭއެމް ޓާފް ދަނޑުގައި ކުރިއަށްދާ ވިކްޓަރީގެ ސީނިއާ ޓީމަށާއި 17 އަހަރުން ދަށުގެ ޓީމަށް ކުޅުންތެރިން ނެގުމަށް ކުރިއަށް ގެންދާ ޓްރެއަލްގައި ބައިވެރިވާ ކުޅުންތެރިންނާ ބައްދަލު ކޮށްފަ އެވެ.