އިމްރާން އަބްދުﷲ

ގައުމަށް ހިދުމަތް ކުރަން ރީތި އަހްލާގެއް މުހިންމު: އިމްރާން

ގައުމަށް ހިދުމަތް ކުރުމުގެ ގާބިލިއްޔަތުކަން ލިބިގެންވާކަން މީހަކަށް ވާނީ އެމީހެއްގެ ކިބައިގައި ހުންނަށް ސުލޫކީ އަހްލާގެއްގެ މައްޗަށް ބިނާކޮށް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޝަހީދުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، ޝަހީދުންގެ ޒިކުރާ އާކުރުމުގެ ގޮތުން މިފަދަ ރަސްމިއްޔާތުތަށް ބާއްވާއިރު، ވިސްނަން ޖެހޭ ކަމަކީ ގައުމުތަކުން އަނެއް ގައުމުތަކަވުރެ ބާރުގަދަ ވުމުގައި ބަލަނީ ހަމައެކަނި އަސްކަރިއްޔާގެ ބާރުތަށް ނޫން ކަމަށެވެ. ގައުމު ބާރުވެރިކުރާއިރު އިގްތިސާދި ގޮތުންވެސް ބާރުވެރިކުރަން ޖެހޭ ކަމަށެވެ. އަދި ގައުމާއި ދީނަށްޓަކައި ކުރެވެން ހުރި ހަމައެކަނަ ކަމަކީ ޝަހީދުވުން ނޫން ކަމަށެވެ. އަސްކަރީ ގޮތުންނާއި އިގްތިސާދީ ގޮތުންވެސް ގައުމަށް ހިދުމަތް ކުރެވޭނީ، އެމީހަކަށް ލިބިފައިވާ ރީތި އަހްލާގުގެ މައްޗަށް ބިނާކޮށް ކަމަށެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ގައުމަށް ދިމާވާ ނުރައްކާތެރި ކޮންމެ ދަނޑިވަޅެއްގައި ފުރާނެ އަތްމައްޗަށް ލައިގެން ނުކުންނަށް ފަރާތަކީ ސިފައިން ކަމަށެވެ. އަދި ދިވެހި ފަސްގަނޑުގައި އުޅޭ ރައްޔިތުންނަށް އަރާމު ނިދި ލިބިގެންދަނީ ފުލުހުން ކުރާ ބުރަ މަސައްކަތުން ކަމަށެވެ. އަދި ދިވެހި ޖައްވުގައި މިނިވަންކަމާއެކު ހިނިތުންވެ ނޭވާ ލަމުންދާއިރު ގައުމަށްޓަކައި ޝަހީދުވި ފަރާތްތަކާއި، މިހާރުވެސް ގައުމީ ހިދުމަތުގައި ފަސް ޖެހުމެއްނެތި މަސައްކަތް ކުރާ ފަރާތްތަކުގެ ވާހަކަތަށް އަންނަށް އޮތް ޖީލުތަކަށް ފޯރުކޮށްދޭން ތިބި ބަޔަކީ ދަރިވަރުން ކަމަށެވެ.

ރަސްމިއްޔާތުގައި އިތުރަށް ވާހަކަ ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، ގައުމަށް ދިމާވި ކޮންމެ ނުރައްކާތެރި ދަނޑިވަޅެއްގައި ޝަހީދުވެގެން ދިޔަ ޝަހީދުން ގައުމުގެ މިނިވަންކަމުގެ ހައްގުގައި ކުރި މަސައްކަތް ތާރީހީ ލިޔުންތަކުގައި ވަރަށް ސާފުކޮށް ގެނެސްދީފައިވާ ކަމަށެވެ. އަދި ހުރިހާ ދަރިވަރުން އެފަދަ ތާރީހީ ލިޔުންތަށް ގިނައިން ކިޔައި ގައުމިއްޔަތު ވަންތަކަން އާކުރަން ޖެހޭ ކަމަށެވެ.

އިމްރާން ވިދާޅުވީ، ރާއްޖެއަށް ޕޯޗުގީޒުން އެރިއިރު، އޭރުގެ ސިޔާސީ ހާލަތުއޮތް ގޮތުން އެއްބަޔަކު "އައްޔަކަސް އަދިރިއަކަސް" ކިޔައި ދުއްވައިގަނެ އަމާން ދިނުމަށް މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް އަލީ ރަސްގެފާނުފުޅަށް ދިމާވެގެން މިއުޅެނީ ކިހައިވަރެއްގެ ކަމެއްކަން އެގުމުން ދީނާއި ގައުމުގެ ހައްގުގައި ހަގުރާމަ ކުރުމަށް ނުކުތް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މިއަދު ގައުމަށްވެސް ބޭނުންވަނީ އަލީ ރަސްގެފާނު ފަދަ ބަތަލުން ކަމަށެވެ.