ހަބަރު

މިނިވަން މެންބަރެއްގެ ގޮތުގައި ފަސް އަހަރު ހުންނާނަން: އުޝާމް

ރައްޔިތުން ހަވާލުކުރި އަމާނަތަށް އިހްމާލު ނުވެ، ވެވަޑައިގެންނެވި ވައުދުތަކުގެ މަތީ ހުންނަވާނެ ކަމުގެ ޔަގީންކަން ވިލިމާލެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުގެ ގޮތުގައި އިންތިހާބު ވެވަޑައިގެންފައިވާ އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ. އެގޮތުން އޭނާ ރައްޔިތުންގެ މަޖިލީހުގައި މިނިވަން މެންބަރެއްގެ ގޮތުގައި ދެމިހުންނަވާނެ ކަމުގެ ޔަގީންކަން އެރުއްވި އެވެ.

ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނަރަލް މިހެން ވިދާޅުވީ އޭނާ އިންތިހާބުވުމާ ގުޅިގެން އުފާ ފާޅުކުރުމަށް މިރޭ ވިލިމާލޭގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުޝާމް ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރު އޭނާ ހުންނަވާނީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދައިދިނުމުގައި ކަމަށާއި ހުންނާނީ ވިލިމާލެ ރައްޔިތުންގެ ހުވަފެނާއި އުއްމީދުތައް ހަގީގަތަކަށް ހަދައިދިނުމުގެ މަސައްކަތުގައި ކަމަށެވެ.

އެ މަސައްކަތުގައި އޭނާއަށް ވޯޓު ދިން ރައްޔިތުންނާއި ނުދޭ ރައްޔިތުން ތަފާތު ކުރުމެއް ނޯންނާނެ ކަމަށާއި އޭނާ މަޖިލީހުގައި ތަމްސީލް ކުރާނީ ވިލިމާލޭގެ ހުރިހާ ރައްޔިތުން ކަމަށް އުޝާމް ވިދާޅުވި އެވެ.

އޭނާގެ ކެމްޕެއިންގެ އެންމެ ބޮޑު ކާމިޔާބީއަކީ ވެސް ތަފާތު ހިޔާލާއި ފިކުރުގެ މީހުން ގުޅިގެން ކުރި މަސައްކަތް ކަމަށާއި ކެމްޕެއިން ޓީމު ދެއްކި އަހްވަންތަކަމާއި އެއްބައިވަންތަ ކަމަކީ ލާމަސީލް މިސާލެއް ކަމަށް އުޝާމް ވިދާޅުވި އެވެ. އޭނާ ވަނީ އެ އެންމެންނަށް ޝުކުރު އަދާކުރައްވާފަ އެވެ.

"ވިލިމާލެއަށްވުރެ ވަކި ޕާޓީއެއް ވަކި ލީޑަރެއް މުހިންމު ނުވާނެކަން ތިޔަ ބޭފުޅުން ސާބިތުކޮށްދީފި، ތިޔަ ބޭފުޅުން ތިޔަ ކުރެއްވި މަސައްކަތަކީ އާދައިގެ މަސައްކަތެއް ނޫން، މި ދެ މަސް ދުވަހު ތިޔަ ދެއްކި ހިތްވަރަކީ އާދައިގެ ހިތްވަރެއް ނޫން،" އުޝާމް ވިދާޅުވި އެވެ.

އުޝާމް ވިދާޅުވީ މަޖިލީހުގައި ވިލިމާލެ ތަމްސީލް ކުރުމަކީ އޭނާއަށް ލިބޭނެ ވަރަށް ބޮޑު ފަހުރެއް އަދި ޝަރަފެއް ކަމަށެވެ. ވަރަށް ބުރަ މަސައްކަތްތަކެއްކޮށްގެން ރައްޔިތުން ފެށި މަސައްކަތް އަދި ނުނިމޭ ކަމަށާއި ވިލިމާލެ މަޖިލީހަށް ގެންދިޔުމުގެ މަސައްކަތް އަދި ފެށުނީ ކަމަށް އުޝާމް ވިދާޅުވި އެވެ. އުޝާމްގެ މަޖިލިސް ކެމްޕެއިންގެ ޝިއާރަކީ "މަޖިލީހަށް ވިލިމާލެ" އެވެ. އުޝާމް ވިދާޅުވީ ވިލިމާލޭގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމުގެ މަސައްކަތް މި ފެށުނީ ކަމަށެވެ.

"މި މަސައްކަތުގައި ތިޔަ ހުރިހާ ބޭފުޅުންގެ އެއްބާރުލުން އަޅުގަނޑަށް ބޭނުންވާނެ، އެހެންވެ ތިޔަ ހުރިހާ ބޭފުޅުންގެ އެއްބާރުލުން އަޅުގަނޑަށް ދެއްވާނެ ކަމަށް އުއްމީދު ކުރަން، މި މަސައްކަތުގައި ތިޔަ ބޭފުޅުންގެ ހިޔާލާއި މަޝްވަރާތައް ދެއްވާނެ ކަމަށް އުއްމީދު ކުރަން،" އުޝާމް ވިދާޅުވި އެވެ.

އުޝާމް ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރަކީ ވިލިމާލެއަށް އުފާވެރި އަހަރުތަކަށް ވާނެ ކަމަށާއި ތަރައްގީއަށް މަސައްކަތް ކުރާނެ އަހަރުތަކަކަށް ވެސް ވާނެ ކަމަށެވެ. އަދި އޭނާއާ މެދު ރައްޔިތުންގެ އޮތް އެކުވެރިކަމާއި ކުލުނަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.

ކެމްޕެއިންގައި ވެވަޑައިގެންނެވި އެންމެ މުހިންމު ވައުދަކީ ފުރިހަމަ މިނިވަނެއްގެ ގޮތުގައި ދައުރު ފުރިހަމަ ކުރާނެ ކަމުގެ ވައުދު ކަމަށާއި އެ ވައުދު މަތީ ދެމިހުންނާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވި އެވެ.

"ވަކި ޕާޓީއެއް ވަކި ލީޑަރެއްގެ ނުފޫޒެއް ނެތި ވިލިމާލޭގެ ހައްގުގައި ވަކާލާތު ކުރާނެ މީހެއްގެ ގޮތުގައި ހުންނާނެ ކަމުގެ ވައުދު، ކުރިއަށް އޮތް ފަސް އަހަރު އެއްވެސް ސިޔާސީ ޕާޓީއަކާ ނުގުޅޭނެ ކަމުގެ ވައުދުވިން، އަޅުގަނޑު އަދިވެސް މިހުރީ އެ ވައުދުގެ މަތީ، އިރާދަކުރެއްވިއްޔާ އަޅުގަނޑު ތިޔަ ބޭފުޅުންނަށް ސާބިތުކޮށްދޭ ނަން އަޅުގަނޑަކީ ވައުދުގެ މަތީ ހުންނާނެ މީހެއްކަން،" އުޝާމް ވިދާޅުވި އެވެ.

އުޝާމް ވިދާޅުވީ ރައްޔިތުން މަޖިލީހުގައި ތިބެންޖެހެނީ ހަމައެކަނި ސިޔާސީ ފިކުރުތަކަށް ތަބާވާ މީހުނެއް ނޫން ކަމަށާއި ރައްޔިތުންގެ މަންދޫބުން ކަމަށެވެ. ރައްޔިތުންގެ ހާލު އެނގޭ އަދި ހައްލު އެނގޭ މެންބަރުން ކަމަށެވެ. މުހިންމީ ރައްޔިތުން ކަމަށާއި ޕާޓީއެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ. އޭނާއަކީ މިނިވަން މެންބަރަކަށްވުމުން އޭނާގެ މަސައްކަތަށް ޕާޓީތަކުގެ މެންބަރުން ހުރަސް އަޅާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ. އޭނާ ކުރިއަށް ދާނީ ސަރުކާރަށް ވެސް އެއްބާރުލުން ދެއްވަމުން ކަމަށް ވިދާޅުވި އެވެ.

އުޝާމް ވަނީ އޭނާގެ ކެމްޕެއިން ޖަގަހަ، ދާއިމީ އޮފީހަށް ހެދުމަށް ނިންމަވާފަ އެވެ. އަދި، ވިލިމާލޭގެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން މަޝްވަރާ އާއި ހިޔާލު ހޯދުމަށް ގަވައިދުން ރަށްވެހި ބައްދަލުވުން ބޭއްވުމަށް ވަނީ ނިންމަވާފަ އެވެ. އެއީ އޭނާގެ ވައުދެކެވެ.

މިފަހަރުގެ އިންތިހާބުގައި މަޖިލީހަށް ހަ މިނިވަން މެންބަރުން އިންތިހާބުވެވަޑައިގެންފައިވެ އެވެ. އުޝާމް، ވިލިމާލެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފައިވަނީ ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލާ ވާދަ ކުރައްވަ އެވެ. އެކަމަކު، އޭނާއާ އެންމެ ގާތުން ވާދަކޮށްފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓް ޔާމީނެވެ. އެމްޑީޕީއަށް ތިން ސިޓީގެ ގޮނޑިތަކުގެ ތެރެއިން ގެއްލުނު ހަމައެކަނި ގޮނޑިއަކީ ވެސް ވިލިމާލެ ގޮނޑި އެވެ.