ފައިސަލް ނަސީމް

ކުރިއަށް ދާން ޖެހޭނީ އެއްބައިވަންތަކަމާއެކު: ނައިބު ރައީސް

ގައުމު ކުރިއެރުވުމަށްޓަކައި އެކުވެރިކަމާއި އެއްބައިވަންތަކަމާއެކު ގައުމާއިގެން ކުރިއަށް ދާންޖެހޭ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ޝަހީދުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ކުރިއަށްދިޔަ ރަސްމިއްޔާތުގައި ޝަރަފުވެރި މެހުމާނެއްގެ ގޮތުގައި ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ކާފަރުން ގައުމުގެ މިނިވަންކަން ނަގާލުމަށް މަސައްކަތްކުރި ކޮންމެ ފަހަރަކު ދީނާއި ގައުމުދެކެ ލޯބިވާ ފަރާތްތަކުން އަދުވުންގެ ހަމަލާތަށް ނާކާމިޔާބު ކޮށްލާ ކަމަށެވެ. އެހެން ކަމުން މިއިން ވިސްނަންޖެހޭ އެންމެ ބޮޑު ކަމަކީ ލިބިފައިވާ އެންމެ ބޮޑު ދެނިއުމަތް ކަމަށްވާ މިނިވަންކަމާއި އިސްލާމްދީނުގެ މަތިވެރި ހިދާޔަތު ދިވެހި ގައުމުން ނުފޮހެވި މިއަދާ ހަމައަށް މިއޮތީ އެދުވަހު އެކުވެރިކަމާއި އެއްބައިވަންތަކަމާއެކު ކުރި މަސައްކަތުގެ ނަތިއްޖާއެއްގެ ގޮތުން ކަމަށެވެ.

ރާއްޖޭގެ މިނިވަންކަން ނަގާލުމަށް ބޭރުބަޔަކު މަސައްކަތް ކުރާ ކޮންމެ ފަހަރަކު އެމީހުނާ ބައިވެރިވެގެން ދިވެހިންގެ ތެރެއިން ބަޔަކު މަސައްކަތް ކުރި އެވެ. އެކަން އެންމެ ސާފުކޮށް އެގެނީ ތިނެއް ނޮވެމްބަރުގެ ހާދިސާއިން ކަމަށްވެސް ނައިބު ރައީސް ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވީ، އަލީ ރަސްގެފާނު ހަނގުރާމަ ކުރަން ނުކުމެ ކުރިމަތިލާން ނިންމީ ޕޯޗުގީޒުންނާއި ކަމަށެވެ. އޭރު ޕޯޗުގީޒުންގެ ބާރުގަދަ ކަމުންނާއި އަނިޔާވެރިކަމުގެ ސަބަބުން ދުނިޔެއިން އެމީހުނަށް ނިސްވަތް ކިޔަނީ "ކަނޑު ބާޒީ" ގެ ނަމުންނެވެ. މިފަދަ ތާރިހީ ވާހަކަތަކަކީ ދަރިވަރުންގެ ކިޔަވާ ފޮތްތަކުގައި ވަރަށް ތަފްސީލުކޮށް ހިމަނަން ޖެހޭ ތާރީހީ ފިލާވަޅުތަށް ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

ރާއްޖެ އަދުއްވުންގެ ކިބައިން ސަލާމަތް ކުރުމުގައި ބައިވެރިވި ޝަހީދުންގެ ނަންފުޅުތަކާއި ގައުމު މިނިވަންކަމާއި އިސްލާމްދީނުގެ ހިދާޔަތުގެ ދަށުގައި މިއަދާއި ހަމައަށް ގެނެސްދިއުމަށް އެބޭފުޅުން ކުރެއްވި މަސައްކަތް އަންނަން އޮތް ޖީލުތަކަށް ނޮފޮހެވި ގެނެސްދެވެން އޮތީވެސް ދަރިވަރުންނަށް ދިވެހި ތާރީހީ މައުލޫމާތު އެގިގެން ކަމަށްވެސް ނައިބު ރައީސް ވިދާޅުވި އެވެ.