އެތުލެޓިކޯ މެޑްރިޑް

ސީޒަންގެ ބާކީއޮތް ބަޔަށް ކޮސްޓާ ސަސްޕެންޑް ކޮށްފި

އެތުލެޓިކޯ މެޑްރިޑްގެ ފޯވަޑް ޑިއޭގޯ ކޮސްޓާއަށް ކުރިމަތި ކުރި ސަސަޕެންޝަންގެ އަދަބާ އެކު އޭނާ އަށް ސީޒަން ނިމިއްޖެ އެވެ.

މިދިޔަ ހަފުތާގެ ސްޕެނިޝް ލީގްގައި، ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗުގައި ރެފްރީކަން ކުރި، ރެފްރީ ޖީސަސް ޖިލް މަންޒަނާގެ މަންމައަށް ނިސްބަތްކޮށް ރެފްރީއާ ދިމާލަށް ބަދުބަސް ބުނުމުން އެ މެޗުގެ ފުރަތަމަ ހާފުގައި ކޮސްޓާއަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލި އެވެ.

އެ މެޗުގައި ހިނގާ ދިޔަ ކަންކަން ތަހްގީގު ކުރުމަށް ފަހު ސްޕެއިންގެ ފުޓްބޯޅަ އިދާރާގެ ކޮމްޕްޓީޝަން ކޮމިޓީން ވަނީ، އަށް މެޗަށް ކޮސްޓާ ސަސްޕެންޑް ކުރުމަށް ނިންމާފަ އެވެ.

އެތުލެޓިކޯ މެޑްރިޑަށް ބާކީ އޮތީ ހަތް މެޗެވެ. އެހެންކަމުން މި ސީޒަންގެ ބާކީ އޮތް ބައިގައި އޭނާ ހުނަންނަށް ޖެހޭނީ ސަސްޕެންޝަނުގަ އެވެ. އަދި އަންނަ ސީޒަންގެ ފުރަތަމަ މެޗުގައިވެސް އޭނާއަށް ނުކުޅެވޭނެ އެވެ.

ރެފްރީއާ މުހާތަބުކޮށް ބޭއަދަބީ ބަހުން ވާހަކަ ދެއްކުމުން ސަސްޕެންޑް ކޮސްޓާ ސަސްޕެންޑް ކުރީ ހަތަރު މެޗަށެވެ. އަދި ރެފްރީގެ ގައިގައި ގޮސް ޖެހިގަތުމުން އަނެއް ހަތަރު މެޗަށެވެ.

އެ މެޗުން އެތުލެޓިކޯ މެޑްރިޑް ބަލީވީ 2-0 ންނެވެ. އެ ޓީމު އޮތީ ސްޕެނިޝް ލީގްގެ ތާވަލުގެ ދެ ވަނައިގަ އެވެ.