އަބަދުވެސް ވަރަށް ބޮޑަށް ބޮލުގަައި ރިއްސައެވެ. ބައެއް ފަހަރު ރިހުން މާ ބޮޑަށް ގޯސްވެ، ވަށައިގެންވާ މާހައުލުން އިވޭ އަޑުތަކުން އުނދަގޫވާން ފަށައެވެ. ބޮކިތަކުގެ އަލި ވެސް ކުއްލިއަކަށް މާ ގަދަހެން ހީވެ އެ އަލިން ލޮލަށް އުނދަގޫވެ، ފެންކަޅިވުމާއެކު އިތުރު އަލި ތަކެއް ފެންނަހެން ވެސް ހީވެއެވެ. ބޭނުންވަނީ ހުރިހާ ކަމެއް ބަހައްޓާފައި އަނދިރި ކޮޓަރިއެއްގައި ހަމަޖެހިލާށެވެ. ބޮލުގެ ރިހޭ ފަޅީގައި ހިފަހައްޓާލައި ލޯ މަރައިގެން އޮވެ އަރާމުކޮށްލާށެވެ. ނަަމަވެސް އޮފީހުގައި ކުރަންހުރި ގިނަ މަސައްކަތްތައް ބަހަށްޓާފައި ނުދެވޭނެތީ ހިތްވަރުކޮށްފައި މަސައްކަތް ކުރިޔަށް ގެންދިޔައީ އެވެ. އިރުކޮޅަކުން ހޮޑުލަވަންވެސް ފަށައިފި އެވެ.
އަދި ކަންފަތުގައި ތޫލި އަޑެއް ޖެހޭހެން ހީވެ، ބޮލު ރިހުން ގަދަވެ މަސައްކަތަށް ސަމާލުކަން ނުދެވޭވަރުވެއްޖެ އެވެ. މިވާ އުނދަގޫތައް އެކުގައި މަސައްކަތްކުރާ އެކުވެރިންނަށް ކިޔައިދޭން ބޭނުންވިއަސް މި ރިހުން އެމީހުނަށް އިހުސާސްކޮށް ނުލެވޭނެތީ "މިއުޅެނީ މާ ބޮޑަށް ބޮލުގައި ރިއްސާތީއޭ" ބުނެ ފުއްދާލަނީ އެވެ. އެހެނީ މައިގްރެއިންއާއެކު އަންނަ އުނދަގޫތަކަކީ އެކަން ތަޖުރިބާ ކުރެވިފައިނުވާ މީހަކަށް ސިފަ ކުރަން ވެސް އިހުސާސްކޮށްލަން ވެސް ފަސޭހަ އުނދަގޫތަކެއް ނޫނެވެ.
މައިގްރެއިން ގެ ގޮތުގައި އާންމުކޮށް ނިސްބަތް ކުރެވެނީ ބޮލުގެ އެއްފަޅިއެއްގައި ރިހޭ ރިހުމަށެވެ. އަދި ގިނަ ބަޔަކަށް ވިސްނިފައި ވެސް އޮންނަނީ މައިގްްރެއިންއަކީ ހަމައެކަނި މާބޮޑަށް ބޮލުގައި ރިއްސުމަށް ކިޔާ ނަމެއްގެ ގޮތުގަ އެވެ. ނަމަވެސް ހަގީގަތަކީ މައިގްރެއިންއަކީ އާދަޔާ ހިލާފަށް މާ ބޮޑަށް ބޮލުގައި ރިއްސުމުގެ އިތުރުން އެތަކެއް އެހެން އުދަގޫތަކެއްވެސް ފޯރު ކުރުވާ ސިއްހީ މައްސަލައެކެވެ. އެގޮތުން ލޮލުގެ ފެނުން ފުސްވުމާއި ހޮޑުލަވާ ގޮތްވުން ފަދަ ކަންކަމާ މައިގްރެއިންއާ ގުޅުމެއް ވެއެވެ. މައިގްރެއިން، ބޮލުގަ ރިހުން ބައެއް މީހުންނަށް ދެތިން ގަޑިއިރަށް ދެމިގެން ދާއިރު އަނެއް ބައި މީހުންނަށް މައިގްރެއިން ދެތިން ދުވަހަށް ދެމިގެން ދެއެވެ.
މައިގްރެއިން ޖެހެން މެދުވެރި ކުރުވާ ސަބަބުތައް
މައިގްރެއިން ޖެހެނީ ކަނޑައެޅިގެން މިވެނި ސަބަބަކާ ހުރެއޭ ބުނަން ނޭނގުނު ނަމަވެސް ގިނަ މާހިރުން އެއްބަސްވާ ގޮތުގައި މިއީ ސިނކުނޑިއަށް ލޭ ދައުރު ކުރުމުގެ ދަތިތަކެއްގެ ސަބަބުން ދިމާވާ މައްސަލައެއްގެ ގޮތުގަ އެވެ. އަދި މިއީ ސިކުނޑީގައިވާ ހޯމޯންސް އަދި ތަފާތު އެހެނިހެން ކެމިކަލްތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ކަމެއް ކަމަށް ވެސް ބައެއް މާހިރުން ވިދާޅުވެ އެވެ. މިސާލަކަށް އަންހެން ހޯމޯން ކަމަށްވާ އީސްޓްރޮޖެންގެ ސަބަބުން މައިގްރެއިން ޖެހެން މެދުވެރި ކުރުވާ ކަމަށް ހޯދުންތަކުން ހާމަ ވެއެވެ.
މައިގްރެއިން ބޮލުގައި ރިހުން ގުޅިފައިވާ ބައެއް ކަންކަން
- ކަންކަމާމެދު މާބޮޑަށް ކަންބޮޑުވުން / ސްޓްރެސް
- އާންމުކޮށް ނިދާ ގަޑިތަކަށް ބަދަލު އައުން
- ގަޑިން ގަޑިއަށް ނުކެއުން
- މޫސުމަށް އަންނަ ބަދަލު
- މާ އަޑު ގަދަވުން
- ގަދަ އަލި
- ބައެއް ކާނާގެ ބާވަތްތައް (ކޮފީ، ޗީސް، ޗޮކްލެތް)
- ތައްޔާރީ ކާނާގައި ހިމެނޭ ނައިޓްރޭޓްސް އަދި އެމްއެސްޖީ
ބައެއް ވައްތަރުގެ މައިގްރެއިންއަކީ ވިރާސީ ކަމަކާ ގުޅިފައިވާ ބޮލު ރިހުމެކެވެ. އެހެނީ އައިލާގެ އެހެން މީހަކަށް މައިގްރެއިން އުނދަގޫވާ ނަމަ ތިމާއަށް ވެސް މައިގްރެއިން ޖެހުމުގެ ފުރުސަތުތައް ބޮޑެވެ. ހަމަ އެއާއެކު ފިރިހެނުންނަށް ވުރެ ތިން ގުނަ އިތުރަށް އަންހެނުންނަށް މައިގްރެއިން ޖެހޭ ކަމަށް ދިރާސާ ތަކުން ދައްކަ އެވެ.
މައިގްރެއިންގެ އަލާމާތްތައް
މައިގްރެއިން ބޮލުގަ ރިހުން، ސިފަ ކުރެވެނީ ވިންދުޖަހާހެން ބޮލުގައި ރިހޭ ރިހުމެއްގެ ގޮތުގަ އެވެ. އެގޮތުން ލޮލުގެ ވަށައިގެންވާ ސަރަހައްދުގައި ރިހުން ހުރެދާނެ އެވެ. އަދި ބައެއް ފަހަރު މޫނުގެ އެއްފަޅީގައި ރިހުން ހުރެދާނެ އެވެ. އެހެން ވަނީ މައިގްރެއިންގެ އެކި ވައްތަރުތައް ހުންނާތީ އެވެ. މައިގްރެއިން ހުންނަ ދެ މީހެއްގެ ކިބައިން އެއް އަލާމާތްތަކެއް އަދި ތިރީގައިވާ ހުރިހާ އަލާމާތްތަކެއް ނުފެނިދާނެ އެވެ. ނަމަވެސް މިއީ އާންމުކޮށް މައިގްރެއިން ހުންނަ މީހުންގެ ކިބައިން ފެންނަ އަލާމާތްތަކެވެ.
- ބޮލުގެ އެއްފަޅީގައި ރިހުން
- ގަދަ އަލި އަދި ބާރު އަޑުތަކުގެ ސަބަބުން އުނދަގޫވުން
- އާދަޔާ ހިލާފަށް ވަރުބަލިވުން
- ބައެއް ކަހަލަ ކާއެއްޗިހި (މިސާލަކަށް: ޗޮކްލެޓް) ކާ ހިތްވުން ނުވަތަ އެއް ގޮތަކަށް ވެސް ކާ ހިތް ނުވުން
- މާބޮޑަށް ކަރު ހިއްކުން އަދި ގިނަގިނައިން ކުޑަކަމުދެވުން
- ލޮލުގެ ފެނުމަށް ބަދަލު އައުން
މައިގްރެއިންއާ ގުޅިގެން ލޮލުގެ ފެނުމަށް އަންނަ ބަދަލުތަކަކީ އެންމެ އާންމު އެއް އަލާމާތެވެ. އެގޮތުން ޑަބަލްކޮށް ފެނުމާއި ފެނުން ފުސްވެ އަލިގަދަ ތިކިތަކެއް ނުވަތަ ޒިގްޒެގް ރޮނގުތަކެއް ފެންނަ ހެން ހީވެދާނެ އެވެ. މިއީ ސިކުނޑީގެ ވަށައިގެންވާ ލޭހޮޅިތަކުން ލޭ ދައުރު ކުރުމަށް ބުރުލެއް އެރުމުގެ ނަތީޖާއެއްގެ ގޮތުން ދިމާވާ ކަމެއްކަމަށް ބެލެވެއެވެ. މީގެ އިތުރުން ބޮލުގައި ރިހޭއިރު ލޮލުން ފެން އައުމަކީ ވެސް އާންމުކޮށް މައިގްރެއިން ބޮލުގައި ރިހުން ހުންނައިރު މެދުވެރިވާ ކަމެކެވެ.
މައިގްރެއިންގެ ބައެއް ވައްތަރުތަކުގައި އަތުގެ ވަކި ހިސާބެއްގައި ވާގި ނެތޭހެން ހީވެ ވަރުދެރަވެ އަދި ބައެއް ފަހަރު އައްސިވެފައިވާ ކަހަލަ އިހުސާސެއް ކުރެވޭ ކަމަށްވެސް ވެއެވެ.
މި ގޮތަށް މާ ބޮޑަށް އައްސިވެ ހަށިގަނޑުގެ އެއްފަޅިއެއްގެ ވަރުދެރަވުމާއި ބޮލުގެ އެއްފަޅީގައި ރިހުން އަދި ފެނުމަށް ބަދަލު އައުމަކީ ސްޓްރޯކްއެއް ޖެހުމުގެ އަލާމާތްތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކަށް ވުމާއެކު މިފަދަ ކަންކަން ދިމާވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން ވަރަށް މުހިންމެވެ.
މައިގްރެއިންގެ ފަރުވާ ކުރާނީ ކިހިނެތް؟
އާންމުކޮށް ޑޮކްޓަރު މައިގްރެއިން ގެ ސަބަބުން މެދުވެރިވާ ބޮލުގަ ރިހުމަށް ބޭހެއް ދޭނެ އެވެ. އަދި އާންމުކޮށް މައިގްރެއިން ޖެހޭ މީހެއްނަމަ މައިގްރެއިން ޖެހުމުން ރައްކާތެރިކޮށްދޭ ބޭހެއް ވެސް ދޭނެ އެވެ. އެހެނީ މައިގްރެއިން ޖެހުމުގެ ކުރިން އާންމުކޮށް ދިމާވާ އުނދަގޫތައް ޖެހެން ފެށުމުން މި ބޭސް ބޭނުން ކުރުުމުން ބޮލުގެ ރިހުން އެންމެ ގޯސްވިޔަ ނުދީ ކޮންޓްރޯލް ކުުރުމަށް އެހީތެރިވެ ދެއެވެ.
މައިގްރެއިންއަކީ އާންމު ދިރިއުޅުމުގެ މަސައްކަތްތަކަށް ބުރޫއެރުމަށް މެދުވެރި ކުރުވާ މައްސަލައެކެވެ. އެެހެނީ މައިގްރެއިން ބޮލުގަ ރިހޭއިރު، އިތުރަށް ކަންކަމާމެދު ވިސްނާ ކޮންސެންޓްރޭޓް ކޮށް ހަދާ ހެލިފެލިވެ އުޅުމުން މައިގްރެއިން އިތުރަށް ގޯސްވުމަށް ވެސް މެދުވެރި ކުރުވަ އެވެ. އާންމު ބޮލުގައި ރިހުމާ ހިލާފަށް މައިގްރެއިންއާއެކު އެހެނިހެން ގިނަ އުނދަގޫތައް ކުރިމަތިވާތީ މައިގްރެއިން ބޮލުގައި ރިހުން މެދުވެރިވުމުން ކަން ކުރަންވީ ގޮތް އެނގުން މުހިންމެވެ.
- ބޮލުގަ ރިހުމަށް ޑޮކްޓަރުގެ ލަފަޔާއެކު ބޭސް ނެގުން
- އަލި މަޑު ތަނެއްގައި އަރާމުކުރުން / ނިދުން
- ރިހުން ހުރި ހިސާބު މަސާޖުކުރުން (ތާފަނާ ފެން ފޮތި ކޮޅަކުން މަސާޖުކުރެވިދާނެ)
- ކެފެއިން އެކުލެވޭ ބުއިންތަކުން ދުރުވުން (ކޮފީ، ޗޮކްލެޓް، ސައި)
މައިގްރެއިން އިން ރައްކާތެރިވުމާށް އެންމެ މުހިންމުވާނީ މައިގްރެއިން މެދުވެރި ކުރުވާ ކަންކަން ދެނެގަތުމެވެ. އެކި މީހުންނަށް މައިގްރެއިން މެދުވެރިކުރުވާ ސަބަބުތައް ތަފާތު ވާނެ އެވެ. އެގޮތުން ގިނަ މީހުންނަށް މައިގްރެއިން ބޮލުގައި ރިހުން މެދުވެރިވަނީ ނުގުޅޭ ކެއުންތަކުގެ ސަބަބުންނެވެ. ވީމާ ކޮންކަހަލަ ކާއެއްޗެއް ބޭނުން ކުރުމުންތޯ މައިގްރެއިން ޖެހެނީ ދެނެގަނެ އެތަކެތިން ދުރުހެލިވެ ހުރުމަކީ މައިގްރެެއިން އިން ރައްކާތެރިވުމަށް އެޅޭން އެންމެ މުހިންމު ފިޔަވަޅެވެ.
އަދި ހަމަ އެހެންމެ ބައެއް މީހުންނަށް ގަދަ އަލީގެ ސަބަބުން މައިގްރެއިން ޖެހުމަށް މެދުވެރިވާތީ މާ ގިނައިރު ކޮމްޕިއުޓާ ނުވަތަ ފޯނުގެ ސްކްރީނަށް ބެލުމުން ދުރުހެލިވެ އަދި އަބަދުވެސް ފޯނު ފަދަ ތަކެތީގެ އަދި ދިރިއުޅޭ މާހައުލުގައި ވެސް ބްރައިޓްނެސް މަޑު ކޮށްފައި ބެހެއްޓުން ބުއްދިވެރިވާނެ އެވެ. ހަމަ އެއާއެކު ހަމަ ނިދި ހޯދަން ގަޑިން ގަޑިއަށް ނިދުމާއި މީހާ އަބަދު ވަރުބަލިވިޔަ ނުދީ އަރާމު ކުރުމާއި ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ބުއިމަކީ ވަރަށް މުހިންމު އަދި މައިގަރެއިން އާގުޅިގެން ގިނަ އުނދަގޫތަކާއެކު އަންނަ ބޮލުގައި ރިހުން ތަކުން ސަލާމަތްވުމަށް އެހީތެރިވެދޭނެ ކަންކަމެވެ.