މާމިގިލީގައި ދުއްވި ރަށު ޕިކަޕެއްގައި އަލިފާން ރޯވެ މީހެއްގެ ފައިިން ބައެއް ފިހިއްޖެ އެވެ.
ފުލުހުން ބުނީ އަލިފާނުގެ މި ހާދިސާ ހިނގީ މިއަދު ހަވީރު ކަމަށާއި އެ ހާދިސާގައި ފައި ފިހިފައި ވަނީ ބިދޭސީއެއް ކަމަށެވެ. އަދި އެމީހާއަށް ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ. އޭނާގެ ހާލު ރަނގަޅު ކަމަށް ވެއެވެ.
މިއަދު ރޯވި ޕިކަޕަކީ މާމިގިލީގައި މަދިރި ކޮންޓްރޯލް ކުރުމަށް ބޭނުންވާ ބޭސް ޖަހަން ޕެޓްރޯލާއި ޑީސަލް ބަހައްޓާފައި ހުރި ޕިކަޕެކެވެ. ބެޓަރީ ޗާޖްކޮށްގެން ދުއްވާ ޕިކަޕްގައި އަލިފާން ރޯވިތާ އިރުކޮޅެއްގެ ތެރޭގައި އަލިފާން ނިއްވާލި އެވެ.
ފުލުހުން ގެންދަނީ މި ހާދިސާ ބަލައި ތަހުގީގު ކުރަމުންނެވެ. މި އަހަރު މިހާތަނަށް އަލިފާނުގެ ގިނަ ހާދިސާތަކެއް ހިނގާފައި ވެއެވެ.